19 މެއި 2021 - 08:40

މާކް ޒަކަބާގްގެ ފޭސްކުކްގެ އޮކިއުލަންސް ވީއާރް އާއި ކުންފުނީގެ އޮގްމަންޓެޑް ރިއަލިޓީ (އޭއާރް) އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ހޫގޯ ބަރާ ހަތަރު އަހަރު ފަހުން ކުންފުނިން ވަކިވެއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން އޭނާ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯމަ ދުވަހަކީ ކުންފުނީގައި މަސައްކަތްކުރައްވާނެ ފަހު ދުވަސް ކަމަށާއި ވަކިވަނީ އަމިއްލަ ވިޔަފާރިއެއް ފަށަން ކަމަށެވެ. އެގޮތުން ޓެކް ދާއިރާ އިން ދަސްވި ކަންކަމުގެ ބޭނުން ހިފައިގެން ސިއްހީ ދާއިރާ އަށް ޓެކްނޮލޮޖީގެ ތެރެއިން ހިދުމަތްކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"ހެލްތުކެއާ ދާއިރާގައި ހުރި މައްސަލަތަކަށް ޓެކް އިންޑަސްޓްރީގެ ތެރެއިން އުފެއްދުންތެރި މަސައްކަތްތަކެއް ކުރަން އަހަރެން ބޭނުންވޭ،" ހޫގޯ، 44، ވިދާޅުވި އެވެ. "އުންމީދު ކުރަނީ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް."
ފޭސްބުކާ 2017 ގައި ގުޅުމުގެ ކުރިން އޭނާ ވަނީ ޗައިނާގެ ޝޯމީގެ ގްލޯބަލް ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް ތިން އަހަރު ވަންދެން އަދާކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ގޫގުލް އެންޑްރޮއިޑް ޕްރޮޑަކްޓް މެނޭޖްމަންޓްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ފޭސްބުކްގެ ވީއާރް/އޭއާރް ދޫކޮށްލެއްވި އިރު ހޫގޯ ހުންނެވީ 2019 އިން ފެށިގެން ފޭސްބުކް ރިއަލިޓީ ލެބްސްގެ އެންމެ އިސް ވެރިޔާގެ މަގާމުގަ އެވެ. އޭނާ އިސްކޮށް ހުންނަވައިގެން ސްމާޓް ހެޑްސެޓްތަކެއް ނެރެފައިވެ އެވެ. އޭގެ ތެރޭގައި އޮކިއުލަސް ގޯ، އޮކިއުލަސް ކްއެސްޓް އަދި ކްއެސްޓް 2 ހިމެނެ އެވެ.
ހޫގޯ ފޭސްބުކް ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން ޒަކަބާގް ވިދާޅުވީ އޭނާ އަށް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށާއި ހޫގޯއާ އެކު ފޭސްބުކަށް ކާމިޔާބު މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.
"އެކީގައި މަސައްކަތްކޮށްގެން އަހަރެމެންނަށް ހޫގޯގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވެފައިވޭ." އޭނާ ވިދާޅުވި އެވެ.