18 މެއި 2021 - 10:40

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިއްޔެ ފަސް މީހުން މަރުވެ މިހާތަނަށް ރާއްޖޭން މި ބަލީގައި އެންމެ ގިނަ މީހުން މަރުވި އެއް ދުވަހުގެ ގޮތުގައި ހިމެނިއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާދެމުން އަންނަނިކޮށް ރޭ 11:14 ގައި މަރުވީ 79 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 103 ވަނަ މީހާ އެވެ.
ކޮވިޑް ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައި ވަނީ މި މަހު އެވެ. އެއީ 30 އެވެ. މިއާ އެކު މިހާތަނަށް ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 103 އަށް އަރައިފަ އެވެ.
މީގެ ކުރިން ދެ ދުވަހަކު ކޮވިޑްގައި ފަސް މީހުން މަރުވެފައިވެ އެވެ. އެއީ މި މަހުގެ ހަ ވަނަ ދުވަހާއި 14 ވަނަ ދުވަހު އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނައިން މަރުވެފައި ވަނީ 12 މީހެކެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅައިފަ އެވެ. ނަމަވެސް ކޮންމެ ދުވަަހަކު ކޮވިޑްގެ އެތައް ސަތޭކަ ކޭހެއް އަލަށް ފެންނަމުން ދާއިރު ފިޔަވަޅުތަކާ އެކު ވެސް އަދި ކޭސްތައް ދަށްވާ ތަނެއް ނުފެނެ އެވެ. އިއްޔެ އެކަނި ވެސް އަލަށް 1،433 ކޭސް ފެނިފައިވެ އެވެ. މިހާތަނަށް ރާއްޖޭން 45,956 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ.