ޓޮޓެންހަމް އާ ހަވާލުވާނެ ކޯޗަކު ނުވި
ޓޮޓެންހަމް އާ ހަވާލުވާނެ ކޯޗަކު ނުވި

ލަންޑަން (17 މެއި) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ހަވާލު ވާނެ ކޯޗަކު ހޯދުމުގައި އެ ކްލަބަށް އުނދަގޫތަކެއް ކުރިމަތިވެއްޖެ އެވެ.

އެ ޓީމުގެ ކޯޗު ކަމުގެ މަގާމު ހުސްވީ، ކޯޗް ކަމުގައި ހުރި ހޯޒޭ މޮރީނިއޯ މިދިޔަ މަހު 19 ވަނަ ދުވަހު މަގާމުން ވަކި ކުރުމުންނެވެ. އޭނާ ވަނީ މިހާރު އޭއެސް ރޯމާގެ ކޯޗް ކަމާ ހަވާލުވާން އެއްބަސްވެފަ އެވެ.

ޓޮޓެންހަމުން މިހާތަނަށް ވަނީ އެ ޓީމުގެ މަގާމު ތިން ކޯޗަކަށް ހުށަހަޅައިފަ އެވެ. އެ ތިން ކޯޗުން ވެސް ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ. ރެޑްބުލް ލައިޕްޒިގްގެ ކޯޗް ހޫލިއަން ނާގެލްސްމަން އާއި އަޔެކްސްގެ ކޯޗް އެރިކް ޓޭން ހޭގް އަދި ލެސްޓާގެ ކޯޗް ބްރެންޑެން ރޮޖާސްއަށް ސްޕާސްއިން ހުށަހެޅި އެވެ.

ކޯޗަކު ހޯދުމުގައި ޓޮޓެންހަމަށް އުނދަގޫ ކުރިމަތި ވެފައިވާ ސަބަބަކީ، އެ ކްލަބުގެ ޗެއާމަން ޑެނިއެލް ފިލިޕް ލެވީގެ ޝަރުތު ބޮޑުވުން ކަމަށް ޓެލެގްރާފް ނޫހުން ބުނެ އެވެ. އޭނާ ބޭނުންވަނީ ފަހުގެ ތާރީހްގައި ކާމިޔާބު ހޯދާފައިވާ ކޯޗެކެވެ. ބަޔާން މިޔުނިކްގެ މިހާރުގެ ކޯޗް ހެންސީ ފްލިކްއަށްވެސް ސްޕާސްގެ ވަޒީފާ ހުށަހެޅި އެވެ. އެހެންނަމަވެސް އޭނާ ހުރީ ޔޫރޯ އަށް ފަހު ޖަރުމަންގެ ޓީމާ ހަވާލުވާ ގޮތަށެވެ.

ޑެނިއެލް ލެވީގެ ލިސްޓްގައި މިހާރު ހުރި ނަންތަކަކީ، ލައިޕްޒިގްގެ ކުރީގެ ކޯޗް ރާލްފް ރަންގްނިކް އާއި ނިއުކާސަލް ޔުނައިޓެޑްގެ ކުރިގެ ކޯޗް ރަފާ ބެނިޓޭޒް އަދި ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓިނޭޒް އެވެ. ނަމަވެސް އެއްވެސް ކޯޗަކު އަދި ފައިނަލު ކުރެވިފައެއް ނުވެ އެވެ.

ވަގުތީ ކޯޗެއްގެ ގޮތުގައި ސީޒަން ނިމެންދެން ޓީމަށް އިރުޝާދު ދެމުން ގެންދަނީ ކުރިން ޓޮޓެންހަމްގެ އެކެޑެމީގައި މަސައްކަތް ކުރަމުން ދިޔަ ރަޔާން މޭސަން އެވެ. އުމުރުން 29 އަހަރުގެ ކޯޗް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ރޭ ވްލްވްސް އާދެކޮޅަށް ކުޅުނު މެޗު ސްޕާސް ކާމިޔާބު ކުރީ 2-0 އިންނެވެ.