17 މެއި 2021 - 13:06

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް، އެމެރިކާއިން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން، ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވައިފި އެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އިޒްރޭލުގެ އުދުވާނީ ހަމަލާތައް ހައްދުފަހަނަޅައިގެން ދަނީ، ރައީސް ޖޯ ބައިޑެންގެ ސަރުކާރުން، އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެވެ. އަދި އިޒްރޭލުގެ ޢުދުވާންތައް ހުއްޓުވުމަށް، ބައިޑެންގެ ސަރުކާރުން މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެބޭފުޅުން ގޮވައިލައްވަ އެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ނިއު ޔޯކް ތަމްސީލް ކުރައްވާ، ޑިމޮކްރެޓިކް ޕާރޓީގެ މެމްބަރެއް ކަމަށްވާ އެލެގްޒެންޑްރިއާ އޮކާޒިއޯ-ކޯޓޭޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ޢުދުވާންތަކުގެ އަސްލަކީ އެމެރިކާ ސަރުކާރުން އިޒްރޭލަށް ކުރާ ތާއީދެވެ.
"މި ކަންތައް (އުދުވާނީ ހަމަލާތައް) މިހިނގަނީ، އެމެރިކާގެ ތާއީދާ އެކު. ކޮންމެ މީހަކު މި ވާހަކަތައް، އޮޅުވައިލުމަށް މަސައްކަތް ކުރިޔަސް ފަރުވާލެއް ނެތް. ހަމަލާތައް ހުއްޓައިލުމަށް އދ. އިން ގޮވައިލި ގޮވައިލުން ވީޓޯ ކުރީ އެމެރިކާއިން. އެމެރިކާގެ ބައިވެރިއެއް، ރައީސް ބައިޑެންގެ ސަރުކާރަށް ނުހުއްޓުވެންޏާ، ކާކަށް ދެން ހުއްޓުވޭނީ. ތިމަންނަމެން މިތިބީ އިންސާނީ ޙައްޤުތަކުގެ ދިފާއުގައޭ ކިޔައިގެން އެމީހުން އަޑުއުފުލާނީ ކިހިނެއް،" އެލެގްޒެންޑްރިއާ ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ގައުމުތަކަކީ ޑިމޮކްރެސީ ގާއިމުވެފައިވާ ގައުމުތަކެއް ނޫނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މިޗިގަން ތަމްސީލް ކުރައްވާ، ޑިމޮކްރެޓިކް ޕާރޓީގެ މެމްބަރެއް ކަމަށްވާ ރާޝިދާ ޠުލައިބް ވެސް، އިޒްރޭލު ސިފަ ކުރެއްވީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ގައުމެއްގެ ގޮތުގަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި މިސޫރީ ތަމްސީލް ކުރައްވާ، ޑިމޮކްރެޓިކް ޕާރޓީގެ މެމްބަރެއް ކަމަށްވާ ކޯރީ ބުޝް ވެސް، ވިދާޅުވީ އިޒްރޭލަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ގައުމެއް ކަމަށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ގިނަ މެމްބަރުންނަކީ، އެމެރިކާއިން އިޒްރޭލަށް ކުރާ ތާއީދާ އެއްކޮޅަށް ޚިޔާލު ފާޅުކުރައްވާ ބޭފުޅުން ކަމަށް ވިޔަސް، ފަލަސްތީނު މައްސަލައާ ގުޅޭ ގޮތުން، އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވާ މެމްބަރުންނާއި ދެކޮޅުހައްދަވާ މެމްބަރުންގެ އަދަދު، ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި އަންނަނީ އިތުރު ވަމުންނެވެ.
އޭގެ އިތުރުން، އެއްވެސް ޝަރުޠަކާ ނުލައި އެމެރިކާއިން ކޮންމެ އަހަރަކު އިޒްރޭލަށް ހަތަރު މިލިއަން ޑޮލަރު ދިނުމުގެ ބޭނުމަކީ ކޮބައިތޯވެސް ބައެއް މެމްބަރުން ސުވާލު އުފައްދަވަ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ، މިނިވަން މެމްބަރެއް ކަމަށްވާ ވާމޮންޓް ސްޓޭޓް ތަމްސީލް ކުރައްވާ، ބާނީ ސޭންޑާ ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ކަނާތު ފިޔައިގެ (ބޮޑުވަޒީރު) ނަތަންޔާހޫގެ ސަރުކާރުގެ ފަރާތުންނާއި އެ ސަރުކާރުގެ ޑިމޮކްރެސީއާ ޚިލާފު އަދި ނަސްލީ ތަފާތުކުރުމުގެ ޢަމަލުތަކަށްޓަކައި، އަބަދު މައާފަށް އެދުމަކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކުރަންޖެހޭ ކަމެއް ނޫނެވެ.
"އޭގެ ބަދަލުގައި އަހަރެމެންގެ މިސްރާބު ބަދަލުކޮށް، ޢަސްކަރީ ހަމަލާތަކުން މަދަނީން ޙިމާޔަތްކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ އެއްވެސް ކަމަކަށް، އެމެރިކާގެ އަސްކަރީ އެހީ ބޭނުން ނުކުރޭނެކަން ކަށަވަރުކުރުމަށް، އެމެރިކާގައި ތަންފީޒުކުރަމުންދާ ޤާނޫނުތައް ނަގަހައްޓައި، އެ ގާނޫނުތައް އިތުރަށް ހަރުދަނާކޮށްދޭނެ ފަދަ އަދުލުވެރި އުސޫލަކުން، ބައިނަލްއަގްވާމީ މައްސަލަތަކާ އަހަރެމެން ކުރިމަތިލާން ވެއްޖެ،" ނިއު ޔޯކް ޓައިމްސްގައި ލިޔުއްވި ކޮލަމެއްގައި ބާނީ ސޭންޑާ ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރަށްތަކުގައި މިހާރު ހިންގަމުންދާ ގަތުލުއާންމުގައި، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިހާތަނަށް 200 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފި އެވެ. އޭގެ ތެރޭގައި 50 އަށް ވުރެ ގިނަ ކުޑަކުދިންނާއި 30 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ، އެތައް އިމާރާތެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.
އިޒްރޭލުގެ މިއުދުވާނުގެ ދިފާއުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ ފަރާތުން، އިޒްރޭލުގެ ރަށްތަކަށް ދިން ރޮކެޓް ހަމަލާތަކުގައި، އިޒްރޭލުގެ 10 މީހުން މަރުވެ، ބައެއް އިމާރާތްތަކަށާއި ބައެއް އެއްގަމު އުޅަނދުތަކަށް ގެއްލުން ލިބިފައިވެ އެވެ. (އަލްޖަޒީރާ)