19 ނޮވެމްބަރ 2016 - 17:35

ރާއްޖޭގެ ބަނދަރަކަށް ވަންނަ ކޮންމެ އުޅަނދަކުން ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ އަދަދު ބޮޑު ކުރުމަށް، ކަމާއި ގުޅޭ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހުގެ ބިލްގައި އެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅުއްވި އެވެ.
ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އަޒްހާން ވިދާޅުވީ، ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައި އޮތް އަދަދަަކަށް ވާތީ ކަމަށެވެ. އަދި މިއީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އެކަށީގެން ނުވާ ކުއްޔެއް ކަމަށް ވެސް އަޒްހާން ވިދާޅުވި އެވެ.
- 200 ގްރޮސް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200ރ.
- 200 ގްރޮސް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ އުޅަނދަކުން 300ރ.
- 1000 ގްރޮސް ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދަކުން 400ރ.
- 2000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500ރ.
- 2000 ގްރޮސް ޓަނަށް ވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 250ރ.
- 100 ނެޓް ރެޖިސްޓާޑް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 50ރ.
- 100 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 500 ޓަނު ހަމަނުވާ އުޅަނދަކުން 200ރ.
- 500 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 300ރ.
- 1000 ނެޓް ރެޖިސްޓާޑް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 400ރ.
- 1000 ނެޓް ރެޖިސްޓާޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 200ރ.
މީގެ އިތުރުން އަޒްހާން ވަނީ ބަނދަރުގައި އޮންނަތާ އެއް ހަފުތާ ވުމުން ކުލި ނަގަން ފަށާ ގޮތަށް ބަދަލުކުރަން ހުށަހަޅުއްވައިފަ އެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން ކުލި ނަގަން ފަށާނީ 16 ދުވަސް ވުމުންނެވެ.
އިސްލާހުގައި ވާގޮތުން ބަނދަރުގައި އޮންނަތާ އެއް ހަފުތާ އާއި 45 ދުވަހާ ދެމެދު ރެއަކާއި ދުވާލަކަށް 65 ރ. ނަގާނެ އެވެ. ގާނޫނުގައި މިހާރު އޮތް ގޮތުން ނަގަނީ 50ރ. އެވެ. އޭގެ އިތުރުން 46 ދުވަހުން ފެށިގެން 90 ދުވަހާ ހަމައަށް ރެއަކާއި ދުވާލަކަށް ނަގަމުން އަންނަ 80 ރުފިޔާގެ ބަދަލުގައި 100 ރުފިޔާއަށް ބޮޑު ކުރުމަށް އަޒްހާން ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް 91 ދުވަހުން ފެށިގެން އިތުރުވާ ކޮންމެ ރެއަކާއި ދުވާލަކަށް ނަގަމުން އަންނަ 150ރ. އަށް ބަދަލެއް ގެންނަން ހުށަހެއް ނާޅުއްވަ އެވެ.
އަޒްހާން ވަނީ ރެޖިސްޓްރީ ކޮށްގެން ދުއްވާ 1000 ގްރޮސް ޓަން ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރުގައި އޮތުމުގެ ކުލިި ނުނެގޭ ގޮތަށް އިސްލާހު ކުރުމަށް ހުށަހަޅުއްވައިފަ އެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ، ދިވެހިން ދުއްވާ 500 ރެޖިސްޓާޑް ޓަން ހަމަ ނުވާ ބޯޓު ފަހަރުން ބަނދަރު ކުލި ނުނަގާނެ އެވެ.
މީގެ އިތުރުން ތިން މަސް ދުވަސް ހަމަވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކުލި ދައްކަން ޖެހޭ ގޮތަށް އަޒްހާން ހުށަހެޅުއްވި އިސްލާހުގައިވެ އެވެ. އަދި ރާއްޖޭގެ ބަނދަރަކުން ބޯޓެއް ފުރައިގެން ދާން ވާނީ ކުއްޔެއް ދައްކަން ޖެހޭނަމަ، އެ ދައްކައި ނިންމުމަށް ފަހު ގައި ކަމަށް އިސްލާހުގައިވެ އެވެ.