18 މެއި 2021 - 11:48

އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުން ދާ، ރަހުމުކުޑަ، ލާއިންސާނީ ހަމަލަތަކާ ގުޅިގެން ހަގީގަތުގައި ވެސް ދިވެހިންނަށް ތިބީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މާ ދުރުގައި ތިއްބަސް ހުރިހާ ގޮތަކުން ވެސް ދިވެހިން އަންނަނީ ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލަމުންނެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އެ އަޑު ގަދަ އެވެ.
ދިވެހި އަންހެން ކުއްޖަކު އިއްޔެ ކުރި ޓްވީޓެކެވެ؛ ކުޑަކުޑަ ދިވެހިރާއްޖެ އިޒްރޭލު ދެކެ ބިރެއް ނުގަންނާނެ އެވެ. ދިވެހިން ތިބީ ފަލަސްތީނާއެކުގަ އެވެ. އެއާއެކު، ރާއްޖޭގެ ސައިޒަށް މަލާމާތްކޮށް ބިދޭސީ އަންހެނަކު ރައްދު ދިނީ ރާއްޖެއަށް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރަމުންނެވެ.
"ވެލިކޮޅެއް ނުވަތަ އައިސްކްރީމް ތަ ފޮނުވޭނީ،" އިނގިރޭސިވިލާތަށް ނިސްބަތްވާ ކަމަށް ބެލެވޭ، އުމުރުން ދުވަސްވީ މީހާ ބުންޏެވެ.
އެއާއެކު ސޯޝަލް މީޑިއާގައި އަބަދުވެސް އަޑުގަދަ ދިވެހިން ކެކިގަތެވެ. ރޭ 8:30 ގައި އެ މީހާ ކުރި ޓްވީޓް މިހާތަނަށް 500 މީހުން ރީޓްވީޓްކޮށްފައިވާއިރު ހާހަކަށް ވުރެ ގިނަ މީހުން އެއަށް ރައްދު ދީފައި ވެ އެވެ. ދިވެހި ޓްވިޓާގައި މިހާރު އެންމެ ބޮޑަށް ދައުރުވަމުން ދަނީ ވެސް އޭނާގެ ނަން، "އެޑިތް" އެވެ.
އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ވެސް އެ މީހާއަށް ދިޔައީ މަލާމާތް ރައްދުވަމުންނެވެ. ބައެއް މީހުން ބުނީ ވެއްޔަށް ވުރެ އިލޮށިފަތީގެ ބާރު ވެސް ގަދަވާނެ ކަމަށާއި އެކަމަށް ދިވެހިން ވަރަށް ކުޅަދާނަ ވާނެ ކަމަށެވެ. އަދި ވެލީގެ އިތުރުން ކާއްޓާއި ކާށިތެލާއި ރާކަނި މަސް ވެސް ރާއްޖޭން ލިބެން ހުންނާނެ ކަމަށް ބުނެ ރައްދު ދިނެވެ.
"އަހަރުމެންނަކީ ކުޑަ ގައުމަކަށް ވެދާނެ. އެކަމަކު އަހަރުމެންނަށް ހޭލުންތެރިކަން ފެތުރިދާނެ މިންވަރު ވަޒަން ވެސް ނުކުރެވޭނެ،" ޓްވިޓާގައި މީހަކު ބުންޏެވެ.
"އެކަމަކު ދެނެއް ދިވެހި ވެލީގެ އިހުުސާސްކޮށްލާކަށް ނުލިބޭނެ،"
އެހެން މީހަކު ބުނީ ފަލަސްތީނާ ގުޅޭ ގޮތުން ދިވެހިންނާ ނުބެހުމަށާއި އެއީ ދިވެހިންގެ ހަށިގަނޑުގެ އެއްބައި ކަމަށެވެ. އަދި އައިސްކްރީމާއި ވެއްޔަށް ވުރެ، "ކަނޑުމަހު ލޭ" ހުރި ދިވެހިންނަށް ކުރެވޭނެ ކަންކަން މާގިނަ ކަމަށް ބުންޏެވެ.
"އަހަރުމެންނަކީ ކުޑަ ގައުމަކަށް ވިޔަސް، މިހާ ހިތް ބޮޑު ހިތެއް އޮތް ބައެއް މަދުވާނެ. ދިވެހިން ކަމަކަށް ކުރިމަތިލައިފި ނަމަ، އެގޮތުގައި ތިބޭނެ،" އަހުމަދުގެ ނަމުގައި ޓްވީޓްކުރި މީހަކު ބުންޏެވެ.
"ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި"
ބައެއް މީހުން، ރާއްޖޭގެ ރީތި ގޮނޑުދޮށްތަކުގެ ފޮޓޯ ފޮނުވައި، އެ ވެލީގެ އިހުސާސް ކޮށްލަން އައުމުގެ ހުރި ތޯ ސުވާލު ކުރި އެވެ. އަދި އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ އާއްމުން ގާއުކޭ ނަމަ، ދިވެހިންނަށް ވެލި ވެސް އުކޭނެ ކަމަށް ބުނެ ރައްދު ދިނެވެ.
އާއްމު ގޮތެއްގައި ސިޔާސީ ކަންކަމާއި އެކި އިޖްތިމާއީ މައްސަލަތަކާ މެދު ހިޔާލުތަފާތުވެ، ޒުވާބުކުރާ ދިވެހި ޓްވިޓާއިން މިހާރު ފެންނަނީ، އެއްބައިވަންތަ ކަމެވެ. ރާއްޖެއަށް މަލާމާތްކޮށް، ފަލަސްތީނާ ދެކޮޅު ވާނަމަ، ދިވެހިންގެ ލޭ ކެކޭނެކަން ހަނދާންކޮށްދެމުންނެވެ. އަދި މި މައްސަލައިގައި، ދިވެހިންނަކީ ހަމައެކަނި ވެއްޔާއި އައިސްކްރީމަށް ވުރެ ބޮޑުބައެއްކަން މިހާރު އަންނަނީ ދައްކައިދެމުންނެވެ.
ދިވެހިން މިހާރު އަންނަނީ މިއަދު ހަވީރު އޮންނަ، ފަލަސްތީނަށް ތާއީދުކޮށް އަޑު އުފުލުމުގެ އިވެންޓަކަށް ފޯރީގައި ތައްޔާރުވަމުންނެވެ.