18 މެއި 2021 - 22:03

ކޮވިޑް-19އަށް ފަރުވާ ދެމުން ދަނިކޮށް އަނެއްކާ ވެސް މިއަދު މީހަކު މަރުވެއްޖެ އެވެ. މި ބަލީގައި މިއަދު އިތުުރު މީހަކު ވެސް ވަނީ މަރުވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނިގޮތުގައި މިރޭ 8:42ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 66 އަހަރުގެ އަންހެނެކެވެ. މިއީ މި މަހު ރާއްޖޭން މަރުވި 32 ވަނަ މީހާ އެވެ.
ރޭ ދަންވަރު 12:10ގައި މަރުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ، 73 އަހަރުގެ މީހެކެވެ.
އިއްޔެ ވެސް ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް ބަލީގައި 105 މީހަކު މަރުވެއްޖެ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނައިން މަރުވެފައި ވަނީ 12 މީހެކެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅައިފަ އެވެ. ނަމަވެސް ކޮންމެ ދުވަަހަކު ކޮވިޑްގެ އެތައް ސަތޭކަ ކޭހެއް އަލަށް ފެންނަމުން ދާއިރު ފިޔަވަޅުތަކާ އެކު ވެސް އަދި ކޭސްތައް ދަށްވާ ތަނެއް ނުފެނެ އެވެ. އިއްޔެ އެކަނި ވެސް އަލަށް 1،433 ކޭސް ފެނިފައިވެ އެވެ. މިހާތަނަށް ރާއްޖޭން 45,956 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.