ކައުންސިލުން ކުރިއަށް ގެންދާނީ ރައްޔިތުންގެ ޕްލޭންތައް:ޑރ. މުއިއްޒު
ކައުންސިލުން ކުރިއަށް ގެންދާނީ ރައްޔިތުންގެ ޕްލޭންތައް:ޑރ. މުއިއްޒު

މާލޭގެ މޭޔަރު ކަމަށް ކެމްޕޭން ކުރެއްވި އިރު ރައްޔިތުން ބޭނުންވާ ކަންކަން ހުށަހެޅި ކަމަށާއި އެހެންވެ، ސިޓީ ކައުންސިލުން ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ ރައްޔިތުންގެ އެ ޕްލޭންތައް ކަމަށް އާ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަގާމުގެ ހުވާ ކުރުމަށް ފަހު އިއްޔެ އާ ކައުންސިލުން ފާސްކުރިި، ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި މާލޭގެ ބިން ހެޔޮގޮތުގައި ބޭނުން ކުރާނެ ލޭންޑް ޔޫސް ޕްލޭނެއް ހެދުމާއި މާލޭގެ އެންމެ ނިކަމެތި މީހުންނަށް، ހައުސިން މަޝްރޫއެއް ހިންގުމާއި ވިލިމާލޭގައި ދިހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ގަވައިދު ބަދަލު ކުރުމާއި ޗާލުތަނަކަށް މާލެ ހެދުމަށް އެކި ބަދަލުތައް ގެނައުން ފަދަ ގިނަ ކަންކަން ހިމަނާފައި ވެ އެވެ.

އެ ޕްލޭން އާއްމު ކުރުމާއެކު ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ މީހުން ބުނާގޮތުން މިއީ ކުރީގެ ކައުންސިލްތަކުން ވެސް ދެއްކި ވާހަކަ އެވެ.

ޓެންޑަ ބޯޑުގައި އާއްމުން ތަމްސީލްކުރައްވާ މެމްބަރު، އިސްމާއިލް ޒަރިޔަން ވިދާޅުވީ މޭޔަރުގެ އަމިއްލަ ތަރައްގީ ޕްލޭނެއް ހަދައި، އެ ތަންފީޒު ކުރުމުގެ ފުރުސަތު ގާނޫނުގެ ދަށުން ނުލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ނެތި، ކައުންސިލުން ހުދުމުހުތާރު އަމަލެއް ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން، ކެމްޕޭން ތެރޭގައި އޭނާއާ ހިއްސާ ކުރި ކަމަށާއި އެކަންކަން ކޮށްދިނުމަށް ކުރާނެ ކަންކަން ވެސް އެ މީހުންނަށް ކިޔައިދެއްވި ކަމަށެވެ.

"އެކަންކަން ބަލައިގަނެގެން ރައްޔިތުން ވޯޓު ދިނީ. ޕްލޭނަކީ ރައްޔިތުންގެ ޕްލޭން،" ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްލޭންގައިވާ ކޮންމެ މަޝްރޫއެއް ފެށުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދާނެ އެވެ.

އާ ކައުންސިލުން ފާސްކުރި ޕްލޭންގައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުން ގެދޮރު އެޅުމަށް ގުޅިފަޅު ތަރައްގީ ކުރުމާއި ދަފުތަރުގައި ތިބި މީހުންގެ ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމާއި އިސްލާހު ގެނެވެންދެން ދަފުތަރުގައި ޖެއްސުން ހުއްޓާލުން ހިމެނެ އެވެ. އަދި މާލޭގައި ހިނގާފައި އުޅޭ ގޯޅިތައް އިތުރު ކުރުމާއި ބައިނަލްއަގްވާމީ ފެންވަރުގެ އިވެންޓް ވެނިއު ސަރަހައްދެއް މާލޭގައި ގާއިމް ކުރުން ހިމެނެ އެވެ. ސްކޫލު ކުދިންނަށް މާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމާއި ޓްރެފިކާއި ހިނގާ މީހުންނަށް ލުއި ވާނެ ގޮތަށް، އުޅަނދުތަކުގެ ޕާކު ކުރުމުގެ ކަންކަން ހަމަ ޖެއްސުން ވެސް ޕްލޭންގައި ހިމެނެ އެވެ.

- މުޅި މާލެ ވައިފައި ކުރުން، ހުރިހާ ފަރާތްތަކުގެ ސީސީޓީވީ ވަސީލަތްތަކުގެ ލިންކުތައް އެއްކޮށް، މުޅި މާލެ އެއް ނެޓްވޯކަކުން ގުޅާލުން

- ރައްޔިތުންގެ ޝަކުވާ އަޑުއެހުމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ގާއިމް ކުރުން

- ހިދުމަތަށް ހުށަހެޅުމުން ތިން ދުވަހުގެ ތެރޭގައި އެކަން ނިންމުން

- އަވަށު ބޯޑުތައް އެކުލަވާލައި ހިންގުން

- ފަރުމަހަށް ދާ މީހުންނަށް ހާއްސަ، ފަރުމަހުގެ މަސް މާރުކޭޓެއް އެޅުން

- ވިލިމާލޭ ސިނާއީ ސަރަހައްދު ބޭނުން ކުރާ ގޮތް އިސްލާހުކުރުން