19 މެއި 2021 - 10:41
މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާގައި ގޮއްވައިލި އެއް އިމާރާތަކީ، އަލްޖަޒީރާގެ ޣައްޒާ އޮފީހާއި، އޭޕީ ނިއުސް އޭޖެންސީގެ ޣައްޒާ އޮފީސް ހިންގާ އިމާރާތެވެ. އޭގެ އިތުރުން އަމިއްލަ ބައެއް މީހުންގެ އޮފީސްތަކާއި، މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކެއް ވެސް، 12 ބުރީގެ އެ އިމާރާތުގައި ހުރެ އެވެ.
އެދުވަހުގެ މެންދުރު ވަނިކޮށް – ހަމަލާ ދިނުމުގެ ގަޑިއެއްހާއިރު ކުރިން – އެ އިމާރާތުގެ ވެރި މީހާއަށް އައީ ފޯން ކޯލެކެވެ. ވާހަކަ ދައްކަނީ އިޒްރޭލުގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާއިން ކަމަށް ބުނެ، ގަޑިއެއްހާއިރުގެ ތެރޭގައި އެ އިމާރާތުން މީހުން ހުސް ކުރުމަށް އެންގި އެވެ. އެއީ އެ އިމާރާތަށް ބޮން އަޅައި ގޮއްވާލަން، އިޒްރޭލުން ނިންމާފައިވާތީ ކަމަށް ވެސް ބުންޏެވެ.
އެ ފޯން ކޯލް ނިމުމުނުތާ ގަޑިއެއްހާއިރު ފާއިތު ވީތަނާ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ފުލުފުލުގައި ފޮނުވައިލި ތިން މިސައިލް އަރައި، ސިކުންތުކޮޅެއްގެ ތެރޭގައި އެ އިމާރާތް ބިމާ ހަމަވި އެވެ.
ޣައްޒާގެ ބައެއް އިމާރާތްތަކަށް ބޮން އަޅައި ބިމާ ހަމަކޮށްލުމުގެ ކުރިން، އެ އިމާރާތުގައި އުޅޭ ކޮންމެވެސް މީހަކަށް، އެފަދަ ފޯނުކޯލެއް ލިބެ އެވެ. އަދި މަދު މިނިޓްކޮޅެއްގެ ތެރޭގައި، އިޒްރޭލުގެ ހަމަލާތައް އަމާޒުވެ އެ އިމާރާތްތައް ބިމާ ހަމަވެ އެވެ.
މަތީގައިވާ ވީޑިއޯގައި އެވަނީ ވެސް، ޣައްޒާގެ ގެއެއްގައި ދިރިއުޅޭ މީހަކަށް އައި އެފަދަ ފޯނު ކޯލެކެވެ. ތިރީގައި މި ލިޔެލަނީ އެ ފޯން ކޯލުގައި ދައްކާފައި ހުރި ވާހަކަތަކެވެ.
އިޒްރޭލުގެ އޮފިސަރު ހަލޯ އޭ ބުނުމުން، އަބޫ ޔޫނުސް، އައްސަލާމް އަލައިކުމްއޭ ބުނެ އެވެ. އެއާ އެކު އިޒްރޭލުގެ އޮފިސަރު ސަލާމުގެ ރައްދު ދިނުމަށް ފަހު، ވާހަކަ ދައްކަނީ އަބޫ ޔޫނުސްތޯ ސުވާލު ކުރެ އެވެ.
އާނއެކޭ މިއީ އަބޫ ޔޫނުސްއޭ، ކުރިއަށް ދާށޭ ބުނުމުން، އަބޫ ޔޫނުސްގެ ހާލު ކިހިނެއްތޯ، އިޒްރޭލުގެ އޮފިސަރު ސުވާލު ކުރެ އެވެ.
ޖަވާބުގައި އަބޫ ޔޫނުސް "ހުރިހާ ކަމެއް ވެސް ރަނގަޅޭ، އަލްޙަމްދު ލިﷲ" އޭ ބުނުމުން، ކަލޭ ތި ހުރީ ގޭގައިތޯ ސުވާލު ކުރެ އެވެ. "އާނ މި ހުރީ ގޭގަ" އޭ ބުނުމުން، މި ވާހަކަ ދައްކަނީ އިޒްރޭލުގެ އަސްކަރިއްޔާއިން ރާމީ ކަމަށް ބުނެ އެވެ.
އެހެން ބުނުމަށް ފަހު، ކަލޭ ދިރިއުޅެނީ ބެންކުގެ ކައިރީގައި އަދި ކްލިނިކެއްގެ ކައިރީގައި ހުންނަ ގެއެއްގައިތޯ، އިޒްރޭލު އޮފިސަރު ސުވާލުކުރެ އެވެ. އަދި ވީހާ އަވަހަކަށް ގެ ހުސް ކުރުމަށް، އަބޫ ޔޫނުސް އަށް އަންގަ އެވެ. އެއަށް ފަހު، "އަހަރެމެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ބެންކަށް ހަމަލާ ދޭނަން" ކަމަށް، އިޒްރޭލުގެ އޮފިސަރު ބުނެ އެވެ.
"އަހަރެމެން އަޅާނީ ވަރަށް ބޮޑު ބޮމެއް. އެ ބޮން އެޅުމުން ކަލޭމެންނަށް ވެސް ނުރައްކާ ވެދާނެ. އެހެންވީމާ، ކަލެއާއި ކަލޭގެ އާއިލާ ގެއިން ނުކުމެގެން، ބެންކާ ބައި ކިލޯމީޓަރަށް ވުރެ ދުރަށް ދޭ. އެނގިއްޖެ ތަ؟ ކަލެއާ އެކީ ކިތައް މީހުން ތިގޭގައި ދިރިއުޅޭތަ." އިޒްރޭލުގެ އޮފިސަރު ސުވާލު ކުރެއެވެ.
އޭގެ ޖަވާބުގައި، މި ގޭގައި ތިން އާއިލާއެއްގެ މީހުން އުޅޭ ކަމަށާއި އެއީ ޖުމްލަ 20 މީހުން ކަމަށް، އަބޫ ޔޫނުސް ބުނެއެވެ. ރައްދުގައި އިޒްރޭލުގެ އޮފިސަރު ބުނަނީ، ގޭގައި އުޅޭ އެންމެން ގާތުގައި ވެސް ގެއިން ނުކުތުމަށް ބުނުމަށާއި، ގެ ހުސްކުރަންދެން ހަމަލާ ނުދީ މަޑުކޮށްލާނެ ކަމަށާއި، ނަމަވެސް މާ ގިނަ ވަގުތެއް ދެވެން ނެތް ކަމަށެވެ.
"އަހަރެމެންގެ ގެ ހުންނަނީ ބެންކާ ދުރުގައި،" ކަމަށް އަބޫ ޔޫނުސް ބުނުމުން، ޖަވާބުގައި އިޒްރޭލުގެ އޮފިސަރު ބުނެ އެވެ؛ "ނިކަން އަޑު އަހާ ބަލަ. މިއީ ނުރައްކާތެރި ކަމެއް. ކަލޭމެން ގެއިން ނުކުމެގެން ދޭ. އަދި ބެންކާ ބައި ކިލޯމީޓަރަށް ދުރަށް ޖެހޭ. ކުޑަކުދިންނާއި އަންހެނުން ވެސް ގޮވައިގެން ދޭބަލަ. މިއަޅަން އުޅެނީ ބޮޑު ބޮމެއް،"
"އަހަންނަން ތިޔަހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި އެންމެން ގެއިން ނެރެ ގެ ހުހެއް ނުކުރެވޭނެ. އެންމެ މަދުވެގެން ވެސް 2 ގަޑިއިރު ބޭނުންވާނެ އެންމެން ގެއިން ނުކުމެގެން ދާން،" އަބޫ ޔޫނުސް ޖަވާބުގައި ބުނެ އެވެ.
އަބޫ ޔޫނުސްގެ މި ޖަވާބަށް އިޒްރޭލުގެ އޮފިސަރު ރައްދު ދެމުން ބުނީ "އެހެންވިއްޔާ ދެން އަހަރެމެން ބަޑި ޖަހާނީ" ކަމަށެވެ. އޭގެ ޖަވާބުގައި އަބޫ ޔޫނުސް ބުނަނީ، "އެހެން ވިއްޔާ ކަލެއަށް ފެންނަ ގޮތަކަށް އަމަލު ކުރިޔަސް ފަރުވާލެއް ނެތް" ކަމަށެވެ.
އޭގެ ރައްދުގައި އިޒްރޭލުގެ އޮފިސަރު ބުނީ، މަރުން ސަލާމަތް ވުމަށްޓަކައި ކޮންމެ މީހަކު ކޮންމެ ފަދަ ކަމެއްވެސް ކުރަންޖެހޭނެ ކަމަށެވެ. "ކަލޭގެ ދަރިންގެ ފުރާނަ ސަލާމަތް ކުރުމަކީ ކަލޭގެ މަސްއޫލިއްޔަތެއް. ކަލޭމެން ބޭނުންވަނީ ޝަހީދުވާންތަ."
ޖަވާބުގައި އަބޫ ޔޫނުސް ބުނެއެވެ؛ "ކަލޭމެންގެ މުޑުދާރުކަމާއި ފިނޑިކަން ސާބިތުކޮށްދޭން ވެސް އަހަރެމެން މިތިބީ ޝަހީދުވާން ތައްޔާރަށް. މާތް ﷲ ކަލޭމެންނަށް ލަޢުނަތް ލައްވާށި! މާތް ﷲ ކަލޭމެންނަށް ލަޢުނަތް ލައްވާށި! އުޑަށް ކޮންމެ އެއްޗެއް އެއްލިޔަސް، އެ އެއްޗެއް ވެއްޓޭނީ ބިމަށް. ކަލޭމެން ބޭނުން ކޮންމެ ކަމެއް ކުރޭ. އަހަރެމެން ގެއަކުން ނުނިކުންނާނަން. ބެންކަށް ވެސް ހަމަލާ ދީ. ކަލޭމެން ބޭނުން ކޮންމެ ތަނަކަށް ހަމަލާދީ."
އިޒްރޭލު އޮފިސަރު އަދިވެސް މަސައްކަތް ކުރީ އަބޫ ޔޫނުސް ހައްލާލައިގެން ގެއިން ނެރެލުމަށެވެ. "ކަލޭ ބޭނުންވަނީ ކަލޭގެ ދަރިންކޮޅު މަރުވާންތަ؟ މިއީ އަހަރެންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން. ވަރަށް ސާފުކޮށް މި ބުނަނީ، މިއީ އަހަރެންގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން. މިއީ މުޅިން އެހެން ބައެއްގެ ބާރުގެ ދަށުގައި އޮތް ކަމެއް. އަހަރެން ބޭނުންވަނީ ކަލޭ ވެސް ކަލޭގެ ދަރިން ވެސް ސުލްހަވެރިކަމުގައި އުޅެން."
ޖަވާބުގައި އަބޫ ޔޫނުސް ބުނީ؛ "ކަލޭމެންގެ ފަރާތުން ލިބޭ ސުލްހަވެރިކަމެއް އަހަރެމެން ބޭނުމެއް ނޫން،" ކަމަށެވެ.
"ގެއިން ނުނިކުމެއްޖެއްޔާ އެއީ އަމިއްލައަށް މަރުވުން. އެއީ ހަރާމް ކަމެއް. ގުރުއާނުގައި ވެސް ހަރާމްކޮށްފައި އޮތް ކަމެއް." އިޒްރޭލުގެ އޮފިސަރު ޖަވާބު ދިނެވެ.
އަބޫ ޔޫނުސް ޖަވާބުގައި ބުންޏެވެ؛ "ކަލޭ ދަންނަންތަ ގުރްއާން. ކަލެއަކީ ހަގީގަތުގައި ކީރިތި ޤުރްއާނުގައި މާތް ﷲ ލަޢުނަތް ލައްވާފައިވާ މީހުންގެ ތެރެއިން މީހެއް. ކަލޭ ބޭނުން ކަމެއް ކުރޭ. އަހަރެމެން ކޮންމެ މީހަކީ ވެސް މަރުވާނެ މީހެއް. އަހަރެމެން މަރާ މެދު ދެކެނީ، ކަލޭމެން ދިރި ތިބުމާ މެދު ދެކޭ ގޮތަށް. ކަލޭ ތި މަސައްކަތްކުރާ އިޒްރޭލު ސިފައިންގެ ވެރިންގެ ގާތުގައި ބުނޭ، އަބޫ ޔޫނުސް އޭނާގެ ގެ ދޫކޮށެއް ނުދާނެޔޭ."
މިއީ އަބޫ ޔޫނުސް އާއި އޭނާ ފަދަ ފަލަސްތީނުގެ ކޮންމެ އާއިލާއެއް އަބަދުމެ ތަހައްމަލް ކުރަމުންދާ ވޭނާއި ހިތްދަތިކަމެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައަށް ފެނިގެން ދަނީ، އާރެއް ބާރެއް ނެތް، ފަލަސްތީނު ރައްޔިތުންގެ ހިތްވަރާއި، އިޒްރޭލު ސިފައިންގެ ލާއިންސާނިއްޔަތު ކަމެވެ.
ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކާއި، އދ. މަޖިލީހުގެ އެންމެހައި ގަރާރުތަކަށް ގޮންޖަހަމުން، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން ތިބި ޔަހޫދީ ސިފައިން، އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ފައްސައިލަމުންދާ އިރު، ބައިނަލްއަގްވާމީ މުޖްތަމައު ކޮބައި ހެއްޔެވެ؟ އިސްލާމީ އުންމަތް ކޮބައި ހެއްޔެވެ؟