19 މެއި 2021 - 00:34

ފަލަސްތީނަށް ތާއީދުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓު ޑިލީޓް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އެ ކުންފުނިން އަލުން ޓްވީޓް ކޮށްފި އެވެ.

ފުރަތަމަ ޕޯސްޓް ޑިލީޓް ކުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން އެ ކުންފުނިން ކުރީ، ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓް ވިދާޅުވެގެން ކަމަށް ބުނެ ތުހުމަތު ކޮށްފަ އެވެ. ސަރުކާރުން ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، ސަރުކާރުގެ ކުންފުންޏަކުން އެފަދަ ޕޯސްޓެއް ޑިލީޓު ކޮށްގެން ނުވާނެ ކަމަށް އެތައް ބަޔަކު ދެކެ އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު “މިހާރު”އަށް ވިދާޅުވީ ޓްވީޓު ނެގީ އެމްއޭސީއެލް ފަދަ ކުންފުންޏަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރާއިރު، ސެންސިޓައިޒް ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ޓްވީޓު ޑިލީޓް ކުރުމުގައި ސީއީއޯގެ އެއްވެސް އަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުންފުނީގެ ސީއީއޯއަކީ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ.
"އެ ޕޯސްޓް ނެގީކީ ކޮންމެހެން މީހަކު ބުނެގެނެއް ނޫން. އެކަމަކު ގެންނަން ޖެހޭ ބަދަލުތަކެއް ހުރީމާ ނެގީ،" ހަސަން ވިދާޅުވި އެވެ.
އެމްއޭސީއެލުން ފަހުން ކުރި ޓްވީޓުގައި ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އާ ޓްވީޓުގައި ވަނީ ކުރީގެ ޓްވީޓުގައި އިން "ހޭޝް ޓެގް ފްރީ ފަލަސްތީން" އުނިކޮށްފަ އެވެ.
މި ޕޯސްޓުގައި ދިވެހިން ތިބީ ފަލަސްތީނާއެކު ކަމަށް ބުނެފައިވާ ލިޔުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.