އާސެނަލުން ވާޑީ ހޯދަން ލެސްޓާއާ މަޝްވަރާ ކުރަނީ
އާސެނަލުން ވާޑީ ހޯދަން ލެސްޓާއާ މަޝްވަރާ ކުރަނީ

ލަންޑަން (ޖޫން 4) - ލެސްޓާ ސިޓީ އަށް ކުޅޭ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ޖެމީ ވާޑީ ހޯދަން އާސެނަލުން އެ ކްލަބާ އެކު މަޝްވަރާކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ވާޑީ އަކީ މިފަހަރު ޔޫރޯގައި ވާދަކުރާ އިނގިރޭސި ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މި ސީޒަނުގައި ލެސްޓާ އަށް ހުރިހާ މުބާރާތެއްގައި 24 ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ޖޫން މަހުގައި ކުޅުމަށް ފަހު މިހާތަނަށް ވަނީ އެ ޓީމަށް ތިން ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

މިިދިޔަ ސީޒަނުގައި ލެސްޓާ ލީގު ހޯދިއިރު ވާޑީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ކްލަބުން ހޮވި މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނުއިރު، ލީގުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދި އެވެ. ލެސްޓާ އިން ވަނީ މިދިޔަ ފެބްރުއަރީ މަހު ވާޑީގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.

ނަމަވެސް މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން ވަނީ ލެސްޓާ އިން ވާޑީ ވިއްކަން ބުނާ އަގު ދިނުމަށްފަހު އެ ޓީމަށް އޭނާ ގެންނަން ލެސްޓާއާ މަޝްވަރާ ކުރަން ނިންމައިފަ އެވެ.

މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވާޑީ މިދިޔަ މަހު ބުނީ އެހެން ކްލަބަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި ބޭނުމީ ލެސްޓާއާ އެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ކަމަށެވެ.

އާސެނަލުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބޮރޫޝިއާ މޮންޗެންގްލަޑްބެކްގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރަނިޓް ޒާކާ އެޓީމަށް ގެނެސްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ވާޑީ އަށް އާސެނަލުން 20 މިލިއަން ޕައުންޑްގެ ބިޑެއް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.