19 ނޮވެމްބަރ 2016 - 11:38

މާދަމާ އޮންނަ އެފްއޭއެމް އިންތިހާބުގައި ތާއީދުކުރަނީ އަހުމަދު ތޯރިގް (ޓޮމް) އަށް ނުވަތަ ބައްސާމް އަދީލް ޖަލީލަށް ހެއްޔެވެ؟ މި ސުވާލުކޮށްފި ނަމަ ފުޓްބޯޅައަށް ލޯބިކުރާ ބައެއް ފަރާތްތަކުގެ ޖަވާބަކަށްވާނީ ކޮންމެ ކެންޑިޑޭޓަކު ހޮވިގެން ވިޔަސް އެފްއޭއެމަށް ހަމަޖެހުމެއް އަންނަން ބޭނުންވާ ކަމަށެވެ. ސަބަބެއް ނެތި އެއް ނޫނެވެ. އިންތިހާބީ މައްސަލަތަކުން އަރައިނުގަނެ، ވަރުބަލިވެފައިވާ ދިވެހި ފުޓްބޯޅައަށް އަށް ދާއިމީ އެގްޒެކެޓިވް ކޮމިޓީއެއް އަންނަން ޖެހެ އެވެ. ފުޓްބޯޅައިގެ ކުރިއެރުމަށް ކުރަން ޖެހޭ އެތައް ކަމެއް ފުނިޖެހިފައި ހުރުމުންނެވެ.
އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ އެފްއޭއެމްގެ ފުރަތަމަ އިންތިހާބު ބޭއްވުމަށް ފީފާ އިން 2007 ވަނަ އަހަރު އެކުލަވާލި އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރެވެ. އޭނާ ވިދާޅުވީ ދިވެހި ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އެހެންކަމުން އެފްއޭއެމް ހަމަޔަކަށް އެޅެން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.
"ކުޅިވަރުގެ ރޫހު ގެއްލިގެން ގޮސް އެހެން ދިމާލަކަށް ދާތަން މި ފެންނަނީ އަޅުގަނޑުމެންނަށް. ހުރިހާ ގޮތަކުން ވެސް، ފުޓްބޯޅައަށް ސަޕޯޓް ގެއްލޭތަން މި ފެންނަނީ. މީގެ ކުރިން ނެޝަނަލް ޓީމު ކުޅޭއިރު ދަނޑު ފުރޭނެ. ސީޓް ޖާގަ ނުލިބިގެން އެބައުޅެން ޖެހޭ. އެކަމަކު އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް އާއި ކުޅުނު މެޗުގައި ރާއްޖޭގެ ސަޕޯޓަށް ވުރެ ގިނައީ ބަންގްލަދޭޝް ސަޕޯޓަރުން،" ޝާހިރު ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމްތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޝާހިރު ވިދާޅުވީ އިންތިހާބެއް ބާއްވާފައި ވަޑައިގަންނަވާ ބޭފުޅުން ނިޔަތަކީ ފުޓްބޯޅަ ކުރިއަރެރުވުން ކަމަށް ވާން ޖެހޭ ކަމަށެވެ. އަދި އެބަޔަކީ ސަރުކާރުގެ ސަޕޯޓް އޮންނަ ބަޔަކަށް ވުން މުހިއްމު ކަމަށާއި ހަމަ އެގޮތަށް ހުސް ސިޔާސީ ބޭފުޅުން އައުން ވެސް ރަނގަޅެއް ނުވާނެ ކަމަށެވެ.
"ފީފާ އާއި އޭއެފްސީން ވެސް ގަބޫލުކުރޭ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ސަރުކާރުގެ ސަޕޯޓް ނެތި ކުރިއަށް ނުދާނެކަން. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ އެންމެ ބޮޑު ސްޕޮންސަރަކީ އެއިރެއްގައި އޮންނަ ސަރުކާރު. އެފްއޭއެމަށް އަންނަ ބަޔަކު އެބަޖެހޭ ސަރުކާރުގެ ކުޅިވަރު އެޖެންޑާ ތަންފީޒްކޮށްދޭން. އެކަމަކު ހުސް ޕޮލިޓީޝަނުން އައުމަކީ ވެސް ރަނގަޅު ގޮތެއް ނޫން،" ޝާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުތަކުން އަރައިނުގަނެވި ދިވެހި ފުޓްބޯޅައިގެ ފޯކަސް ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި ގައުމީ ޓީމުގެ ކުރިއެރުމަކަށް އަދި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް މިހާރު އެއްވެސް ސަމާލުކަމެއް ނެތް ކަމަށެވެ. އަދި ސަރަހައްދީ ގައުމުތަކުން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނައިރު ރާއްޖެ މިއޮތީ ފަސް ވަރަކަށް އަހަރު ފަހަތަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ ވަސީލަތްތައް މަދުއިރު އަދި އެފްއޭއެމްގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވުމަކީ ރާއްޖެ އަށް ލިބޭ އިތުރު ގެއްލުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ސާފް ޗެމްޕިއަންޝިޕް ހޯދުމުން މުޅި ގައުމަށް އުފާވެރިކަން ގެނެސްދިން. ދިވެހި ތާރީހުގައި މުޅި ގައުމު އެއްކޮށް އެވަރުގެ ތަރުހީބެއް އެހެން ކަމަކަށް ދިން ތަނެއް ނުފެނޭ. އޭގެން އެނގޭ ފުޓްބޯޅަ ލޯބިކުރާކަން ދިވެހިން. އެކަމަކު މިހާރު މި ފެންނަނީ އެހެން މަންޒަރެއް. ހަގީގަތުގައި މިވާހަކަ ދައްކަން ވަރަށް އިމޯޝަލްވޭ. އަނބިދަރިންނަށް ދޭން ޖެހޭ ވަގުތު އަޅުގަނޑުމެން ފުޓްބޯޅަ އަށް ދިނީ. އެހާ ވެސް ލޯބިވާ ކުޅިވަރެއް މިހާލުގައި އޮތުމުން ވަރަށް ދެރަވޭ،" ޝާހިރު ވިދާޅުވި އެވެ.
އޭނާގެ ވިދާޅުވީ ކޮންމެ ބަޔަކު އަޔަސް ކުޅިވަރު ކުރިއެރުވުމުގެ ނިޔަތް އޮވެ، ސަރުކާރާ ގުޅިގެން މަސައްކަތްކޮށްފިއްޔާ ކާމިޔާބީ ހޯދޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ އިހުލާސްތެރިކަން ކަމަށް ވިދާޅުވި އެވެ.
ފުޓްބޯޅަ ކްލަބެއް ހިންގެވުމުގައި 20 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ ހޮވޭ ބަޔަކަށް އެއްބާރުލުންދިނުމަކީ މިވަގުތު ދިވެހި ފުޓްބޯޅައަށް ދެވޭނެ އެންމެ ބޮޑު އެހީ ކަމަށެވެ. އޭނާ ވިދާޅުވީ ފުޓްބޯޅައަކީ ގާތްގަނޑަކަށް ހުރިހާ ދިވެހިންނާ ގުޅުން އޮތް ކުޅިވަރެއް ކަމަށާއި އެހެންކަމުން ކްލަބްތަކުން ވޯޓުން އައިކަމުގައިވީ ނަމަވެސް ރައްޔިތުންގެ ހައްގުގައި ވެސް އެފްއޭއެމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
"މިދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ފެންނަނީ މެނޭޖްމަންޓުގައި ތިބޭ ބަޔަކަށް އެފްއޭއެމް ހިންގިޔަނުދޭން އުޅޭ މަންޒަރު. އިލްހާމް އަހުމަދުގެ ދައުރުން ފެށިގެން ނޯމަލައިޒޭޝަން ކޮމިޓީ އަދި އޭގެ ފަހުން ތޯރިގުގެ ދައުރުގައި ވެސް ފެނުނީ އެއްބާރުލުން ނުލިބުނު މަންޒަރު. ކްލަބްތަކުން ހޮވާ ބަޔަކު އަންނައިރު އެބަޖެހޭ އެ ބަޔަކަށް ފުރުސަތު ދޭން. ސަރުކާރުން ވެސް އެހީތެރިވާން ޖެހޭ. އެފްއޭއެމްގެ ލީޑާޝީޕަށް އަންނަ ކޮންމެ ލޮޅުމަކާ އެކު ފުޓްބޯޅައާ ގުޅުން ހުރި އެންމެ އާއްމު މީހާ އަށް ވެސް އަސަރުކުރޭ. މިސާލަކަށް އެފްއޭއެމް ހަމަޔަކަށް ނޭޅި ގައުމީ ޓީމަށް އަޅާނުލެވެނޭ ނަމަ އެއީ ހުރިހާ ދިވެހިންނަށް ލިބޭނެ ދެރައެއް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް ފުޓްބޯޅަ އާއިލާ އޮތީ ދެބައިވެފަ އެވެ. އިންތިހާބުގެ ވާދައިގައި ދެ ޓީމު ޖެހިފައިވާއިރު ބައެއް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގެ މުހިއްމު އިދާރާތައް ވެސް އޮތީ މި ފޯރީގައި ޖެހިފަ އެވެ.
"އެ ހޮވޭ ބަޔެއްގެ ޒިންމާއަކަށްވާނެ އެހެން މީހުންގެ އެއްބާރުލުމާ އެކު މަސައްކަތްކުރުން. އަދި ބަލިވާ ޓީމަކުން އެބަޖެހޭ ފުރުސަތު ދޭން،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ޝާހިރު ވެސް ވިދާޅުވީ އިންތިހާބުވާ ޓީމަކަށް ޒިންމާދާރުކަމާ އެކު މަސައްކަތްކުރަން އެ އޮންނަ ވަގުތެއް ދޭން ޖެހޭނެ ކަމަށާއި އެ ނޫނީ އަނެއްކާ ވެސް އެފްއޭއެމް ވެއްޓިގެންދާނީ އިންޓަރިމް ހާލަތަކަށް ކަމަށެވެ.
"އިންޓަރިމް ހާލަތުގައި އޮންނާނީ އަނެއްކާ ވެސް އަނެއް އިލެކްޝަނެއް ބޭއްވުމަށް އިންތިޒާމް ހަމަޖެއްސުން. އޭރުން ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް މަސައްކަތެއް ނުކުރެވި އަނެއްކާ ވެސް ވަގުތުތަކެއް ގެލިގެންދާނީ،" ޝާހިރު ވިދާޅުވި އެވެ.