ތޫފާނުގައި ގެއްލުނު 79 މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް
ތޫފާނުގައި ގެއްލުނު 79 މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އިންޑިއާގެ ހުޅަނގު އައްސޭރިފަށަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި، ކަނޑަށް ގެއްލިފައިވާ 79 މީހުން ހޯދުމަށް، އިންޑިޔާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ގެއްލުނު މީހުންނަކީ، މުމްބާއީގެ ހުޅަނގު ދެކުނުން 70 ކިލޯމީޓަރު ދުރުގައި ހުރި ތެޔޮ ނަގާ ތަނެއްގައި މަސައްކަތްކުރާ ބަޔަކާއި، އެ މީހުން ދަތުރުކުރި ބާޖުގެ ފަޅުވެރިންނެވެ. އެ މީހުން މަސައްކަތްކުރީ ތޫފާނުން ސަލާމަތްވުމަށްޓަކައި އެއްގަމަށް ދިޔުމަށެވެ.

ތޫފާނުގެ ބާރު ގަދަވެ ކަނޑު ރާޅުތައް އިންތިހާ އަށް ބިޔަވުމުން، ތެޔޮ ބާޖުގެ ކޮންޓްރޯލް ގެއްލި ދަތުރުނުކުރެވޭ ވަރަށް ހާލަތު ގޯސްވެއްޖެ ކަމަށް، ކަނޑުގެ ސިފައިންނަށް މެސެޖް ލިބުނީ ހޯމަ ދުވަހު އެވެ. އެ މެސެޖް ލިބުމާއެކު އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރެއް އެ ސަރަހައްދަށް ފުރުވައިލި އެވެ. މަނަވަރު އިއްޔެ އެ ބާޖު ކައިރިއަށް ފޯރި އިރު، ބާޖު ފެތެނީ އެވެ.

އޭރު ބާޖުން ދަތުރުކުރި މީހުންގެ ތެރެއިން 128 މީހަކު ވަނީ މަނަވަރަށް ނަގައިފަ އެވެ. އިތުރު 79 މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

ނަމަވެސް ތެޔޮ ނަގާ ކުންފުނިން ބުނި ގޮތުގައި، އެމީހުން ދަތުރުކުރި ބާޖުގައި ސަލާމަތީ ހުރިހާ ސާމާނެއް ހަމައަށް ހުންނާނެ އެވެ. އެހެންކަމުން ބާޖު ފެތުމުގެ ކުރިން، ހުރިހާ އެންމެން، ރައްކާތެރިކަމާ އެކު ބާޖުން ފައިބާފައިވާނެ ކަމަށް ބެލެވެ އެވެ.

ޓައުކްޓައޭ ގެ ނަންދީފައި މިތޫފާނުގައި ޖެހުނު ގަދަ ވަޔާއި ވެހުނު ބޯ ވާރޭގައި ބައެއް އިމާރާތްތައް ވެއްޓުމުގެ ސަބަބުން، 29 މީހަކު ވަނީ މަރުވެފަ އެވެ. މި ތޫފާނުގެ ސަބަބުން ގުޖުރާތުގެ ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ކުރިމަތިވެފަ އެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރެއިން ފެށިގެން ތޫފާނުގެ ބާރު ވަނީ ދަށްވާން ފަށައިފަ އެވެ. އަދި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މޫސުން އާދައިގެ ހާލަތަކަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.

ތޫފާނުގެ ސަބަބުން ގުޖުރާތުގެ 160 މަގެއް ހަލާކުވެ 40 ހާސް ގަސް މުލުން ލުހި، އެތައް ގެއެއް ހަލާކުވެފައިވެ އެވެ. ގަޑިއަކު 130 މޭލުގެ ބާރުމިނުގައި ވައި ޖެހުނު މި ތޫފާން ގުޖުރާތަށް އެރުމުގެ ކުރިން، އެ ތޫފާން އަރާނެ ކަމަށް ލަފާކުރެވުނު ސަރަހައްދުތަކުން، ދެ ލައްކައަށް ވުރެ ގިނަ މީހުން، ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވުނެވެ.