ނަޝީދުގެ ފަރުވާ ވަރަށް ރަނގަޅު، އޮތީ އިންފެކްޝަނެއްގެ ކަންބޮޑުވުން: އާއިލާ
ނަޝީދުގެ ފަރުވާ ވަރަށް ރަނގަޅު، އޮތީ އިންފެކްޝަނެއްގެ ކަންބޮޑުވުން: އާއިލާ

ޓެރަރިޒަމްގެ ހަމަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް އެ މަނިކުފާނުގެ އާއިލާއިން މިއަދު ބުނެފި އެވެ.

ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތައް ލިބުނެވެ. އެ ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް އިތުރު ފަރުވާ އަސް މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނަށް ވަޑައިގެން މިިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަން ވަނީ ފައްޓަވައިފަ އެވެ.

ނަޝީދުގެ އެއްބަނޑުއެއްބަފާ ބޭބެ ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް ވިދާޅުވީ ވަރަށް ރަނގަޅަށް ފަރުވާ ކުރިއަށްދާ ކަމަށެވެ. މިއަދު ހެނދުނު އެ މަނިކުފާނުގެ ފުއްޕާމޭގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ ނަތީޖާ ރަނގަޅުކަމަށް ވިދާޅުވި އެވެ.

"މިހާރު އޮތް ކަންބޮޑުވުމަކީ ހަށިގަނޑުގައި އިންފެކްޝަން އުފެދިދާނެތީ،" ޑރ. ނާޝިދު ވިދާޅުވި އެވެ.

ނަޝީދުގެ ސާޖަރީތައް ހެދި އޭޑީކޭ ހޮސްޕިޓަލުން ވެސް ކުރިން ބުނެފައިވާ ގޮތުގައި ސާޖަރީތަކަށް ފަހު އިންފެކްޝަނެއް އުފެދިދާނެތީ އެކަން ވަރަށް ގާތުން ބަލަންޖެހޭނެ އެވެ.

އެ މަނިކުފާނަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ. އެ ޒަހަމްތައް ފެންނަ ފޮޓޯތަކެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އާއްމުކޮށްފަ އެވެ.

އާއްމުކުރި ފޮޓޯޓަކުން ފެންނަ ގޮތުގައި ނަޝީދުގެ ބަނޑުފުޅު ވަނީ މެޔާ ހަމައަށް އެއްކޮށް ފަޅާލައިފަ އެވެ. އޭޑީކޭ ޑޮކްޓަރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަމަލާ ދޭން ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތަކާއި އެހެން ބައެއް އެއްޗެހި ހަށިގަނޑަށް ވަދެ ގޮހޮރު ވެސް އޮތީ ފޫގޮސްފަ އެވެ. އަދި ގޮހޮރުން ހަށިގަނޑުތެރެއަށް ލީކުވެފައި ވާތީ ސާފުކޮށް ގޮހޮރު ފަހަން ޖެހުނެވެ.

ނަޝީދު ފަރުވާ ހޯއްދަވާ މިލިޓަރީ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭނެ ކަމަށް ލަފާކުރެވެނީ އެއް ހަފުތާގެ މުއްދަތަށެވެ. އެވެ. އެއަށްފަހު ރިހިބިލިޓޭޝަން ފަރުވާ ފައްޓަވާނެ އެވެ.

ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމުގެ ހަރަދު ހަމަޖައްސާފައިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން އެވެ. ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުންނެވެ.