"ފްރީ ފަލަސްތީން" އުނިކުރުމުން އެމްއޭސީއެލް ހޫނުފެނަށް!
"ފްރީ ފަލަސްތީން" އުނިކުރުމުން އެމްއޭސީއެލް ހޫނުފެނަށް!

ފަލަސްތީނުގެ ދިފާއުގައި އެމްއޭސީއެލުން ކުރި ޓްވީޓް ޑިލީޓް ކޮށްގެން އާންމުން ފާޑުކިޔަމުން ދަނިކޮށް، އަލުން ޓްވީޓްކުރިއިރު "ފްރީ ފަލަސްތީން" އުނިކޮށްގެން އާންމުން ރުޅިގަދަވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި އެމްއޭސީއެލުން ފުރަތަމަ ކުރި ޓްވީޓުގައި ވަނީ "ފްރީ ފަލަސްތީން" ހޭޝްޓެގް ބޭނުންކޮށްފަ އެވެ. ނަމަވެސް ޓްވީޓު ކުރިތާ ގިނަ އިރުތަކެއް ނުވަނީސް އެ ޕޯސްޓު ޑިލީޓްކުރި އެވެ. އަދި އިރުގަނޑެއް ފަހުން އަލުން ޓްވީޓްކުރި އިރު އެ ހޭޝް ޓެގެއް ނެތެވެ.

އާންމުން ދެކޭ ގޮތުގައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން ސަރުކާރުގެ ޕޮލިސީއާ ހިލާފަށް އެކަން އެގޮތަށް ކޮށްގެން ނުވާނެ އެވެ. ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވެސް ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލި އިރު، އެއާ ހިލާފަށް ކަންތައްތައް ކުރުމުގެ އިހުތިޔާރު ލިބިފައި ވަނީ ކިހިނެއްތޯ އާންމުން ސުވާލު ކުރި އެވެ. އަދި ގައުމުގެ ރައީސް ވެސް އެ ހޭޝްޓެގް ބޭނުން ކުރެއްވި އިރު، އެމްްއޭސީއެލުން އެ ޓެގް އުނިކުރި ސަބަބެއް އާންމުންނަށް އެނގެން ޖެހޭނެ ކަމަށް ވެސް އާންމުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން އެމްއޭސީއެލުން ޓްވީޓު ޑިލީޓް ކުރީ އެ ކުންފުނީގެ ސީއީއޯ އެދިގެން ކަމަށާއި އޭނާ ވަގުތުން އިސްތިއުފާ ދިނުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެ ކުންފުނީގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓްއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ބޭފުޅެކެވެ.

މީހަކު ކުރި ޓްވީޓެއްގައި ބުނީ ސަރުކާރުގެ ކުންފުންޏަކަށް ފަލަސްތީން މިނިވަން ކުރަން ގޮވާލަން ނުކެރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ އެ ކުންފުނީގެ ސީއީއޯގެ ސަބަބުން ދިމާވާ ކަމެއް ނަމަ އެންމެ ރަނގަޅުގޮތަކީ ވަގުތުން އިސްތިއުފާ ދިނުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްއޭސީއެލްގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ފަލަސްތީނަށް ތާއީދުކޮށް ކުރި ޓްވީޓުވެސް ވަނީ ޑިލީޓުކޮށްފަ އެވެ. އެ އެކައުންޓުން ކުރި ޓްވީޓުގައި ވެސް "ފްރީ ފަލަސްތީން" ހޭޝްޓެގް ބޭނުންކުރި އެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތަށް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެ އެކައުންޓުން ޓްވީޓު ޑިލީޓު ކުރުމަށްފަހު އަލުން ޓްވީޓު ނުކުރެ އެވެ.

އެކަމަކު އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "މިހާރު" އަށް ވިދާޅުވީ ޓްވީޓް ޑިލީޓު ކުރުމާ އެ ކުންފުނީގެ ސީއީއޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޓްވީޓަށް ބަދަލު ގެނައީ އެ ކުންފުނީގެ ކޯޕަރޭޓް ޕޮލިސީގެ ދަށުން ކަމަށް ވެސް އޭނާ ވިިދާޅުވި އެވެ.

"މި ކުންފުންޏަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮޕަރޭޓް ކުރާ ކުންފުންޏަކަށް ވާތީ އަޅުގަނޑުމެންގެ ކޯޕަރޭޓް ޕޮލިސީގެ ދަށުން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހެވޭ. އެހެންވެ އެބައި އުނިކުރީ. ސީއީއޯއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން މިއީ،" ހަސަން ވިދާޅުވި އެވެ.

ޓްވީޓުން އެބައި އުނިކުރީ، އެނގިފައިވާ ގޮތުގައި ފަލަސްތީން މިނިވަން ކުރަން ގޮވާލުމުން އެކަން ސިޔާސީ ކަމަކަށް ވެދާނެތީ އެވެ. އަދި ޓްވީޓް ޑިލީޓުކޮށް ބަދަލުތައް ގެނައީ އެމްއޭސީއެލްގެ މެނޭޖަރަކު ވިދާޅުވެގެން ކަމަށް ވެސް ވެ އެވެ.

ފަލަސްތީނާ އެއްކޮޅަށް ދިވެހިން ތިބިކަން ހާމަކޮށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އިއްޔެ ވަނީ ޓްވީޓުތައް ކޮށްފަ އެވެ. މީގެ ތެރޭގައި އެސްޓީއޯ އާއި ސްޓެލްކޯ އާއި ދިރާގު ހިމެނެ އެވެ. މި ކުންފުނިތަކުން ވަނީ "ފްރީ ފަލަސްތީން" މި ހޭޝްޓެގް ބޭނުންކޮށްފަ އެވެ.