18 މެއި 2021 - 18:35

އިޒްރޭލްގެ ހައްދު ފަހަނައަޅާފައި، ލާއިންސާނީ ހަމަލަތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށް މިއަދު ހަވީރު ބޭއްވި ހަރަކާތް ފެށުމާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ފަލަސްތީނަށް އޮތް ތާއީދު ހާމަކުރައްވައި ޓްވީޓް ކުރައްވައިފި އެވެ.

ހަވީރު 4:00 ގައި އެ މީހަކު ހުރި ތަނަކުން ފަލަސްތީނުގެ ދިދަ ނަގައި ތާއީދު ހާމަކުރުމަށް ބޭއްވޮ އިވެންޓް ފެށުމުގެ މިނެޓްކޮޅެއް ކުރިން ރައީސް ވަނީ ފަލަސްތީނުގެ ދިދަ ޓްވީޓްކުރައްވައި "ދިވެހިން ތިބީ ފަލަސްތީނާ އެކުގައި" ކަމަށް ވިދާޅުވެފަ އެވެ.

ރަތާއި ކަޅާއި ހުދު އަދި ފެހި ކުލައިގެ އެ ދިދައާ ފަލަސްތީނުގެ މިނިވަންކަމަށް ވެސް ރައީސް ގޮވައިލެއްވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް "މިހާރު" އަށް މިއަދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެށުނީއްސުރެ ހުންނަވަނީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރެއްވުންމަތީ ކަމަށެވެ.

"މިއަދު ވެސް އެ މަނިކުފާނު ހާމަކުރައްވަން ބޭނުންފުޅުވީ ފަލަސްތީނާ އެއްކޮޅު ކެމްޕެއިންގައި ދިވެހި ސަރުކާރު އޮތީ އެގޮތަށް ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުން ފަލަސްތީނުގެ އެތައް މުސްލިމުންނެއް ޝަހީދުވަމުން އަންނައިރު، އެ ގައުމުގެ ރައްޔިތުންނާއެކު ތިިބިކަން އަންގައިދިނުމުގެ ގޮތުން، މިއަދު ހަވީރު 4:00 އިން ފެށިގެން އަންނީ ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނަކުން ޝުއޫރު ފާޅުކުރަމުންނެވެ. ކޮންމެ ގެއަކުން ވެސް ފަލަސްތީނު ދިދަ އާއި ދިވެހި ދިދަ ހިފައިގެން ދޮރުމައްޗަށް ނުވަތަ ބެލްކަންޏަށް ނުކުމެފައިވާއިރު، މުޅި ސޯޝަލް މީޑިއާ ފުރާލާފައިވަނީ އެ ފޮޓޯތަކުންނެވެ.

ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ، ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.