18 މެއި 2021 - 10:59

ލަންޑަން (18 މެއި) - އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީގެ އުފާފާޅުކުރުންތަކުގައި ފަލަސްތީންގެ ދިދަ ގެންގުޅުނު ކުޅުންތެރިންނަށް އަދަބު ނުދޭން އިނގިރޭސި އެފްއޭއިން ނިންމައިފި އެވެ.
ލެސްޓާގެ ހަމްޒާ ޗައުދަރީ އާއި ވެސްލީ ފޮފޮނާ، ވަނީ ފައިނަލް މެޗަށް ފަހު ލެސްޓާގެ އުފާފާޅުކުރުންތަކުގައި ފަލަސްތީނުގެ ދިދަ ވިހުރުވައިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާ ހިސާރުކޮށް، އަނިޔާވެރިމާ އެކު އާންމުންނަށް ހަމަލާ ދެމުން ގެންދާ ވަގުތެއްގައި އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ސްޓޭޑިއަމް ލަންޑަން ވެމްބްލީގައި ހަމްޒާ އާއި ފޮފްނާ ފަލަސްތީނަށް ތާއީދުކޮށް ދިދަ އުފުލީ، އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރާކަން ހާމަކުރުމުގެ ގޮތުންނެވެ.
ބަންގުލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވާ ހަމްޒާ ޗައުދަރީ، ޗެމްޕިއަން މެޑަލް ބަލައި ދިޔައީ ވެސް އޭނާގެ ކޮނޑުމަތީގައި ފަލަސްތީނުގެ ދިދަ އަޅާލައިގެންނެވެ. ޗެމްޕިއަންކަން ލިބުމުން އުފާފާޅު ކުރުމުގައި ފްރާންސްގެ ޑިފެންޑަރު ފޮފްނާ ވަނީ ފަލަސްތީނުގެ ދިދަ ދައްކައިލުމުގައި ހަމްޒާއާއެކު ބައިވެރިވެފަ އެވެ.
ދި އެތުލެޓިކް ނޫހުން ބުނީ އެކަމާ ގުޅިގެން ލެސްޓާ އަށް ވެސް އަދި ހަމްޒާ އާއި ފޮފްނާ އަށް ވެސް އަދަބު ނުދޭން އިނގިރޭސި އެފްއޭ އިން ނިންމާފައިވާ ކަމަށެވެ.
ހަނގުރާމައިގެ ތެރޭގައި ވަކި ބަޔަކަށް ތާއީދު ކުރުމުގެ ގޮތުން ކުޅިވަރުގެ މައިދާނުގައި ހާމަކުރާ ޝުއޫރުތަކަށް މީގެ ކުރިން އަދަބު ދީފައި ވެއެވެ. ސްކޮޓްލޭންޑްގެ ސެލްޓިކްގެ ސަޕޯޓަރުން 2016 ގައި ޗެމްޕިއަންސް ލީގުގެ މެޗަކަށް ފަލަސްތީނުގެ ދިދަ ވެއްދުމުން ޔޫއެފާއިން ސެލްޓިކް ޖޫރިމަނާކުރި އެވެ.