19 މެއި 2021 - 11:58

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް ހުކުރު ދުވަހު ބާއްވަން އުޅުނު ހިނގާލުން ފަސްކުރަން ނިންމައިފި އެވެ.
މި ހިނގާލުން އިންތިޒާމުކުރާ ޒުވާނުންގެ ޓީމު ކަމަށްވާ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން ބުނީ މި ހަރަކާތް ފަސްކުރަން ނިންމީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިނގާލުން ބޭއްވުމާ މެދު އާންމުންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށެވެ.
އެ މޫވްމަންޓުން ބުނީ ހިނގާލުމެއްގެ ބަދަލުގައި މި ހަރަކާތަކީ ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމުގެ އިވެންޓަކަށް ބަދަލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިޒުރޭލާ ދެކޮޅަށް އިއްޔެ ވެސް މާލޭގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައީ ގޭގައި ތިބެގެންނެވެ. ފަލަސްތީނާއި ރާއްޖޭގެ ދިދަ ހިފައިގެން ބެލްކަނީތަކަށާއި ގޭ ދޮރުމައްޗަށް ނުކުމެ ވަރަށް ގިނަ މީހުން އަޑުއުފުލި އެވެ. މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުން ވެސް ވަރަށް ގިނަ މީހުން މިކަމުގައި ބައިވެރިވި އެވެ.
އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ، މިދިޔަ ރޯދަ މަހުގެ ފަހު 10 އަކުން ފެށިގެން އިޒުރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް މީހަކު ޝަހީދުވެ، ޒަހަމްވެ އަދި ހާލުގައި ޖެހެމުންދާތީ އެވެ.