އަންހެނުން ޕޮޒިޓިވްވުމުން ދަގަނޑޭ ކޭމްޕް ދޫކޮށްލައިފި
އަންހެނުން ޕޮޒިޓިވްވުމުން ދަގަނޑޭ ކޭމްޕް ދޫކޮށްލައިފި

ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ގައުމީ ޓީމުގެ ކޭމްޕް އޭނާ ދޫކޮށްލައިފި އެވެ.

ހޮޓެލް ޖެންގައި ގައުމީ ޓީމުގެ ކޭމްޕްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދަގަނޑޭ ވެސް އެ ދުވަހު ޓީމާއެކު ކޭމްޕަށް ވަނެވެ. ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ކޭމްޕަށް ވަނުމުގެ ކުރިން ޕީސީއާރް ޓެސްޓް ހެދި އެވެ. ކޭމްޕަށް ވަނީ މި ޓެސްޓުން ނެގަޓިވް ނަތީޖާ ލިބުނު ކުޅުންތެރިންނާއި އޮފިޝަލުންނެވެ.

ރާއްޖެ ޓީވީން މިރޭ ދައްކަން ހަމަޖެހިިފައިވާ، "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ދަގަނޑޭ ކޭމްޕް ދޫކޮށްލީ އެފްއޭއެމްގެ ހުއްދަ ލިބިގެން ކަމަށެވެ.

ބައްސާމް ވިދާޅުވީ ކޭމްޕުން ނުކުތުމަށް ފަހު، މިއަދު ދަގަނޑޭ އަލުން ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް އަލުން ކޭމްޕަށް ދެން ވަދެވޭނީ ނެގަޓިވް ނަތީޖާޢެއް ލިބިގެން ކަމަށެވެ.

އެފްއޭއެމްއާ ހަވާލާދީ "ރާއްޖެ އެމްވީ" އިން ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ދަގަނޑޭ ފުރިހަމަ އަށް އަމަލުކުރަމުންދާ ކަމަށާއި އޭނާ ހުރީ އަންހެނުންނާ ވަކިން، އޭނާގެ މަންމަގެ ގޭގައި ކަމަށެވެ.

ހޮޓެލް ޖެންގައި ކޭމްޕް ކުރި ގައުމީ ޓީމަށް، ކޮވިޑްގެ ސަބަބުން، އުނދަގޫ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމުން ކޭޕްމްގައި ބައިވެރިނުވެވުނެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެއް ކުޅުންތެރިޔަކީ ޔުނައިޓެޑް ވިކްޓަރީގެ އެޓޭކިން މިޑްފީލްޑަރު އިސްމާއީލް އީިސާ އެވެ.

ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ވަނީ ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވާ ޓީމަށް ކުރިމަތިވެފައިވާ އުނދަގޫތައް މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ކޯޗު ބުނީ، މިދިޔަ މަހު ކުއްލިއަކަށް ޕްރެކްޓިސް މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންނަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަލުން ޓްރޭނިންތައް ފެށިއިރު ކުޅުންތެރިން ކުރަން ޖެހޭ މަސައްކަތް ބޮޑު ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ކުޅުންތެރިންގެ ފަލަ މަސްގަނޑަށް ކުދިކުދި އަނިޔާތައް ކުރިމަތިވެ، އިންފެކްޓް ވެފައިވާކަން ފާހަގަ ކުރި އެވެ

މިހާލަތުން އަރައިގަތުމަށް އޭނާގެ ކޯޗިން ޓީމާއި އެފްއޭއެމުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް ކޫޕްމަން ބުންޏެވެ.