ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަނެއްކާ ވެސް ލުޔެއް
ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަނެއްކާ ވެސް ލުޔެއް

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓި، ބޮޑެތި އަދަަދުތަކުން ޖޫރިމަނާ ދައްކަން ޖެހިފައިވާ ކުންފުނިތަކަށް ލުއިތަކެއް އަނެއްކާ ވެސް ދީ އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޖޫރިމަނާ ލުއިކޮށްދިނުމަށް އެދި އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފަ އެވެ. މިދިޔަ ޑިސެމްބަރު މަހު މިނިސްޓްރީން ގެޒެޓްކޮށްފައިވާ ގަވައިދުގެ ދަށުން ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެފައިވާ ތަންތަނަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ނަމަވެސް އަނެއްކާ ވެސް ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިގޮތަށް މުއްދަތު އިތުރުކުރީ ވީހާ ވެސް ގިނަ ބަޔަކަށް ލުއި ދިނުމުގެ ގޮތުންނެވެ. މިވަގުތު ޓޫރިޒަމް މިނިސްޓްރީން ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން 115 ރަށެއްދީފައިވެ އެވެ. މީގެ ތެރެއިން 70 ރަށެއްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި މި ރަށްރަށުން ބޮޑެތި ޖޫރިމަނާތަަކެއް ދައްކަން ޖެހިފައިވެ އެވެ.

ޓޫރިޒަމްް މިނިސްޓްރީން މިކަމުގައި އެކުލަވާއިލާފައިވާ ގަވައިދުގެ ދަށުން ކުލި ނުދައްކައިފި ނަމަ އަހަރެއްގެ މައްޗަށް 182 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހެ އެވެ. ކުންފުނިތަކުން ރިސޯޓުގެ ކުލި ދައްކަން ޖެހެނީ ކޮންމެ ތިން މަހަކުންނެވެ. އަލަށް ދިން ލުޔާ އެކު ކުލި ދެއްކުން ލަސްވެއްޖެ ނަމަ ޖޫރިމަނާގެ ޮތުގައި ދައްކަން ޖެހޭ އިތުރު 18 ޕަސެންޓެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ކުލި ދެއްކުމުގެ ގަވައިދަށް އަލަށް ގެނައި އިސްލާހާ އެކު ޖޫރިމަނާ ނުދައްކާ ތިބި ފަރާތްތަކަށް 18 ޕަސެންޓް އިތުރަށް އަރާފައިވާ ބައި މައާފުކޮށްދޭނެ ކަމަށެވެ.

މިގޮތަށް ކުލިން މާފުކޮށްދޭނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރިސޯޓުގެ މަސައްކަތް ނިންމުމަށް ޝަރުތުކޮށްފަ އެވެ. އަދި ތިން އަހަރަށް ފަހު ވެސް ރިސޯޓު ހަދާ ނުނިމެއްޖެ ނަމަ އެގްރީމެންޓް ޓާމިނޭޓް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ.