ޑޯޒް މަތިކޮށް ބޭސް ދިން އެހެން މައްސަލައެއް
ޑޯޒް މަތިކޮށް ބޭސް ދިން އެހެން މައްސަލައެއް

މެތޯޓްރިއެކްސޭޓް ބޭހުގެ މާ މަތީ ޑޯޒް ދިން އަންހެނެއްގެ ގުނަވަންތައް ފެއިލްވެ، މަރުވި މައްސަލަ ބަލަމުން އަންނައިރު ހަމަ އެ ބޭހުގެ މާ މަތީ ޑޯޒެއް އެހެން މީހަކަށް ޑޮކްޓަރަކު ދިންކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އައްޑޫގައި ހުންނަ، އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) ކްލިނިކުން ކަށީގެ ފަރުވާއެއް ހޯދި ސ. މަރަދޫ އާއިޝަތު އަޒީޒާ ހަލީލް، 58 އަށް ބޭހުގެ މާ މަތީ ޑޯޒެއް ދިނުމުން، ގުނަވަންތަައް ފެއިލްވެ މަރުވި ޚަބަރު "މިހާރު" ގައި ޝާއިއުކުރުމުން އެ ޚަބަރު ސޯޝަލް މީޑިއާގައި ޝެއާކުރި މީހަކު ވަނީ އޭނާ އަށް ވެސް ޑޮކްޓަރަކު މި ބޭސް މާ މަތީ ޑޯޒަކުން ދިން ކަމަށް ބުނެފަ އެވެ.

މަރުވި މީހާ އަށް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދިނީ މެތޯޓްރިއެކްސޭޓް އެވެ. އެ ބޭސް ކެއުމަށް ބޭސް ސިޓީގައި ޖަހާފައިވާ ގޮތަކީ ފަސް މިލިގްރާމުގެ ދެ ގުޅަ ދުވާލަކު އެއް ފަހަރު، ތިން ހަފްތާ ވަންދެން ކެއުމަށެވެ.

އެ ބޭހަކީ މީހާގެ އިމިއުނިޓީ ވެސް ދަށްކޮށްލައި ބޭހެކެވެ. އެކަމަކު އަޒީޒާއަށް ދިނީ 21 ދުވަސް ވަންދެން ކޮންމެ ދުވަހަކު 10 މިލިގްރާމް ކާގޮތަށެވެ.

ބޭސް ކާން ފެށިތާ ދެ ހަފްތާގެ ތެރޭގައި އޭނާގެ ގުނަވަންތައް ފެއިލްވެ، މިދިޔަ އާދިއްތަ ދުވަހު މަރުވީ އެވެ. އޭނާ މަރުވި ސަބަބުގެ ގޮތުގައި ވެސް ގުނަވަންތައް ފެއިލްވެގެން ކަމަށް ޖަހާފައި އޮތްއިރު އާއިލާއިން ވާހަކަ ދެއްކި ބައެއް ޑޮކްޓަރުން ވެސް ބުނެފައި ވަނީ އެއީ ބޭހުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގަ އެވެ.

ބޭސް ދިން ގޮތުން މަރުވި ކަމަށް ބެލެވޭ ހާދިސާ އަށް ފަހު އެ ބޭހާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ލިޔުނު މީހާ "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާގެ އަނބިމީހާ އަށް ވެސް މި ބޭހުގެ މަތީ ޑޯޒެއް ލިޔެދީދީފައި ވަނިކޮށް ނުކައި ސަލާމަތްވީ އެހެން ޑޮކްޓަރެއްގެ ލަފާ ހޯދުނީތީ އެވެ. އޭނާ ބުނީ މި ބޭސް ދިނީ އަނބިމީހާގެ ކަކުލު ހުޅުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ. ބޭސް ލިޔެދިނީ ކޮން ހޮސްޕިޓަލަކުން ކަމެއް ނުބުނެ އެވެ.

އެހެން ޑޮކްޓަރެއްގެ ލަފާ ހޯދީ ބޭހުން ވާނެ ގޮތްތައް ޑޮކްޓަރު ކިޔައިދިނުމުން، އެ ކާން ޖެހިލުންވުމުން ކަމަށް އެ މީހާ ބުންޏެވެ.

"އެ ބޭސް ކިޔައިދިން އިރު ވެސް ބުނި ކެންސަރާއި އެކަހަލަ ޓްރީޓްމަންޓްތަކަށާ އެއްކޮށްދޭ ބޭހެކޭ އަސްލު، އެހެންވީމަ ލޭގަ އޭގެ ކޮމްޕޯނަންޓް ހުންނާތީ ކޮންމެވެސް ބައެއް ދަށްކުރަން ވެގެންދިން އެއްޗެއް އެއީ. ދެން އެހާ ބިރުވެރި ގޮތަކަށް ކިޔައިދިނީމަ އެ ބޭސް ބޭނުން ނުކޮށް ސެކަންޑް އޮޕްޝަނަކަށް ދިޔައީ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ބޭހާ ގުޅޭ ގޮތުން އިވުނު ވާހަކަތަކާ އެކު އޭނާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ބޭސް ސިޓީ ދެއްކީ ކަމަށެވެ. އަދި ޑޮކްޓަރު ވަނީ ބޭސް ރަނގަޅު ކަމަށާއި އެކަމަކު ޑޯޒް ހައި ކަމަށް ބުނެފަަ އެވެ.

ޑޮކްޓަރުގެ އެންގުމާ އެއްގޮތަށް އަނބިމީހާ އަށް ދިނީ ތިން ދުވަސް ވަންދެން ކޮންމެ ދުވަހަކު ވެސް 2.5 މިލިގްރާމެވެ.

"ވީކެންޑްގަ ކާން އެ ޑޮކްޓަރު ބުނީ. އެއީ ބޭސް ކައިގެން ވާ ގޮތަކީ މީހާ ހަމަ އެއްކޮށް ދެމެނީ. ވަރެއް ނެތި މީހާ އޮންނަންޖެހޭ ވަރުކޮށްލާ. ޑޮކްޓަރު ބުނި ގޮތަށް ހަތަރު ވީކެންޑްގަ ކެއީ،"

ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް މަސް ދުވަހު ބޭސް ކެއުމަށް ފަހު ޓެސްޓް ކުރިއިރު ލޭގައި ހުންނަ މާއްދާ ކޮންޓްރޯލްކަންް އެނގުމުން އެ ބޭސް ކެއުން ހުއްޓާލި ކަމަށް ވެސް އެމީހާ ބުންޏެވެ.

މި ބޭސް ކައިގެން އަޒީޒާ މަރުވި ގޮތް މިހާރު ހެލްތު މިނިސްޓްރީން ވެސް ބަލަމުން އަންނައިރު އޭނާއަށް އެ ބޭސް ދިން ޑޮކްޓަރު ވެސް ހުރީ ސަސްޕެންޝަނުގަ އެވެ.