ކޮވިޑް-19: މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ
ކޮވިޑް-19: މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ތިންވަނަ މީހަކު މިއަދު ނިޔާވެއްޖެ އެވެ،

އެޗްޕީއޭ އިން މިރޭ ބުނީ، މިއަދު ހަވީރު 6:00 ގައި ނިޔާވީ އުމުރުން 70 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި 101 ވަނަ މީހާ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 100 އަށް އެރީ މިއަދެވެ. މި ބަލީގައި 100 ވަނަ މީހަކަށް ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް-11" ގައި ފަރުވާދެމުން އައި އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ރޭ ފަތިހު 4:41 ގަ އެވެ.

މިއަދު ނިޔާވި ފުރަތަމަ މީހަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ދަންވަރު 12:14 ގައި ނިޔާވި އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ބަލީގައި އެންމެ ގިނަ މީހުން ނިޔާވި މި މަހު އެވެ. މި މަސް ދެބައިއިރު ވަނީ ކޮވިޑް ބަލީގައި 25 އަށް ވުރެ ގިނަ މީހުން ނިޔާވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނައިން ނިޔާވެފައި ވަނީ 12 މީހެކެވެ. އެކަމަކު، މި މަސް ދެބައިވިއިރު، މިހާތަނަށް 25 މީހަކު ނިޔާވެފައިވާއިރު، މިދިޔަ ދެ ހަފުތާ އަށް އެކަނި ބަލައިލާއިރު ވެސް ކޮވިޑް ބަލީގައި ނިޔާވާ މީހުން ވަރަށް ގިނަ އެވެ. މިދިޔަ އެއް ހަފުތާގައި އެކަނި ވެސް ދުވާލަކު ނިޔާވާ މީހުންގެ އަދަދު އެވްރެޖުކޮށް އުޅެނީ 4-5 ގަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް މިހާރު ގޯސްވެ، ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް ވަނީ އަޅައިފަ އެވެ.

ރާއްޖޭގައި މިހާރު ވެސް ކޮވިޑް ޖެހިފައިވާ 15،958 މީހަކު އެބަތިއްބެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 262 މީހަކަށް ފަރުވާދޭއިރު މިހާތަނަށް 44،523 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ.