19 މެއި 2021 - 08:34

ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނަންޑޭޒް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސޮއިކުރި ހޮލީވުޑްގެ އެންތޮލޮޖީ ފިލްމު "ވިމެންސް ސްޓޯރީ" ގައި ހިމެނޭ އޭނާގެ ސެގްމަންޓް "ޝެއަރިން އަ ރައިޑް" ގެ ޝޫޓިން ނިންމާލައިފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ސްރީ ލަންކާ އަށް ނިސްބަތްވާ ބަތަލާ ޓްރާންސްޖެންޑާ ރޯލަކުން ފެންނާނެ ފިލްމުގައި އޭނާ ކުޅެފައި ވަނީ ފުލުހެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އަންޖަލީ ލާމާ ކިޔާ މޮޑެލްއެއްގެ ރޯލެވެ. މީގެ ޝޫޓިން އެއްކޮށް މުމްބާއީގައި ނަގާފައިވާ އިރު، ޑައިރެކްޓަރަކީ ލީނާ ޔާދަވް އެވެ. އޭނާ އަކީ ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ތީން ޕައްތީ" އާއި "ޝަބްދު" އަދި "ޕާޗްޑް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ބަތަލާއިންތަކެއް ހިމަނައިގެން ހަދާ "ވިމެންސް ސްޓޯރީ" ހަތަރު ޑައިރެކްޓަރެއްގެ ހަ ސެގްމަންޓް ހިމެނޭނެ ފިލްމެކެވެ. އަދި މީގެ ކާސްޓުން ފެންނަ ތަރިންގެ ތެރޭގައި އީވާ ލޮންގޯރިއާ، ކާރާ ޑެވެލިން، މާޝިއާ ގޭ ހާޑެން ލިއޮނާ ވަރޭލާ އަދި މަގަރީޓީ ބޫއާ ފަދަ ތަރިން ހިމެނެ އެވެ.
"ޝެއަރިން އަ ރައިޑް" ގެ އިތުރުން ފިލްމުގެ އިތުރު ސެގްމަންޓްތަކަށް ބަލާ އިރު ސެގްމަންޓްތަކަށް ބަލާ އިރު، މާރިއާ ސޯލް ޓޮގްނާޒީ ޑައިރެކްޓްކުރާ ސެގްމަންޓަކީ "އަންސްޕޯކެން" އެވެ. މީގެ ބަތަލާ އަކީ އިޓަލީގެ މަގަރީޓާ އެވެ. އީވާއާ އެކު ލޫޝިއާ ޕުއެންޒޯ ޑައިރެކްޓްކުރާ ސެގްމަންޓްގެ ނަމަކީ "ލެގޯނެގްރޯ އެވެ. ހަތަރު ވަނަ ސެގްމަންޓަކީ "ޓްވައިލައިޓް ސާގާ" ގެނެސްދިން ކެތެރީން ހާޑްވިކްގެ "އެލްބޯ ޑީޕްސް" އެވެ. މީގެ ކާސްޓްގައި ހިމެނެނީ މާޝިއާ އާއި ޖޭޒްމިން ލަވް އެވެ.
ހޮލީވުޑްގެ އެންތޮލޮޖީ ފިލްމަކަށް ޖެކްލީން ސޮއިކުރި އިރު އޭނާ ކުރިން ވެސް އެ އިންޓަނެޝަނަލް ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ އިނގިރޭސިވިލާތުގެ ފިލްމެއް ކަމަށްވާ 2015 ހޮރޯ ތުރިލާ "ޑިފިނިޝަން އޮފް ފިއާ" އެވެ.
ޖެކްލީންގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "އެޓޭކް"، "ބައްޗަން ޕާންޑޭ"، "ޕޫތު ޕޮލިސް"، "ސާކަސް"، "ރާމް ސެތޫ"، "ކިކް 2" އަދި "ދިއާ" ހިމެނެ އެވެ.