އުފާފާޅުކުރާ ވަގުތު އަދި ނުޖެހޭ: ޓުޗެލް
އުފާފާޅުކުރާ ވަގުތު އަދި ނުޖެހޭ: ޓުޗެލް

ގަދަ ހަތަރެއްގެ އުންމީދު އާވި ނަމަވެސް، ގަދަ ހަތަރެއް އަދި ޔަގީންނުވާ ކަމަށާއި އުފާފާޅުކުރަންޖެހޭ ވަގުތު އަދި ނުޖެހޭ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ، ޗެލްސީ ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޯޖީނިއޯ އާއި އެންޓޯނިއޯ ރޫޑިގާ އެވެ. ލެސްޓާ ސިޓީގެ ކެލާޗީ އިއަނާޗޯ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއްނުވި އެވެ.

މި މޮޅާއެކު ޗެލްސީ ވަނީ 67 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ލެސްޓާ 66 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތްއިރު، 63 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ ފަސް ވަނައިގަ އެވެ.

ލީގުގައި މިރޭ ބާންލީ އަތުން ލިވަޕޫލް މޮޅުވެއްޖެ ނަމަ، ލެސްޓާ ފަސް ވަނަ އަށް ވެއްޓޭނެ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ފަހު، ކޮންމެ ޓީމަކަށް ވެސް ލީގުގައި ބަކީ އޮންނާނީ އެންމެ މެޗެކެވެ.

ޓުޗެލް ބުނީ ގަދަ ހަތަރެއްގެ ފުރުސަތު ބޮޑުވިޔަސް، ގަދަ ހަތަރެއް އަދި މުޅިން ޔަގީންނުވާ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ކުރިއަށް އޮތުމާއެކު، އުފާފާޅުކުރުމުގެ ވަގުތު އަދި ނުޖެހޭ ކަމަށެވެ.

"މިއީ ވަރަށް ބޮޑު މޮޅެއް،" މެޗަށް ފަހު ޗެލްސީގެ ކޯޗު ޓުޗެލް ބުންޏެވެ. "އެކަމަކު އަދި އެއްވެސް ކަމެއް ކަށަވަރެއްނުވޭ. އަދި މިއީ އުފާފާޅުކުރަންޖެހޭ ވަގުތެއް ނޫން."

އެފްއޭ ކަޕްގެ ފައިނަލްގައި މިދިޔަ ހޮނިހިރު ދުވަހު ޗެލްސީގެ މައްޗަށް 1-0 އިން ކުރި ހޯދައި، ލެސްޓާ އިން ވަނީ ތަށި އުފުލާލައިފަ އެވެ. އެހެންކަމުން ރޭގެ މެޗަކީ ޗެލްސީ އަށް އެ މެޗުގެ ބަދަލު ހިފުމަށް ލިބުނު ފުރުސަތެކެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗަށް 8000 ސަޕޯޓަރުން ވަނީ ދަނޑަށް ވައްދައިފަ އެވެ.

ޓުޗެލް ބުނީ ސަޕޯޓަރުން ކުރިމަތީގައި ޗެލްސީގެ ކުޅުންތެރިން ތަފާތު މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މި މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަަމަށެވެ.

ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ. ޗެމްޕިއަން ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ބްރައިޓަން މޮޅުވިއިރު، ސައުތުހެމްޓަން އަތުން ލީޑްސް މޮޅުވީ 2-0 އިންނެވެ. -- އޭއެފްޕީ