17 މެއި 2021 - 14:10

ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވުމުން ހިތާމަފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު އެއް ރޫހެއްގައި އިޒްރޭލު ކުށްވެރިކުރައްވައިފި އެވެ.
މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް، ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ އިޒްރޭލުން ކުރިއަށް ގެންދަނީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށެވެ. އެއީ ހަމަނުޖެހުމެއްގެ ގޮތުގައި ސިފަ ނުކުރުމަށް ވެސް ބައެއް މެމްބަރުން ގޮވައިލެއްވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަަސީމް ވިދާޅުވީ އިޒްރޭލުގެ އުދުވާނާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ގައުމުތަކުން ގެންގުޅޭ ބަސްމަގާ މެދު ވެސް ވިސްނައިލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހަމަނުޖެހުމެއް ނޫން ކަމަށާއި އެއީ އަޅުވެތިކުރުމާއި އަނިޔާވެރިވުން ކަމަށެވެ.
"އިއްޒަތްތެރި ރައީސްް، މިއީ އެއްވެސް ހާލެއްގައި ކޮންފްލިކްޓެއް ނޫން. މިއީ ހަމަނުޖެހުމެއް ނޫން. މިއީ ހަމަ ސީދާ އޮކިއުޕޭޝަނެއް. މިއީ އޮޕްރެޝަނެއް،" އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެެމްބަރު އާދަމް ޝަރީފް ވިދާޅުވީ ފަލަސްތީނު މައްސަލައަށް ހައްލެއް ހޯދުމަށް ކުރަންވީ ކަމަކީ ވާހަކަތައް ދެއްކުމެއްނޫން ކަމަށާއި އިސްލާމީ އުއްމަތް އެކަަތިގަނޑަކަށްވެ ތެދުވަން ޖެހޭ ކަަމަށެވެ.
"މި މައްސަލަ އަށް ހައްލެއް ހޯދުމަށް ޓަކައި އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން ކޮންމެ ގައުމެއް ވެސް އެ ގައުމެއްގެ ފެންވަރުގައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތަކަކީ ހަމައެކަނި މިގޮތަށް މި ވާހަކަތައް ދައްކައިލުމެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަކީ މުޅި ދުނިޔެެ އަށް ވެސް އޮތް ބިރެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ ސަބަބުން މުޅި ދުނިޔޭގެ ހަމަޖެހުން އެބަ ނެތިދާ ކަމަށެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ފަލަސްތީނު މީހުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާގެ މަންޒަރުތަކަކީ ލަގޮނޑި އަށް ކެތްވާވަރު ކަމެއް ނޫން ކަމަށެވެ. އިޒްރޭލުން ހިންގަމުން އެދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ ހިލާފު ޖަރީމާތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލުން އެ ޖަރީމާތައް ހިންގާތާ އެތައް އަހަރެއް ވިޔަސް، މިހާރު ތަފާތަކީ ފަލަސްތީނު މީހުންނަށް ކުރަމުންދާ އަނިޔާގެ މަންޒަރުތައް ވަގުތުން ފެންނަމުން ދިއުން ކަމަށެވެ.
"މިހާރު ރިއަލް ޓައިމްގައި މަންޒަރު އެބަ ފެނޭ. މިހާރު މައުސޫމް ތުއްތު ކުދިން، އެ އަނިޔާވެރިގޮތަކަށް ޝަހީދުކޮށް މަރަމުންދާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެން ލޮލުން ކަރުނަ އާދޭ އަސަރުން ފުރިގެންދޭ. ލަގޮނޑި އަށް ކެތެއް ނުވޭ،" އިންތި ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ކުށްވެރިކުރަން ގޮވާލައި މިއަދު ކުއްލި މައްސަލަ ހުށަހަޅުއްވަން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް މަސަައްކަތް ކުރެއްވި އެވެެ. އެކަމަކު އެއް ކަމަކާ ގުޅޭ ދެ މައްސަލަަ އަށް ވާތީ ހުށަހެޅުއްވުމުގެ ފުރުސަތު ދޭނެ ބޭފުޅެއް ކަނޑައެޅީ ގުރުއަތުލައިގެންނެވެ.
މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ގޮވައިލެއްވީ އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެކުރުމާއި އެތަނުގެ ޓޫރިސްޓުން ރާއްޖެ އަށް އައުން މަނާކުރުމަށެވެ. ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.