ދިރާގު ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދަން އެދިއްޖެ
ދިރާގު ހިދުމަތްތައް ޑިޖިޓަލްކޮށް ހޯދަން އެދިއްޖެ

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރޭތީ ހިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހޯދުމަށް ދިރާގުން އެދެފި އެވެ.

އެ ކުންފުނިން ބުނީ ޑިޖިޓަލްކޮށް ހިދުމަތް ހޯދަން އެދުނީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އެގޮތުން، ހިދުމަތްތައް ހޯދުމަށާއި ބިލުތަކަށް ފައިސާ ދެއްކުމަށް ދިރާގު މައި އެކައުންޓާއި މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފި އެވެ.

ދިރާގު މައި އެކައުންޓު މެދުވެރިކޮށް އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކުރުމާއި ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ހިދުމަތަށް އެޕްލައިކުރުމާއި ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބަލައި، ބިލް ދެއްކުމާއި ދިރާގުގެ އެކި ހިދުމަތަތަކަށް އެދުން ފަދަ ގިނަ ހިދުމަތްތައް ލިބޭނެ އެވެ. އަދި ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓާތައް އެކްޓިވޭޓް ކުރުމުގެ އިތުރުން ޕްރީޕެއިޑް ނަންބަރުތައް ޓޮޕްއަޕް ކުރެވޭނެ އެވެ.

މައި އެކައުންޓުގައި ޚިދުމަތައް ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް www.dhiraagu.com.mv/ocs މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެ އެވެ. އަދި އެހެނިހެން ކަސްޓަމާ ކެއާގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓާއި ފޭސްބުކް މެސެންޖާ އާއި، ވައިބާ ނުވަތަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން އިލްތިމާސް ކުރެ އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތްކުރަނީ ކަސްޓަމަރުން ގޭގައި ތިބޭއިރު ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.