17 މެއި 2021 - 13:08

އަންނަ މަހު އޮންނަ، އީރާނުގެ ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، އެ ގައުމުގެ މިހާރުގެ އުއްތަމަ ފަނޑިޔާރު ސައްޔިދު އިބްރާހީމް ރައީސުއް ސާދާތީ (އިބްރާހީމް ރައީސީ) އާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް އަލީ ލަރިޖާނީ ރަޖިސްޓްރީ ކުރައްވައިފި އެވެ.
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އަރިސް ދެ ބޭފުޅުންގެ ގޮތުގައި ބެލެވޭ، ރައީސީ އާއި ލަރިޖާނީއަކީ، މިފަހަރު އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާނެ ކަމަށް ބެލެވެ އެވެ. އަންނަ މަހު އޮންނަ ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު، މިހާރު ވެރިކަމުގެ ދެ ވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ، ހަސަން ރޫހާނީއަކަށް ނެތެވެ.
އިންތިޚާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފަހު އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި، އޭނާ ވެރިކަމަށް ވާދަކުރެއްވުމަށް ނިންމެވީ ދައުލަތް ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސް، ގައުމަށް ފެތުރެމުންދާ ފަގީރުކަމާއި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ ބޭނުމުގަ އެވެ. އަދި މިހާރުގެ ހާލަތު އުފަންކުރުމުގައި ބައިވެރިވި އަދި މިހާރުގެ ރައީސް ރޫހާނީގެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުންނެވި ލަރިޖާނީ ފަދަ ބޭފުޅަކަށް، ގައުމުގެ ހާލަތު ބަދަލު ނުކުރެއްވޭނެ ކަމަށްވެސް ރައީސީ ވިދާޅުވި އެވެ.
އިބްރާހީމް ރައީސީ، އީރާނުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުން، އީރާންގެ ސިޔާސީ އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުންނާއި، އިންސާހީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ 1988 ވަނަ އަހަރު، އީރާނު ސަރުކާރާ ދެކޮޅަށް ހިނގައިދިޔަ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ތެރޭގައި، ގިނަ އަދަދެއްގެ އިދިކޮޅު މީހުން މެރުމުގައި، އިބްރާހީމީ އަދާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ދައުރުގެ ސަބަބުންނެވެ.
މަރުގެ ހުކުމްތައް ތަންފީޒު ކުރިއިރު، އީރާންގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހައިސިއްޔަތުން، މަރު ތަންފީޒުކުރާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި، އިބްރާހީމް ރައީސީ ވިދާޅުވެފައިވަނީ، 1988 ގައި އިއްވި މަރުގެ ހުކުމްތައް ތަންފީޒުކޮށްފައިވަނީ، އޭރުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީގެ ފަތުވާއެއްގެ މައްޗަށް ކަމަށެވެ.
އިންތިޚާބަށް ރަޖިސްޓްރީ ކުރެއްވުމަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު، ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ މުސްތަޝާރެއްގެ ގޮތުގައި ހުންނެވި އަލީ ލަރިޖާނީ ވިދާޅުވީ، މިފަހަރުގެ އިންތިޚާބަށް ރަޖިސްޓްރީ ކުރެއްވި އެހެން ބޭފުޅުންނަކީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވޭނެ ބޭފުޅުން ނޫން ކަމަށެވެ. ޚާއްޞަކޮށް، އަސްކަރިއްޔާގައި ނުވަތަ ޝަރުއީ ދާއިރާގައި މަސައްކަތް ކުރެއްވި އެއްވެސް ބޭފުޅަކަށް ގައުމުގެ އިގްތިސާދު އިސްލާހު ނުކުރެވޭނެ ކަމަށް ލަރިޖާނީ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، 300 އަށް ވުރެ ގިނަ ކެންޑިޑޭޓުން މިހާރުވެސް ރަޖިސްޓްރީ ކޮށްފި އެވެ. ނަމަވެސް ކެންޑިޑޭޓަކަށް ވެވޭނީ، އީރާނުގެ މަޝްވަރާ މަޖިލީހުގެ ރުހުން ލިބޭ ކެންޑިޑޭޓުންނަށެވެ. އެ މަޖިލިސް އެކުލެވިގެންވަނީ، ދީނީ އިލްމުވެރިންނާއި ފިގުހުވެރިންގެ ތެރެއިން އެކަށައަޅާފައި އޮންނަ، 12 މެމްބަރުންގެ މައްޗަށެވެ.
މަޝްވަރާ މަޖިލީހުން ރުހުން ދެއްވާ ކެންޑިޑޭޓުންގެ ނަންތައް އެ މަޖިލީހުން އާންމު ކުރާނީ، މި މަހުގެ 27 ވަނަ ދުވަހު އެވެ.
އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިޚާބުގައި ވާދަކުރުމަށް، 1600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ރަޖިސްޓްރީ ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން، މަޝްވަރާ މަޖިލީހުން ރުހުން ދެއްވީ، އެންމެ ހަ ކެންޑިޑޭޓުންނަށެވެ.
އެ އިންތިޚާބުގައި ހަސަން ރޫހޫނީ ކާމިޔާބު ހޯއްދެވީ، ފުރަތަމަ ބުރުން 57 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި، އިބްރާހީމް ރައީސީ އަށް ލިބިވަޑައިގަތީ އެންމެ 38 އިންސައްތަ ވޯޓެވެ.
ހަސަން ރޫހާނީގެ ވެރިކަމުގެ ފަހު ދައުރުގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން، 2018 ވަނަ އަހަރު އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާނުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ގެއްލުންވެ، ރޫހާނީގެ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.
ޓްރަމްޕުގެ ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ، ބަރަކް އޮބާމާގެ ވެރިކަމުގައި، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި، ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރާ އެއްބަސްވުމާއެކު، އެމެރިކާއިން ދިން ދޫތަކުގެ ސަބަބުން، އީރާނުގެ އިގްތިސާދަށް ރޫފަ ލިބެމުން ދަނިކޮށެވެ. (ބީބީސީ)