18 މެއި 2021 - 00:04

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން އިއްޔެ ނިޔާވި މީހުންގެ އަދަދު ހަތަރަކަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ، އެ ބަލީގައި އެންމެ ފަހުން ނިޔާވީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. ރޭގެ 10:00 ގައި އެ މީހާ ނިޔާވީ އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި 102 ވަނަ މީހާ އެވެ.
ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 100 އަށް އެރީ އިއްޔެ އެވެ. މި ބަލީގައި 100 ވަނަ މީހަކަށް ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް-11" ގައި ފަރުވާދެމުން އައި އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ އިއްޔެ ރޭ ފަތިހު 4:41 ގަ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނައިން ނިޔާވެފައި ވަނީ 12 މީހެކެވެ. އެކަމަކު، މި މަސް ދެބައިވިއިރު، މިހާތަނަށް 27 މީހަކު ނިޔާވެފައިވާއިރު، މިދިޔަ ދެ ހަފުތާ އަށް އެކަނި ބަލައިލާއިރު ވެސް ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަރަށް ގިނަ އެވެ. މިދިޔަ އެއް ހަފުތާގައި އެކަނި ވެސް ދުވާލަކު ނިޔާވާ މީހުންގެ އަދަދު އެވްރެޖުކޮށް އުޅެނީ 4-5 ގަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅައިފަ އެވެ.