ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެ ހަފުތާވަރު ނަގާނެ: އެޗްއޯއީސީ
ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެ ހަފުތާވަރު ނަގާނެ: އެޗްއޯއީސީ

ރާއްޖޭގައި ކޮވިޑް-19 ހަލުއި ކަމާއެކު ފެތުރެމުން ދާތީ، ބަލި ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެނި، ބަލި ޖެހޭ މީހުންގެ އަދަދު މަދުވާން ދެ ހަފުތާވަރު ނަގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

ކޮވިޑްގެ ބަލިމަޑުކަން މިހާރު ރާއްޖޭގައި އޮތީ، އިންތިހާއަށް ގޯސްވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު މަދުވެގެން 800 ގައި އުޅޭތާ ހަފުތާއެއް ވެއްޖެ އެވެ.

އެއާއެކު ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގުމާއި އެހެނިހެން ގިނަ ހިދުމަތްތައް ހުއްޓާލުން ހިމެނެ އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމުން ވާހަކަ ދެއްކެވި ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ މިފަދަ ފިޔަވަޅުތަކުުގެ ނަތީޖާ ފެންނަން އާއްމުކޮށް ދެ ހަފުތާވަރު ނަގާނެ ކަމަށެވެ. ފިޔަވަޅުތައް ފުރަތަމަ އަޅާއިރު، ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކޮށް، އިންފެކްޝަން ފެތުރިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާއެކު އަލާމާތްތައް ފެންނަން ފަށައި، ޓެސްޓުތައް މި ހަދަނީ. މިހާރު މި ފެންނަނީ ޓެސްޓުތަކުގެ ނަތީޖާ،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް މީހުންގެ މޫވްމަންޓްތައް އެއްކޮށެއް މަދެއް ނުވެ އެވެ. އެކަމަކު މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށް ވިދާޅުވި އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން ކާފިއު އިއުލާން ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ މުއްދަތު މި މަހުގެ 25 އާ ހަމައަށް ދަންމާލަން އެޗްޕީއޭއިން މިހާރު ވަނީ ނިންމައިފަ އެވެ.

ކާފިއުގެ އިތުރުން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރަންޓުތައް ހުޅުވައިގެން ކެއުންބުއިމުގެ ހިދުމަތް ދިނުން ވެސް މި މަހުގެ 25 އާ ހަމައަށް މަނާވާނެ އެވެ. ނަމަވެސް ދަންވަރު 12 އާ ހަމައަށް ޑެލިވަރީ/ޓޭކްއަވޭގެ ހިދުމަތް ކެފޭ/ރެސްޓޯރަންޓުތަކުން ދެވޭނެ އެވެ. މީގެ އިތުރުން ކާފިއު ގަޑީގައި ފިހާރަތައް ހުޅުވުން ވެސް މަނާކޮށްފައިވާއިރު، އެ ތަންތަނުން ވެސް ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ 18،221 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 268 މީހުން އެޑްމިޓްކޮށްފައިވާއިރު، ކޮންމެ ދުވަހަކު ދެ މީހަކު ކަހަލަ ގޮތަކަށް މިހާރު ދަނީ މަރުވަމުންނެވެ.