18 މެއި 2021 - 08:47

އަރަބި ދުނިޔޭގެ އެންމެ ނުފޫޒު ފަދަ އެއް ޑައިރެކްޓަރު ކަމަށްވާ ފަލަސްތީނުގެ އީލިއާ ސުލައިމާންގެ ފިލްމުތަކެއް މި މަހުގެ ތެރޭގައި އޮންލައިންކޮށް ހިލޭ ބަލައިލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި މަހުގެ 21-30 އަށް މިކަން ކުރިއަށް ގެންދަނީ ދި އަރަބް ފިލްމު އެންޑް މީޑިއާ އިންސްޓިޓިއުޓްގެ ފަރާތުންނެވެ. އެތަނުން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނު ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންދާ މި ދަނޑިވަޅުގައި ފަލަސްތީނުގެ ހުނަރުވެރި ޑައިރެކްޓަރެއްގެ މަސައްކަތްތަކެއް ހިލޭ ބަލައިލަން ލިބުމަކީ އެ ގައުމުގެ ރައްޔިތުންނަށް ހަމްދަރުދީވުމުގެ ގޮތުން ވެސް ކުރެވިދާނެ ކަމެކެވެ.
އެގޮތުން ސުލައިމާންގެ ހަތަރު ފިލްމެއް ހިލޭ ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ފިލްމުތަކަކީ ކްރޮނިކަލް އޮފް އަ ޑިސަޕެރެންސް (1996) އާއި ޑިވައިން އިންޓަވެންޝަން (2002) އާއި ދަ ޓައިމް ދެޓް ރިމެއިންސް (2008) ގެ އިތުރުން އިޓް މަސްޓް ބީ ހެވެން (2019) އެވެ.
މި ފިލްމުތައް ބަލައިލަން ހާއްސަ ލިންކެއް ވަނީ އާންމުކޮށްފަ އެވެ. އޭގައި ރަޖިސްޓްރީކޮށްލައިގެން ފިލްމުތައް ބެލޭނެ އެވެ.
އަރަބް ފިލްމު އެންޑް މީޑިއާ އިންސްޓިޓިއުޓް އިން ބުނި ގޮތުގައި މި މަހުގެ 21-30 އަށް ސްލައިމާންގެ ފިލްމުތައް ހިލޭ ބަލާލަން ފުރުސަތުދޭ އިރު މި މަހުގެ 23 ގައި އޭނާ އޮންލައިންކޮށް ބާއްވާ ޓޯކްބެކް އިވެންޓެއް ވެސް އޮންނާނެ އެވެ.
އުމުރުން މިހާރު 60 އަހަރުގެ ސުލައިމާނަކީ ޑައިރެކްޓަރެއްގެ އިތުރުން ސްކްރީން ރައިޓަރެކެވެ. އޭނާގެ "ޑިވައިން އިންޓަވެންޝަން" އަކީ 2002 ގެ ކާންސް ފިލްމު ފެސްޓިވަލްގައި ޖޫރީ ޕްރައިޒް ވެސް ލިބިފައިވާ ފިލްމެކެވެ.
ފީޗާ ފިލްމުތަކުގެ އިތުރުން ސުލައިމާން ކުރު ފިލްމުތަކެއް ވެސް ހަދާފައިވެ އެވެ. އެއީ ދަ ގަލްފް ވޯ...ވަޓްސް ނެކްސްޓް (1993)، ދި އަރަބް ޑްރީމް (1998)، ސައިބަ ޕަލަސްތީން (2000)، އޯކްވާޑް (2007) އަދި ޑައިރީ އޮފް އަ ބިގިނާ (2012) އެވެ.