20 ނޮވެމްބަރ 2016 - 06:15

ބްރެޑް ޕިޓާއި އެންޖެލީނާގެ ޖޯލީގެ ވަރީގެ މައްސަލަ ކޯޓްގައި އޮތަސް، މި ދެ މީހުންގެ ޒާތީ ކުޅިގަނޑަކަށް ނިމުމެއް ނާދެ އެވެ. އެކަކު އަނެކަކަށް ވީހާ ވެސް ބޮޑަށް "ޖެއްސުން" ކުރެވޭތޯ ދަނީ ބަލަމުންނެވެ.

މީގެ ފުރަތަމަ ބައި ޖޮލީ ކާމިޔާބު ވެސް ކޮށްފި އެވެ. އެއީ ދަރިން އޭނާގެ ގާތުގައި ތިބުމުގެ ފުރުސަތު ތަނަވަސް ކުރުމެވެ.
އެއަށް ފަހު މިހާރު މީޑިއާތަކަށް ތިލަވެގެން އުޅެނީ ޕިޓް އަނެއްކާ ވެސް ބަތަލާއަކާ ހިތާވެގެން އުޅޭ ވާހަކަ އެވެ. އެއީ މި އަހަރު ނިކުތް "ސުއިސައިޑް ސްކޮޑް" އާއި "ވުލްފް އޮފް ވޯލްސްޓްރީޓް" ފަދަ ފިލްމްތައް ކުޅެފައިވާ އޮސްޓްރޭލިއާގެ ބަތަލާ މާގޯ ރޮބީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕިޓާއި މާގޯ އާ ދޭތެރޭ ގުޅުމެއް އޮންނަކަން މީގެ ކުރިން ވެސް ޖޮލީ އަށް ޝައްކު ކުރެވެ އެވެ. އަނެއްކޮޅުން ޕިޓް ޕްރޮޑިއުސްކޮށް، މުހިންމު ރޯލެއް ވެސް ކުޅެފައިވާ ފިލްމް "ދަ ބިގް ޝޯޓް" ގެ ހާއްސަ ފެނިލުމަކަށް މާގޯ އަށް ފުރުސަތު ދޭން ޕިޓް އުޅޭކަން އެނގިގެން އެކަން ނުކުރެވޭނެހާ ގޮތަށް ޖޮލީ މަސައްކަތްކޮށްފައިވެ އެވެ.
އެހެން ނަމަވެސް ޖޮލީއާ އެއްގޮތަށް ޕިޓަކީ ވެސް ހޮލީވުޑްގެ ނުފޫޒު ގަދަ އެކްޓަރަކަށްވާތީ، އެންޖެލީނާ ކުރި މަސައްކަތް މި ފަހަރު ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ނަތީޖާއަކީ "ދަ ބިގް ޝޯޓް" ގެ ކެމިިއޯ، މާގޯ ލައްވައި ކުޅުވުމުގެ ފުރުސަތު ޕިޓް ތަނަވަސް ކުރުމެވެ. އެ ފިލްމް އަންނަ މަހުގެ 11 ގައި ސިނަމާތަކަށް އަންނާނެ އެވެ.
މިކަމަކީ ޖޮލީގެ ހިތުގައި ވަރަށް ބޮޑު ހަސަދަވެރި ކަމެއް އުފެދިފައިވާ ކަމެއް ކަމަށްވެ އެވެ. އަދި ޕިޓް އެހެން ބަތަލާއަކާ ހިތާވެގެން އުޅޭ މަންޒަރު ބަލަން ޖޮލީ އަށް އަދިވެސް ފަސޭހަ ނުވާނެ ކަމަށް ހޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާގޯ އަށް ޕިޓް ފާރަލާތާ ލައްކަ ދުވަސްވެއްޖެ އެވެ. އޭނާގެ ހިތުން ޖާގައެއް ހޯދޭތޯ އެތައް ގޮތަކަށް އޭނާ މަސައްކަތް ވެސް ކޮށްފި އެވެ. "ދަ ބިގް ޝޯޓް" އިން މާގޯ އަށް ފުރުސަތެއް ދިނީ ވެސް ގުޅުން ބަދަހި ކުރުމުގެ އުންމީދުގައި ކަމަށްވެ އެވެ.
އަނެއްކޮޅުން މާގޯ، 26، އަކީ ޕިޓް، 52، ގަޔާވާ ކަހަލަ ހުރިހާ ސިފަތަކެއް ހުރި އަންހެނެއް ކަމަށާއި ސީރިއަސް ގުޅުމަކަށް ދާން ޕިޓް ބޭނުންވާ ކަމަށްވެ އެވެ.
އެހެން ނަމަވެސް އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިނގިރޭސިވިލާތަށް އުފަން ޓޮމް އަކާލީ އާ، މާގޯ އަންނަނީ ޑޭޓް ކުރަމުންނެވެ.
އެހެންވެ ޕިޓްގެ މަޅީގައި ރަނގަޅަށް ވެސް މާގޯ ޖެހޭނެތޯ އަދި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. ޖޮލީ އާ ކައިވެނި ކުރުމުގެ ކުރިން ޕިޓް ވަނީ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން އާ ވެސް ކައިވެނިކޮށްފަ އެވެ.