19 މެއި 2021 - 12:06

އިޒްރޭލުން ޣައްޒާގައި މިހާރު ހިންގަމުންދާ އުދުވާނީ އަމަލުތައް، އަދި އިތުރު ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ވިލާތުގެ އިއްތިހާދުންނާއި ބައިނަލްއަގްވާމީ މުޖްތަމައުން އަދި އިސްލާމީ ގައުމުތަކުން ވެސް، އިޒްރޭލުގެ އުދުވާން ހުއްޓައިލުމަށް ތަކުރާރުކޮށް، ގޮވައިލަމުން ދަނިކޮށް، ނަތަންޔާހޫގެ ޖަވާބު މިއައީ ކުރިން ވެސް ހީކުރެވުނު ގޮތަށެވެ. ސަބަބަކީ، އިޒްރޭލުގެ އުދުވާން ފެށިތާ 10 ދުވަސް ފާއިތުވެގެން ދިޔައިރު، ދުވަހަކަށް ވުރެ ދުވަހެއް ހަމަލާތައް ވަރުގަދަވަމުން ދިޔުމެވެ.
އެ ގޮތުން އިއްޔެ ގާޒާ އަށް ދިން ހަމަލާތަކުގައި އެކަނިވެސް، ހަތް މީހުން ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ނޫސްވެރިއަކު ވެސް ހިމެނެ އެވެ. އިޒްރޭލުން އިއްޔެ ދިން ގިނަ ހަމަލާތައް އަމާޒުކުރީ ގާޒާގެ އެޕާޓްމަންޓް އިމާރާތްތަކަށެވެ. އިއްޔެއިން ފެށިގެން ހަމަލާތައް ވަރުގަދަކޮށް، މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުން ދާއިރު، މިއަދު ފަތިހު ދިން ހަމަލާތަކުގައި ވެސް، ފަލަސްތީނުގެ އެކަކު ޝަހީދުވެއްޖެ އެވެ.
ގާޒާ އަށް އިއްޔެ ދިން ހަމަލާތަކުގައި، ރަފަހްގެ މެދުތެރޭގައި ހުރި، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ހިންގާ އިމާރާތަކަށް ހަމަލާދީ ބިމާ ހަމަކޮށްލި އެވެ. އަދި އިއްޔެގެ ހަމަލާތަކުގައި ޒަޚަމްވި މީހަކު ގޮވައިގެން ހަސްފަތާލަށް ދިޔަ، ރެޑް ކްރެސެންޓްގެ އެމްބިއުލަންސަކަށް ވެސް ހަމަލާ ދިނެވެ. އަދި ހާނޫން އަވަށުގައި ހުރި، 12 ބުރީގެ އެޕާޓްމަންޓް އިމާރާތެއް ވެސް ބިމާ ހަމަކޮށްލި އެވެ.
ގާޒާގެ އިމާރާތްތަކަށް، އިޒްރޭލުގެ މަތިންދާބޯޓުތަކުން ބޮން އަޅަމުން ދިޔަ އިރު، ގާޒާގެ ދެކުނުން އޮންނަ ޚާން ޔޫނުސް އަށާއި ރަފަހަށް، އިޒްރޭލުގެ ޓޭންކުތަކުން ދިޔައީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ޚާންޔޫނުސްގެ އައްސޭރިފަށުގައި ހުރި އިމާރާތްތަކަށް، އިޒްރޭލުގެ ކަނޑުމަތީ ސިފައިންގެ ބޯޓުތަކުން ވެސް ހަމަލާ ދިނެވެ.
އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވި ގޮތުގައި އިޒްރޭލުން ޣައްޒާގައި ހިންގަމުން ދަނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް، ހަނގުރާމައިގެ ޖަރީމާތަކެކެވެ. އިއްޔެގެ ހަމަލާތަކުގައި އެކަނި ވެސް، އެއް އާއިލާއެއްގެ އެންމެން ޝަހީދުކޮށްލި ކަމަށް އޭނާ ވިދާޅުވި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ފޮނުއްވެވި ސިޓީއެއްގައި ރިޔާޒް މަންސޫރު ވިދާޅުވީ އިޒްރޭލުން ޣައްޒާގެ އިމާރާތްތައް ސުންނާފަތިކުރަމުން ދިޔުމުގެ ސަބަބުން، ގާޒާގެ 50 ހާހަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ ކަމަށެވެ. އަދި އިޒްރޭލުގެ ހަމަލާތަކަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ގަރާރުތަކާއި، ޖެނީވާ އެއްބަސްވުމާ ވެސް ޚިލާފަށް ހިންގާ އުދުވާނީ އަމަލުތަކެކެވެ.
އިޒްރޭލުގެ އުދުވާންތަކުގައި މިހާތަނަށް، ފަލަސްތީނުގެ 220 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 63 ކުޑަކުދިންނާއި 36 އަންހެނުން ވެސް ހިމެނެ އެވެ. އަދި އިތުރު 1500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.