19 މެއި 2021 - 12:05

އިޒްރޭލުން މިހާރު ގާޒާ އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި، ގާޒާ އަށް ލިބޭ އުމްރާނީ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، ގާޒާ އަލުން އާރާސްތުކުރުމަށް، މިސްރުން 500 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯންއާ ބައްދަލުކުރެއްވުމަށް ފަހު، މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ ވިދާޅުވީ ގާޒާ އާރާސްތުކުރުމުގެ މަސައްކަތުގައި މިސްރުގެ ކޮންސްޓްރަކްޝަން ކުންފުނިތައް ބައިވެރިވާނެ ކަމަށެވެ. އަދި އިޒްރޭލުގެ އުދުވާންތައް ހުއްޓުވުމާ ބެހޭ ގޮތުން، ޑިޕްލޮމެޓިކް ގޮތުން މިހާރު ކުރަމުން އަންނަ މަސައްކަތުން ވަރަށް އަވަހަށް ނަތީޖާ ނެރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ސީސީ ވިދާޅުވި އެވެ.
އިޒްރޭލުގެ އުދުވާންތައް ހުއްޓުވުމާ ބެހޭ ގޮތުން ސީސީއާ އެކު ދެން ބައިވެރިވެވަޑައިގަންނަވަނީ، ފަރަންސޭސި ރައީސާއި އުރްދުންގެ ރަސްގެފާނު އަބްދުﷲ އެވެ. ތިން ވެރިންގެ މި މަހާސިންތާގައި އަބްދުﷲ ރަސްގެފާނު ބައިވެރިވެވަޑައިގަންނަވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިންނެވެ.
ހަމަލާތައް ހުއްޓައިލުމަށް ފަހު، ގާޒާ އަށް އެންމެ އަވަހަށް ބޭނުންވާނެ ކަންތަކަކީ ކޮބައިތޯ ބެލުމަށް، ފަލަސްތީނު ސަރުކާރާ އެކު މަޝްވަރާކުރުމަށް، މިސްރު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް، ސީސީ މިހާރު ވަނީ އަންގަވައިފަ އެވެ. އޭގެ އިތުރުން، މިސްރާއި ފަލަސްތީނު އެއްގަމުން ގުޅިފައިވާ ރަފަހް ބޯޑަރު ވެސް ހުޅުވައިލުމަށް ސީސީ މިހާރު ވަނީ އަންގަވައިފަ އެވެ.
ރަފަހް ބޯޑަރު ހުޅުވައިލުމާ އެކު، ވިޔަފާރީގެ ބޭނުންތަކުގަ އާއި މިސްރުގައި ކިޔަވާ ފަލަސްތީނުގެ ދަރިވަރުންނާއި، ބޭސްފަރުވާގެ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ގާޒާ އިން މިސްރުގެ ސީނާއަށް އަންނަން ފަށައިފި އެވެ.
އިޒްރޭލުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި، ގާޒާގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. ބައެއް އިމާރާތްތަކަށް ހަމަލާ ދީފައިވަނީ، އެޕާޓްމަންޓްތަކުގައި މީހުން ނިދާފައި ތިއްބައި ރޭގަނޑު ދަންވަރުގެ ވަގުތުގަ އެވެ.
ޣައްޒާގެ ކޮންމެ އިމާރާތަކަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލުން ބުނެފައިވަނީ، އެއީ ހަތިޔާރު އެޅި ހަނގުރާމަވެރިން، ފިލައިގެން އުޅޭ ތަންތަން ކަމަށެވެ. އެ ގޮތުން، ގާޒާގައި އަލްޖަޒީރާގެ އިދާރާ އާއި އޭޕީ ނިއުސް އޭޖެންސީ ހިންގާ އިމާރާތަށް ވެސް ހަމަލާދިނީ އެ ބަހަނާގަ އެވެ.