18 މެއި 2021 - 14:37

ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލްކުރުމުގައި އެހީވާން އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ފްރޮންޓްލައިން އެލަވަންސަށް މިހާތަނަށް 146 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ޕްރޮންޓްލައިން އެލަވަންސް އެންމެ ގިނައިން ދީފައިވަނީ ސިފައިންނަށެވެ. އެމްއެންޑީއެޕްގެ މުުވައްޒަފުންނަށް 49 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކޮވިޑްގެ ބަލިމީހުންނަށް ހާއްސަކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި ސިފައިންގެ ގިނަ ބަޔަކު މަސައްކަތްކުރެ އެވެ.
ހެލްތު މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ޕްރޮންޓްލައިން މުވައްޒަފުންނަށް އެލަންވަންސްގެ ގޮތުގައި 34 މިލިއަން ހޭދަކުރި އިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް 36 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 27 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.
އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މި ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ.
ދެވަނަ ކެޓަގަރީ ކަމުގައިވާ މީޑިއަމް ރިސްކް މީހުންނަކީ ކޮވިޑް ޖެހިފައިތިބި މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތްކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތްކުރާ މީހުންނާ އެކުގައި މަސައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.
ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި ސިއްހީ ކަންކަމަށް އެކަނި ވެސް 1.6 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވެ އެވެ. އަދި ކޮވިޑާ ގުޅޭ ހުރިހާ ކަމަކަށް ތިން ބިލިއަނަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ.