18 މެއި 2021 - 22:34

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ފުލުހުން މިރޭ މާލޭން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މި ތުހުމަތަށް ހައްޔަރުކުރީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މީހަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މައްސަލާގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ އަލިމަނިކެވެ.
ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އަލިމަނިކަށް ހުކުމްކޮށް ޖަލަށް ލާފައި ވަނިކޮށް 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން އަލިމަނިކު ހައްޔަރުކޮށްފައިވެ އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލި އެވެ. އަދި 2009 ވަނަ އަހަރު ގދ.ތިނަދޫގައި މީނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް ގދ.ތިނަދޫ އިން ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން ވެސް މަސައްކަތްކުރި އެވެ.
ޖަލުން މިނިވަންވުމަށް ފަހު ވެސް އަލިމަނިކަކީ ހަރުކަށި ފިކުރާ ގުޅުން ހުރި އެކި ކަންކަމުގައި ބައިވެރިވެ އެކަމަށް ހިތްވަރުދޭ މީހެއް ކަމަށް ތުހުމަތުކުރެ އެވެ. ނަމަވެސް ދާދި ފަހުން ބަޔަކު އާންމުކުރި އަލިމަނިކުގެ ވީޑިއޯއެއްގައި، ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދައްކައި، އެއީ ރަނގަޅަށް ދީން ނުދަންނަ މީހުން ވިސްނައިދީފައި އޮންނަ ގޮތް ކަމަށް އޭގައި ބުނެ އެވެ. ނަމަވެސް އެ ވީޑިއޯ އާންމުކޮށްފައި ވަނީ ވެސް އަލިމަނިކާ ގުޅުން ހުރި، ހަރުކަށި ފިކުރުގެ މައްސަލަތަކެއް ފެންމަތިވެފައި އޮއްވަ އެވެ.
އަލިމަނިކު ޖަލުން ފިލައިގެން އުޅެފައިވަނީ ސިފަ ވަރަށް ބޮޑަށް ބަދަލުކޮށްގެން، އާންމުންގެ ތެރޭގައި ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
އަލިމަނިކު ހައްޔަރު ހައްޔަރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮަޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް އިތުރުކޮށްފައި ވަނިކޮށެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ހަމަލާއާ ގުޅުން ހުރި މައްސަލައެއްގައި ކަމެއް ނޭނގެ އެވެ.
ރައްޔިތުންގެ މަޖިލީސް ގޮއްވާލަންވީ ކަމަށް ސޯޝަލް މީޑިއާގައި މީހަކު ކުރި ކޮމެންޓަކާ ގުޅިގެންނާއި ސަލާމަތީ ކަންކަމާ ގުޅުން ހުރި އެހެން މައުލޫމާތުތަކާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ފުލުހުން މި ދުވަސްވަރު އަންނަނީ ބަލަމުންނެވެ.