ތަރުބިއްޔަތު
ތަރުބިއްޔަތު

އާދިއްތަ ދުވަހާ ގުޅޭ

އަހަރެންގެ މޫނުމަތިން މަންމައަށް އެ ކަން އެނގުނެވެ.

"ބައްޕަ ކޮބާ؟" އަހަރެން އެހީމެވެ.

"ކީއްކުރަން ބައްޕަ ހޯދަނީ؟" މަޑުމަޑުން މަންމަ އެހިއެވެ. "ތި އުޅެނީ ބޮނޑިއެއް ބޯންތަ؟ ކައިވެންޏާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދަރިފުޅު އަހައިފިއްޔާ ބައްޕަ ހުރިހާ އެއްޗެއް ގޮވާލާނީ މަންމައަށް. އަބަދުވެސް ދައްކާނީ ދަރިފުޅު ތަރުބިއްޔަތުކުރަން މަންމައަށް ނޭނގުނު ވާހަކަ."

"ކާކު؟" ބައްޕަ އެހި އަޑު އިވުނެވެ.

ދޮރު ކައިރިއަށް ބައްޕަ އައުމުން މަންމަ ދޮރު ހުޅުވައިލިއެވެ. އަހަރެން އެތެރެއަށް ވަނީމެވެ. މަންމަ ވެސް ވަނެވެ.

"ކިހިނެއްވީ؟" ބައްޕަގެ ރާގު އޭރު ވެސް ހުރީ ހަރުކަށިކޮށެވެ.

މަންމަގެ މޫނާއި ދެލޮލުން އެތައް ހަރަކާތެއް ކުރަމުން ގެންދިޔައެވެ. ކައިވެނީގެ ވާހަކަ ނޭހުމަށް، އާދޭހާ އެކުގައި އެދެމުންދިޔައެވެ. އެއިން އެއްވެސް މަންޒަރެއް ނުފެންނަ ކަމަށް ހެދިފައި އަހަރެން ބޭނުން އެއްޗެއް އަހަންނަށް ބުނެވިދާނެއެވެ. އެހެން ހަދައިފިއްޔާ، މަންމަ ރޯ މަންޒަރު އަހަރެން ދެކެން ޖެހޭނެއެވެ. އެކަމަކު ކޮޓަރިއަށް ވަދެވިއްޖެއެވެ. ބައްޕަގެ ކުރިމައްޗަށް ހުއްޓެވިއްޖެއެވެ. ދައްކާނެ އެހެން ބަހަނާއެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން އަވަހަށް ކޮޓަރިން ނުކުތީއެވެ.

"ކީއްކުރަންބާ އޭނަ އައީ؟" ބައްޕަ އެހި އަޑު އަހަންނަށް އިވުނެވެ.

"ތި އެނގޭނީ އޭނައަކަށްނު!" މަންމަގެ ޖަވާބު ވެސް، ކޮންމެވެސް ވަރަކަށް އަހަންނަށް އިވުނެވެ.

ބައްޕަޔާ ހަމައަށް މައްސަލަ ނުގެންދެވުމުން ދެން އަހަރެން އެނބުރެން ޖެހުނީ ބޭބެޔާ ދިމާއަށެވެ. ބޭބެ ހުރީ ސިންގަޕޫރުގައެވެ. އަހަރުމެން މަޝްވަރާކުރީ ވައިބައިންނެވެ. އަހަރެންގެ ހާލަތު ބޭބެއަށް ވިސްނެއެވެ. ބޭބެގެ އުޒުރު އަހަންނަށް ގަބޫލުކުރެވެއެވެ. ބައްޕައަކީ ބޯހަރު މީހެކެވެ. އަމުދުން ފޯނުން ބައްޕައަށް ގުޅައިގެން ބޭބެއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނުބެހޭ ކަންކަމާ ބެހިގެން ބޭބެ މާލެ ވެސް ގެނެއްސާނެއެވެ. ބައްޕައަކީ އެ ކަހަލަ މީހެކެވެ.

ދެން އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ އުމުރުން ސަތާރަ އަހަރުގައި މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއަށް ވުރެ، މަރުވުން ވެސް އަހަރެންގެ ހިތަށް މާ ފަސޭހައެވެ. އެކަމަކު، ކުފުރު މަރަކުން މަރުވެގެން ނަރަކަޔަށް ދާކަށް ވެސް ބޭނުމެއް ނޫނެވެ. އަހަރެން ރުއިން ނޫން ކަމެއް ނުކުރަމެވެ. ބައެއް ފަހަރު މަންމަ ފެނުނީމައި، ރޯކަމަށް ހެދިގެން ވެސް އަހަރެން ހުންނަމެވެ. އެކި ގޮތްގޮތުން އަހަންނަށް ވިސްނައިދޭން މަންމަ މަސައްކަތްކުރެއެވެ.

ދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެން ނުވެސް ކަމެވެ. އަހަރެންގެ ކަމަކީ ކޮޓަރީގައި ރޯން އޮތުމެވެ. މަންމަ ކޮޓަރިއަށް ވަނީ ކާއެއްޗެހި ތަބަކެއްގައި އަތުރައިގެންނެވެ. އަހަންނަށް އެންމެ މީރު ގޮތަށް ހަދައިފައިވާ ނޫޑުލުސް ވެސް ތަބަކުގައި ހުއްޓެވެ. އެއިން ދުވާ މީރު ވަހުން އަހަރެން ހައްތަހާ ބަނޑުހައިވިއެވެ.

"ކައިގެން އޮވޭ ދަރިފުޅާ! ދަރިން ރަނގަޅު މީހުންނާ ދެވުމަކީ ބައްޕަގެ ބޮލުގަ އެޅިފަ އޮންނަ ޒިންމާއެކޭ ދަރިފުޅާ،" އަހަރެންގެ ބޮލުގައި ފިރުމައިލަމުން މަންމަ ބުންޏެވެ. "ދަރިން ދެވަން ޖެހޭނީ ސާލިހު އަޅުވެރިޔަކާ. އެއީ ދީނުގަ އޮންނަ ގޮތް. އެ ޒިންމާ އަދާނުކުރަނީހެއް ބައްޕައަކަށް ސުވަރުގެއަކަށް ނުވަދެވޭނެ. ދަރިފުޅު ބޭނުންތަ ބައްޕަ ސުވަރުގެ ވަންނަން؟ ނޫނީ ދަރިފުޅު ބޭނުމީ ދަރިފުޅާ ހެދި ބައްޕައަށް ސުވަރުގެ ނުވަދެވިފަ ދޮރުމަތީގަ ހުންނަންތަ؟"

އަނެއްކާ އަނެއް ކަންތަކެވެ. ޖަޒުބާތު ބުލެކުމޭލު ކުރަން މަންމައަށް ވުރެ މޮޅު މީހަކު ހުންނާނެ ހެއްޔެވެ؟

"ދެން އެކަމަކު އަހަންނާ ހެދި ބައްޕައަށް ކީއްވެތަ ޕެރެޑައިސްއަށް ނުވަދެވެންވީ؟" އަހަރެން ސުވާލުކުރީމެވެ. "އެ މީހަކު ކުރި ކަމެއްނު އެ މީހަކަށް އޮންނާނީ. ކުރީ ދުވަހު މަންމަ ބުނި އެހެން."

މަންމަ އަލަމާރިން ފޮތެއް ނެގިއެވެ. ވަރަށް ޒަމާންވެފައިވާ، ތުނިތުނި، ދިވެހި ފޮތެކެވެ. އޭގައި ލިޔެފައި ހުރީ އަތުލިޔުމުންނެވެ. އިރުކޮޅަކު ފޮތް ހާވައިފައި ވަކި ތަންކޮޅެއްގައި އިނގިލި ޖައްސައިލިއެވެ. އަހަރެން ދިވެއްސަށް ވަރަށް ފަރިތައެވެ. ކިޔައިލި އިރު މަންމަ ބުނީ ތެދެކެވެ. ފޮތުގައި އޮތީ އެހެންނެވެ. އެ ހިސާބުން އަހަރެން ޖެހުނީ އަމާންދޭށެވެ. އަހަންނަށް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ.

މީހަކާ އިންނަން އަހަރެން އެއްބަސްވެއްޖެއެވެ. ބައްޕަޔާ ހަމައަށް ޚަބަރު ދިޔައީ އެހެންނެވެ. ހަގީގަތުގައި އަހަރެން އެއްބަސްވީކީ ނޫނެވެ. ދެބަސްވުން ހުއްޓައިލީއެވެ. ނޫނެކެވެ. ހުއްޓައިލަން މަޖުބޫރުވީއެވެ. ބައްޕައަށް ޓަކައެވެ. ބައްޕައާއި ސުވަރުގެޔާ ދެމެދު ހުރަހަކަށްވާން ބޭނުންވާނީ ކޮން ދަރިއެއް ހެއްޔެވެ؟ ބުނާތީ އަހަމެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. އެ ކައިވެނީގައި އަހަންނަށް އޮތީ ކޮން ރަނގަޅެއް ހެއްޔެވެ؟

ފިރިހެނުންނަކީ، ދުވަހަކު ވެސް އަހަންނަށް ވިސްނޭނެ މަހުލޫގެއް ނޫނެވެ. އެކަކީ ދަރިފުޅު ވިއްކައިލާ އަހަރެންގެ ބައްޕައެވެ. އަނެކަކީ އަހަންނާ އިންނަން އުޅޭ މީހާއެވެ. އޭނަގެ ލޮލަށް އަހަރެން ފެނުނިއްޔާ ފެނިފައި ހުންނާނީ ވަރަށް ދުރުންނެވެ. އަހަރެންނާ އިނދެގެން އޭނައަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ ކުޑަ މިނުން އަހަންނަށް ފޯނުން ގުޅައިލާ ވާހަކަދައްކައިލި ނަމަވެސް ރަނގަޅެވެ. ގައިމު އިވިފަރިތަވީހެވެ. އެ ކަހަލަ އެއްވެސް ކަމެއް ނުހިނގައެވެ.

ކައިވެނީގެ ތައްޔާރީތައް ފެށުނެވެ. ހެދުން ކަނޑަން ފޮތި ގަނެގެން ގެނައެވެ. ބައްޕައަށް ކަމުދާ ފޮއްޗެކެވެ. ބައްޕައަށް ކަމުދާ ކުލައެކެވެ. އެ ނިންމުން ނިންމާކަށް ވެސް އަހަންނަކަށް ފުރުސަތެއް ނެތެވެ. އެންމެ ކުރިން ކުރަންޖެހޭ ކަންތައް ވެސް އޮތީ ނުކޮށެވެ. އެންމެ މުހިންމު ސުވާލުތަކުގެ ޖަވާބު ވެސް އަހަންނަކަށް ނުލިބެއެވެ. އަހަރެން އިންނަނީ ކާކާ ހެއްޔެވެ؟ ކިހިނެއް ހުންނަ މީހަކާ ހެއްޔެވެ؟ އޭނަގެ އުމުރަކީ ކިހާ ވަރެއް ހެއްޔެވެ؟ ނަމަކީ ކޮބައި ހެއްޔެވެ؟ ފަހު ސުވާލަށް މަންމަ ޖަވާބުދިނެވެ.

"ހައިޝަމް!" މަންމަ ވަރަށް އުފާވެފައި ބުންޏެވެ. "ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް."

އަހަރެން ހުރީ ވަރަށް ގިނަ މައުލޫމާތަށް އުންމީދުކޮށްގެންނެވެ. މަންމަ އިތުރު އެއްޗެއް ނުބުނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. ހަމަ އެކަނި ނަމަކާ ކައިވެނިކޮށްގެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންނަކީ އޭނަގެ ކިތައް ވަނަ އަނބި ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.

"އެ ނިމުނީ؟" އަހަރެން ސުވާލުކުރީމެވެ. "އޭޖް؟ ފޮޓޯ؟ ސިންގަލްތަ؟ ކޮން ރަށެއްގެ މީހެއް؟"

"ކިޔަމަންތެރި ދަރިން އިތުރު ސުވާލެއް ނުކުރާނެ،" އެންމެ ޖަވާބަކުން މަންމަ ފުއްދައިލިއެވެ. "ދަރިފުޅަށް ދެރަ ގޮތެއް ބައްޕަ ނަހަދާނެކަން ދަރިފުޅު ޖެހޭނެ ގަބޫލުކުރަން. ރީތިކޮށް ބަސްއަހައިގެން އިނދޭ!"

"ޔާ ރައިޓް!" އަހަންނަށް ބުނެވުނެވެ.

ދަރިފުޅު ނުވަސް ދަންނަ، ނުވެސް ދެކޭ މީހަކާ ދަރިފުޅު ދެވުމަށް ވުރެ ދެރަ ގޮތެއް ބައްޕަޔަކަށް ހެދޭނެ ހެއްޔެވެ؟ ހަޔާތުގެ ބައިވެރިޔަކީ ކިހާ މުހިންމު މީހެއްކަމެއް މަންމައަކަށް ނޭނގެއެވެ. އެ ތަޖުރިބާ ކުރުމުގެ ނަސީބެއް މަންމައަކަށް ނުލިބެއެވެ. މަންމަގެ ކައިވެންޏަކީ ވެސް އާއިލާ ތެރެއިން ހަމަޖެހުނު ކައިވެންޏެކެވެ. ލޯތްބާއި، އުންމީދާއި، އިންތިޒާރަކީ މަންމަގެ ރަދީފުގައި ހުންނަ ލަފުޒުތަކެއް ނޫނެވެ. އެކަމަކު މަންމައަށް ލިބުނު އަދަބު އަހަންނަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ދިފާއުގައި މަންމަ ނުތެދުވީ ކީއްވެގެން ހެއްޔެވެ؟

އަހަރެންގެ އެކުވެރިން ވަރަށް މަދެވެ. ޔަގީނުން ވެސް ދެ އަތުގެ އިނގިލިތަކުން ގުނައިލެވޭނެއެވެ. އެކަމަކު އެ މީހުން ކުރި އެއްވެސް ސުވާލަކަށް އަހަންނަކަށް ޖަވާބެއް ނުދެވުނެވެ. ހައިޝަމްގެ ވަޒީފާއަކީ ކޮބައި ހެއްޔެވެ؟ އިސްތަށިގަނޑު ހުންނަނީ ކިހިނެއް ހެއްޔެވެ؟ ލާނެތް ރައްޓެއްސަކު ހައިޝަމްގެ ފޯނު ނަންބަރު ވެސް އެހިއެވެ. އެ ވެސް އަހަންނަކަށް ނޭނގެއެވެ. ފޮޓޯއެއް ދައްކައިލަން އެދުމުން ވެސް އަހަންނަށް ދެއްކުނީ ބަހަނާއެކެވެ.

ރަންކިއުމުގެ ވަގުތު ކައިރިވަމުން އައެވެ. އޭރު ވެސް އަހަންނަކަށް ހައިޝަމެއް ނުފެނެއެވެ. ރަންކިޔަންވީ ވަރު ވެސް ބުނީ ބައްޕައެވެ. ސަތޭކަ އެއް ރުފިޔާއެވެ. އަހަރެންގެ ހިތް އިރުއިރުކޮޅާ ބުނެއެވެ. އަހަރެންގެ އަގަކީ އެއީ ހެއްޔެވެ؟ އަންހެނެއްގެ ހައިސިއްޔަތަކަށް އެ ވަރު ހަމަ ފުދޭ ހެއްޔެވެ؟ އެއަށް ވުރެ މުހިންމު ސުވާލު ވެސް އުފެދުނެވެ. އަހަރެން ހަގީގަތުގައި ވެސް މީހަކާ އިންނަނީ ހެއްޔެވެ؟ ބައްޕަ އުމުރުގެ މީހެއްގެ އަންބަކަށް ވެސް އަހަރެން ވެދާނެއެވެ. ހިތްހަމަޖެހޭ ހެއްޔެވެ؟ ނޫނެކެވެ. ނުޖެހެއެވެ. އެކަމަކު އަހަރެން ކުރާނީ ކީއް ހެއްޔެވެ؟

އަހަރެން ރީތިކުރަން މަންމަ އައެވެ. އެކަމަކު، ކައިވެންޏަށް ޓަކައި ދަރިފުޅު ނަލަހައްދާ މަންމައެއްގެ މޫނުމަތިން ފެންނަންޖެހޭ އެއްވެސް އުފާވެރިކަމެއް މަންމަގެ މޫނަކުން އަހަންނަކަށް ނުފެނެއެވެ. ހީވާ ކަހަލައެވެ. މަންމައަށް ނަލަހައްދަން ޖެހިފައިވަނީ، ރަންނަމާރިޔާ ހަވާލުކުރަން ބުދުފައްޅިއަށް ގެންދާ އަންހެންކުއްޖާއެވެ.

"މަންމަ ވަރަށް ހެޕީތަ؟" ލޯގަނޑުން ސީދާ މަންމަގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ.

"ބޭރު ބައެއްގެ ކުރިމައްޗަށް ތި ނުކުންނަނީ،" މަންމަ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "ބައްޕަގެ އަގު ހިފާއްޓާތި!"

"އެ ވަރުގެ ބައްޕައެއްތަ އެއީ؟" އަހަރެންނަށް ބުނެވުނެވެ.

"އެހެންވިއްޔާ މަންމަގެ އަގު ހިފާއްޓާތި!" ތަންކޮޅެއް ހަރުކަށިކޮށް މަންމަ ބުންޏެވެ. "ތުންކޮޅު ދަމައިގެން ނީނދެބަލަ!"

ހިނިތުންވާން އަހަރެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ތުންފަތް އަހަންނަކަށް އެހީއެއް ނުވިއެވެ. އަހަރެން ޖެހުނީ ތުންފަތުގައި ހިނިތުންވުމެއް "ކުރަހާށެވެ." ރަންކިއި ތަނުގައި މަންމައާއި ބައްޕަ ވެސް އިނެވެ. އަހަރެން އެ ތަނުގައި ނެތް ނަމަވެސް ރަނގަޅުވީހެވެ. ގިނަ ވާހަކަ ދެއްކީ ބައްޕައެވެ. ކިތަންމެ ފަހަރަކު އަހަރެން ހިތަށްއެރިއެވެ. ހަޅޭއްލަވައިގެންފައި އެ ތަނުން ދާންވީއެވެ. ކުޑަދޮރުން ބޭރަށް ފުންމައިލަންވީއެވެ. އަހަރެން ބަލައިބޮޑުކޮށްދިންކަމުގެ އުޖޫރަޔަކަށް އަހަރެންގެ ފުރާނަ ގުރުބާންކުރަން ޖެހެންޏާ، އަހަންނަށް އޮތީ ކޯޗެއް ހެއްޔެވެ؟ އެއް ފަހަރު އަހަރެން ތެދުވަން ފަޔަށް ބާރު ވެސް ލީމެވެ. އެކަމަކު ކެތްކުރީއެވެ.

ރަންކިއި ފަހުން އަހަންނަކަށް ރަނގަޅަކަށް ނުނިދެއެވެ. ނިދޭ އިރަށް ސިއްސައިގެން ގޮސްފައި ހޭލެވެއެވެ. ބިރުވެރި އެތައް ގޮތަކަށް ހައިޝަމްގެ މޫނު އަހަންނަށް ފެނުނެވެ. ދެން ހަދާނެ ގޮތެއް ނުވިސްނިގެން އުޅެނިކޮށް ކައިވެނިކުރާ ދުވަސް އައިސް ޖެހުނެވެ. އަނެއްކާ ވެސް އަހަރެން ނަލަހެއްދިއެވެ. ކައިވެނި މޭޒު ދޮށަށް އަހަރެން ގެންދިޔައެވެ. އެއީ ފުރަތަމަ ފަހަރަށް ހައިޝަމް ފެނުނު ދުވަހެވެ.

ނުނިމޭ