19 ނޮވެމްބަރ 2016 - 17:58

ފުލުހުން ކަނޑުމަތީގައި ބޭނުންކުރާ ލޯންޗުފަހަރު، ކަނޑުގައި އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން އިސްތިސްނާ ކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ގާނޫނުން އިސްތިސްނާކޮށްފައިވާ ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ތެރޭގައި ފުލުހުން ބޭނުންކުރާ އުޅަނދުތައް ހިމެނިފައި ނުވާތީ ފުލުހުންގެ ހިދުމަތްތަކަށް ދަތިތަކެއް ދިމާވެ އެވެ.
ނަމަވެސް އެއީ ކޮން ދަތިތަކެއް ކަމެއް، މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އިސްލާހުގެ ބިލްގައި ބުނެފައެއް ނުވެ އެވެ.
ކަނޑުގައި އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުގެ ދަށުން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި މިހާރު ހިމެނެނީ ސިފައިންގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކާއި ރާއްޖެ އަންނަ އަސްކަރީ ބޭރުގެ އުޅަނދުތަކާއި ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން އަންނަ އުޅަނދުތަކެވެ.
އަޒްހާން ހުށަހެޅުއްވީ ސިފައިންގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކުގެ ބަދަލުގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުގެ ގޮތުގައި އެ ގާނޫނު އިސްލާހު ކުރުމަށެވެ.