ބޭސްދިން ގޮތުން ގުނަވަންތައް ފެއިލްވެ، މީހަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ
ބޭސްދިން ގޮތުން ގުނަވަންތައް ފެއިލްވެ، މީހަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

އައްޑޫ އަމިއްލަ ހޮސްޕިޓަލަކުން ކަށީގެ ފަރުވާއެއް ހޯދި އަންހެނަކަށް ޑޯޒް މަތިކޮށް ދިން ބޭހެއް ކައިގެން އޭނާގެ ގުނަވަންތައް ފެއިލްވެ، ދުނިޔެ ދޫކޮށްފި އެވެ.

ބޭސްދިން ގޮތުން ގުނަވަންތައް ފެއިލްވެ، މީހަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ
ބޭސްދިން ގޮތުން ގުނަވަންތައް ފެއިލްވެ، މީހަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

ފަސް ކުދިންގެ މަންމަ، ސ. މަރަދޫ އާއިޝަތު އަޒީޒާ ހަލީލް، 58، މަރުވީ، އާއިލާ އިން ބުނާ ގޮތުގައި އައްޑޫ އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) ކްލިނިކުގެ ކަށީގެ ޑޮކްޓަރު ދިން ބޭސް ކާތާ 10 ވަރަކަށް ދުވަސް ފަހުން، އިއްޔެ އެވެ.

އާއިލާގެ މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަޒީޒާގެ ފައިގައި ވަރަށް ގަދައަށް ރިއްސައި ނުހިނގޭ ހިސާބަށް ގޮސްގެން މަރަދޫ ސިއްހީ މަރުކަޒަށް ދެއްކީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

"އޭގެ ފަހުން ވެސް ރަނގަޅު ނުވެގެން، އެއިމްސް ކްލިނިކްގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރަކަށް ދެއްކީ،" އޭނާ ބުންޏެވެ.

"ޑޮކްޓަރު ބަލާފައި ބޭސް ދިން. ހަގީގަތުގައި ޑޮކްޓަރު ދިން ބޭސް ގޯސްވީއެއް ނޫން. ގޯސްވީ ބޭހުގެ ޑޯޒް ލިޔެފައި އޮތް ގޮތް. މާ މަތީ ޑޯޒެއް ދީފައި ހުރީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަންހެން މީހާ އަށް ދިނީ މެތޯޓްރިއެކްސޭޓް އެވެ. އެ ބޭސް ކެއުމަށް ބޭސް ސިޓީގައި ޖަހާފައިވާ ގޮތަކީ ފަސް މިލިގްރާމުގެ ދެ ގުޅަ ދުވާލަކު އެއް ފަހަރު، ތިން ހަފްތާ ވަންދެން ބޭނުން ކުރުމަށެވެ.

"އެ ބޭހަކީ ކައްޓަށް ވާ ތަދު ނުވަތަ ކެންސަރު ޕޭޝަންޓުންނަށް ކީމޯދީގެން އެ މީހުންނަށް އެވާ ތަދު ކަހަލަ ތަދުތަކަށް ދޭ ބޭހެއް. މީހާގެ އިމުއިނިޓީ ލޯ ކޮށްލާ އެއްޗެއް. އަސްލު އެ ބޭސް އެންމެ ގިނަވެގެން ދޭން ޖެހެނީ 20-25 މިލިގްރާމް ހަފްތާއަކަށް. އެކަމަކު ޑޮކްޓަރު ދީފައި އިނީ ދުވާލަކަށް 10 މިލިގްރާމް ކާގޮތަށް، އެއީ ތިން ހަފުތާވަންދެން."

އޭނާ ބުނި ގޮތުގައި އަޒީޒާ، އެގޮތަށް ބޭސް ކަމުންް އައިކަން އާއިލާ އަށް އެނގުނުއިރު 12 ވަރަކަށް ދުވަސް ވެއްޖެ އެވެ.

"އަޅުގަނޑުމެންނަށް އަސްލު ބޮޑަށް ނޭނގުނު ގޮތަކީ ފުރަތަމަ އެލާޖީއެއްގެ ގޮތަށް އަނގައިގައި ފާރު ހެދެން ފެށީ. އަނގަ ކަހަލަ ތަނެއްގައި ފާރު ހެދުނީމަ ވަގުތުން ފަންގަސްތާ ހެދޭނީ. ދެން މިކޮޅަށް (މަރަދު އަށް) ޑޮކްޓަރަށް ދެއްކީމަ އެނގުނީ ފަންގަލް އިންފެކްޝަނެއް ހެދިފައިކަން. ޑޮކްޓަރަށް ދައްކަން ދިޔައިރު އެ ބޭސް ސިޓީއެއް ނުގެންދޭ. އެހެންވީމަ ނޭނގޭނެތާ އެ ބޭސް ކާ ކަމެއް."

އަނގައިގައި ފާރު ހެދިގެން، މަރަދޫ ސިއްހީ މަަރުކަޒަށް ދެއްކުމުން އެތަނުން ދިނީ އަނގަ ދޮންނަ ބޭހެކެވެ. އެކަމަކު އަނގައިގެ ފާރުތައް ގިނަވެ، ފެންފޮދެއް ވެސް ބޮއެ ނުލެވޭ ވަރަށް އަނގަ ފާރުވި އެވެ. އޭގެ ފަހުން އޭނާގެ ގައިގައި ފިތް ނަގަން ފެށި އެވެ. އެހާ ހިސާބުން އަޒީޒާ އަށް ދީފައި ހުރި ބޭސްތައް ޑޮކްޓަރަކަށް ފޮނުވައި، އޭގައި އެލާޖިކެއް ވެދާނެ ކަހަލަ ބޭހެއް ހުރިތޯ ބެލުމުގެ މަަސައްކަތް އާއިލާ އިން ފެށި އެވެ. އެއާ އެކު ބޭސް ސިޓީ ފޮނުވި ޑޮކްޓަރު އެންގީ ވަގުތުން އެ ބޭސް ބޭނުންކުރުން ހުއްޓާލުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާއިލާ އަށް އެކަން އިނގުނުއިރު އެ ދުވަހަކީ އީދު ދުވަސްކަމުން މަރަދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތެވެ. ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސް ކަމަށް ވާތީ، އެ ދުވަހު ވެސް ޑޮކްޓަރަށް ދެއްކޭ ގޮތެއް ނުވި އެވެ.

އާއިލާ އިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ސިއްހީ މަރުކަޒަަށް ގެންދިޔައިރު އަޒީޒާގެ ހާލު ވަރަށް ދެރަ ކަމަށެވެ. މަރަދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީ ޓެކްނީޝަނެއް ނެތުމުން ޓެސްޓް ހަދަން ފޮނުވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ. އެތަނުން ހެދި ޓެސްޓްތަކުން އެނގުނީ ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެފައިވާ ކަމެވެ.

"[މި މަހުގެ] 13 ވަނަ ދުވަަހު ބޭސް ސިޓީ ފޮނުވީމަ ޑޮކްޓަރު އިނީ ޓެސްޓް ހަދަންދީފައި. ކިޑްނީ އާއި ލިވާއާ އެއްޗެހި ޗެކްކުރަން. އެކަމަކު އެ ދުވަހު ދައްތަގެ ހާލު ދެރަވެގެން ޓެސްޓް ހެދޭގޮތެއް ނުވި. ދެން ޓެސްޓް ހެދީ އެޑްމިޓްކުރި ދުވަހު ވަގުތުން. އޭރު ހުރީ ހުރިހާ އޯގަންތަކަށް އިފެކްޓް ކޮށްފައި."

ހަށިގަނޑުގެ ގުނަވަންތަކަށް އަސަރުކޮށްފައިވާކަން އެނގުމުން މަރަދޫ ސިއްހީ މަރުކަޒުން ރިފާ ކުރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެންމެ ފަހުން، އެތަނަށް ގޮސް، ޓެސްޓްގެ ނަތީޖާ ޔަގީންކުރުމަށް ދެވަނަ ފަހަރަށް ވެސް ޓެސްޓްތައް ހެދި އެވެ.

"އެތަނުން ވެސް ބުނީ އޯގަންތައް ފެއިލްވެފައި ހުރި ވާހަކަ. އީއާރުން ވާހަކަ ދެއްކި ޑޮކްޓަރު އައިސީޔޫ އަށް ބަދަލުކުރަމުން ބުނީ ޕޭޝަންޓަށް ހޯޕް ނެތް ކަމާއި ފެމިލީ އަށް ދޮގުހަދަން ބޭނުން ނުވާ ކަމަށް. އޯގަންތަކަށް އިފެކްޓްކޮށްފައޭ ހުރީ."

ހަށިގަނޑުގެ ގުނަވަންތައް ފެއިލްވި ސަބަބަކީ ކޮބައިތޯ އިމަޖެންސީގައި ބެލި ޑޮކްޓަރުން ކައިރީގައި އާއިލާއިން އެހުމުން އެ މީހުން ވެސް ބުނެފައި ވަނީ އެ ބޭހުގެ ޑޯޒް މަތިކަމުންވީ ގޮތެއް ކަމަށް، އާއިލާ އިން ބުނެ އެވެ.

އަޒީޒާގެ ހާލަތު ގޯސްވާން ފެށީ ބޭހުންކަން އެނގުނު ހިސާބުން، އެކަން އެއިމްސްގެ މެނޭޖިން ޑިރެކްޓަރަށް މެއިލްކޮށް އެކަން ހިއްސާކުރި އެވެ. އަދި، އިންޓާނަލީ މައްސަލަަ ބަލަން ފެށި ހަބަރު އޭނާ ހިއްސާކުރެއްވި ކަމަށާއި މި ވަގުތު ޑޮކްޓަރު ވެސް ހުރީ ސަސްޕެންޑްކޮށްފައި ކަމަށް އޭނާ ވިދާޅުވި ކަމަށް އާއިލާ އިން ބުނެ އެވެ.

"އިއްޔެ ދައްތަ މަރުވީމަ ވެސް މެސެޖް ކުރިން، މިހާރު ދައްތަ މަރުވެއްޖެއޭ ބުނެ. ރަނގަޅު ޑިސިޝަނެއް ނަގާނެ ކަމަށް އުއްމީދުކުރަމޭ ކިޔައިފައި. އަޅުގަނޑުމެން ކޮންމެހެނުން ޑޮކްޓަރަށް ގެއްލުމެއް ދޭކަށް ނޫނޭ މި ބުނަނީ. އެހެން އިތުރު އިންސާނަކަށް މިކަން ދިމާވަން ބޭނުންް ނުވާތީއޭ."

އާއިލާއާ ބައްދަލުކުރަން ހޮސްޕިޓަލުގެ ޓީމެއް ވެސް މިއަދު ގެއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

އަޒީޒާ އަކީ ކުރިން ކިޑްނީ އަދި ލިވާއެއްގެ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫނެވެ. އެކަމަކު ދެ ފަހަރަށް ސްޓްރޯކް ޖެހިފައިވާ އަޒީޒާ އައީ ހިތުގެ ބައްޔަށް ވެސް ބޭސްކަމުންނެވެ. އަދި ލޭ މަައްޗަށް ދިއުމާއި ހަކުރުގެ މައްސަލަ ވެސް އޭނާގެ ހުރެ އެވެ.

އެއިމްސް އަށް ޑޮކްޓަރަށް ދެއްކިއިރު ވެސް އޭނާ އައީ އެ ހުރިހާ ބައްޔަކަށް ބޭސް ކަމުންނެވެ. އަދި ޑޮކްޓަރު ކައިރީގައި ވެސް، އެ ބޭސްތައް ކަމުން އަންނަ ވާހަކަ އޭނާ ބުނެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

މި މައްސަލައިގައި އެއިމްސް ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ވިދާޅުވީ އިންޓާނަލް ރިވިއުއެއް ހެދުމަށް ފަހު، ސްޕެޝަލިސްޓް އެހެން ޑޮކްޓަރުންގެ ކޮމެންޓް އެކަމުގައި ހޯދާފައިވާ ކަމަށެވެ. އަދި ޑޮކްޓަރުން ވެސް މިހާތަނަށް ވިދާޅުވެފައި ވަނީ އެ މީހާއަށް ދީފައިވާ ޑޯޒަކީ މާ މަތީ ޑޯޒެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

އެހެންވެ އިންޓާނަލީ ބެލުމަށް ފަހު ޑޮކްޓަރު ސަސްޕެންޑްކޮށްފައިވާ ކަމަށާއި ކްލިނިކަލް އެއްވެސް ހަރަކާތެއްގައި މި ވަގުތަށް ބައިވެރިނުވެވޭ ގޮތަށް އެކަހެރިކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަަދި އެކަމުގައި ހެލްތު މިނިސްޓްރީ އާއި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ސިޓީއެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިހުސާން ވިދާޅުވެ އެވެ.

"އެ އުސޫލުތަކުގެ ތެރެއިން އޭރުން ކަންނޭނގެ މީގައި އިންޑެޕެންޑެންޓް ތަހުގީގެއް ކުރެވޭނީ. ދެން އަޅަން ފެނިވަޑައިގަންނަވާ ފިޔަވަޅެއް އެ ބޭފުޅުން އަޅާނީ."

އެކަމަކު އިހުސާން ވިދާޅުވީ އަޒީޒާ ސީދާ މަރުވީ އެ ބޭހުގެ މަތީ ޑޯޒެއް ބޭނުންކޮށްގެން ކަން މުޅިން ނިންމާނީ ކަމާ ބެހޭ ފަރާތްތަކުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ތަހުގީގު ނުނިމެނީސް ޑޮކްޓަރު ފުރުވާނުލާނެ ކަމަށެވެ.