ގައްދޫ ޒާހިރު އަވަހާރަވެއްޖެ
ގައްދޫ ޒާހިރު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ ޒާހިރު އާދަމް (ގައްދޫ ޒާހިރު) މިރޭ އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ މީގެ ކުޑައިރުކޮޅެއް ކުރިން، މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގަ އެވެ.

"ރޯދަ މަސް ތެރޭގައި ވަރަށް ބޮޑަށް ބަލިވެ އުޅުއްވި. އެކަމަކު މިހާރު ވަރަށް ރަނގަޅަށް ހުރީ. މި ހުރިހާ ދުވަހަކު އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް ކޮވިޑްގެ އަލާމާތެއް ވެސް،" އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.

ރިސޯޓް ވިޔަފާރި އާއި ސަފާރީ ވިޔަފާރި ހިންގެވި، އަދި މިހާރު ވެސް އެ ވިޔަފާރީގެ ތެރޭގައި ކޮންމެވެސް ވަރަކަށް އުޅުއްވާ ގައްދޫ ޒާހިރު ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހައްދަވައިފަ އެވެ. އޭގެ ފަހުން، އޭނާ މުޅިންހެން ހުންނެވީ ގޭގަ އެވެ.

އުމުރުން 70 އިން މައްޗަށް ގޮސްފައިވާ އާދަމް ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހީވާގިކޮށް މަސައްކަތް ކުރެއްވި މެމްބަރެކެވެ. އޭނާ ވަނީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. ޑީއާރުޕީ އާއި ޕީއޭގައި ވެސް ކުރިން އުޅުއްވި ޒާހިރު އެންމެ ފަހުން ހުންނެވީ އެމްޑީޕީގަ އެވެ.

ގައްދޫ ޒާހިރު ވަނީ ފެބްރުއަރީ 27، 2005 އިން މޭ 27، 2009 އަށް ގދ. އަތޮޅުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި މޭ 28، 2009 އިން މޭ 27، 2014 އަށް ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ. މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން އޭނާ ކުރެއްވީ ފެބްރުއަރީ 28، 2005 އިން ޖޫން 26، 2008 ގެ ނިޔަލަށެވެ.

ގައްދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ޒާހިރަކީ ވެސް ގައްދޫ ޒާހިރުގެ ބޭފުޅެކެވެ.