18 މެއި 2021 - 11:34

އެމެރިކާގައި އުފައްދާފައިވާ އެންމެ ފަހުގެ ޒަމާނީ ހަތިޔާރުގެ ބޮޑު ޝިޕްމަންޓެއް މިމަހުގެ ތެރޭގައި، އިޒްރޭލަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް، އެމެރިކާ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް (ކޮންގްރެސް) އަށް މައުލޫމާތު ދީފި އެވެ.
ވިލާތުގެ ޚަބަރު ފަތުރާ އިދާރާތަކުން ބުނާ ގޮތުގައި، މިފަހަރު އިޒްރޭލަށް ވިއްކާ ހަތިޔާރުގެ ޖުމްލަ އަގަކީ 735 މިލިއަން ޑޮލަރެވެ. އެމެރިކާގެ އިސް މަސްއޫލުވެރިންގެ ފަރާތުން އެނގިފައިވާ ގޮތުގައި، މިފަހަރު އިޒްރޭލަށް ވިއްކާ ހަތިޔާރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ، ޒަމާނީކޮށްފައިވާ މިސައިލެވެ.
މި މިސައިލަކީ، ފަލަސްތީނާ ދެކޮޅަށް މިހާރު އިޒްރޭލުން ފަށާފައިވާ އުދުވާނުގައި ބޭނުންކުރަމުން ދާ މިސައިލަށް ވުރެ، މާ ބަރާބަރަށް އޭގެ އަމާޒަށް ވާސިލުވުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެވެ.
އެމެރިކާގެ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި، މި މަސް ތެރޭގައި އިޒްރޭލަށް ފޮނުވުމަށް ހަމަޖެހިފައިވާ ހަތިޔާރުގެ ޝިޕްމެންޓްގެ ވިޔަފާރިއަކީ، މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ފެށުމުގެ ކުރިން ނިމިފައިވާ ވިޔަފާރިއެކެވެ.
ޚަބަރު ފަތުރާ އިދާރާތަކުން ބުނާ ގޮތުގައި، މި ހަތިޔާރުތައް އިޒްރޭލަށް ވިއްކުމަށް ރައީސް ބައިޑެން ހުއްދަ ދެއްވި ކަމުގެ މައުލޫމާތު، އެމެރިކާ ސަރުކާރުން ކޮންގްރެސް އަށް ފޮނުވީ، މި މަހުގެ 5 ވަނަ ދުވަހު އެވެ.
އެއީ އިޒްރޭލުން ވައިގެ މަގުން މިހާރު ދެމުންދާ ހަމަލާތައް ފެށުމުގެ ފަސް ދުވަސް ކުރި އެވެ.
އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ އުދުވާނީ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި، މިފަދަ ހަތިޔާރުތަކެއް އިޒްރޭލަށް ވިއްކަން އުޅޭތީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ބައިޑެންގެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި މިހާރު އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް އެމެރިކާއިން އިޒްރޭލަށް ބާރު ނާޅައި، މިފަދަ ޒަމާނީ ހަތިޔާރުތަކެއް އިޒްރޭލަށް ވިއްކުމުން، އިތުރު ލޭއޮހޮރުވުންތަކެއް ނޫނީ ނުހިނގާނެ އެވެ.
އެމެރިކާއިން އެއްވެސް ގައުމަކަށް ހަތިޔާރު ވިއްކޭނީ، އެމެރިކާ ސަރުކާރުން ކޮންގްރެސްއަށް އެ ކަމެއް ހުށަހަޅައިގެން ކޮންގްރެސްގެ ރުހުން ލިބުމުންނެވެ. އެފަދަ ވިޔަފާރިއެއްގެ މައުލޫމާތު ކޮންގްރެސް އަށް ލިބޭތާ 20 ދުވަހުގެ ތެރޭގައި، އެކަމާ މެދު ކޮންގްރެސް އިން ވަކި ގޮތެއް ނިންމަންޖެހޭނެ އެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި، ފަލަސްތީނުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 60 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގެ ރައްދުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި، އިޒްރޭލުގެ 10 މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެ އެވެ. (ސީއެންއެން)