ކޮވިޑްގެ ހުރިހާ ކަމެއް އަތުން ދޫވަނީ، މިއީ ކުރިން ވެސް ދިން އިންޒާރެއް!
ކޮވިޑްގެ ހުރިހާ ކަމެއް އަތުން ދޫވަނީ، މިއީ ކުރިން ވެސް ދިން އިންޒާރެއް!

ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ހަމަ ފެށުމާއެކު، ސިއްހީ މާހިރުން އިންޒާރުދޭން ފެށި އެވެ؛ އަވަހަށް ރައްކާތެރިވާށެވެ. ސިއްހީ ހިދުމަތްތެރިިން ވަރަށް މަދެވެ. ބަލި މީހުން މާގިނަ ވެއްޖެ ނަމަ، އެކަށީގެންވާ ފަރުވާއެއް ނުދެވޭނެ އެވެ. ހޮސްޕިޓަލްތައް ފުރިގެން، ފަރުވާ ނުދެވި ގެއަށް ފޮނުވާލާތަން ވެސް އަތުވެދާނެ އެވެ.

ކޮވިޑްގެ ހުރިހާ ކަމެއް އަތުން ދޫވަނީ، މިއީ ކުރިން ވެސް ދިން އިންޒާރެއް!
ކޮވިޑްގެ ހުރިހާ ކަމެއް އަތުން ދޫވަނީ، މިއީ ކުރިން ވެސް ދިން އިންޒާރެއް!

ކޮންމެ ދުވަހަކު ކޮވިިޑް ޖެހޭ މީހުންގެ އަދަދު އެތައް ސަތޭކައަށް މިހާރު އަރަމުންދާއިރު މި ފެންނަނީ، ކުރިން ދިން އެ އިންޒާރުގެ މަންޒަރެވެ. ކޮވިޑް ފެސިލިޓީތަކާއި ހޮސްޕިޓަލްތައް ފުރި، އިތުރަށް އެނދު ބަހައްޓަން ޖެހުނީ އެވެ. ކިރިޔާ ވެސް ހާލު ރަނގަޅު ނަމަ، ބޭސް ދީފިއްޔާ ގެއަށް ފޮނުވައިލަނީ އެވެ. ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ވެސް ފުރެނީ އެވެ. އެ އަށް ވުރެ ބޮޑަށް، ބަލި މީހުންނަށް ހިދުމަތް ދޭކަށް މީހުންނެއް ނެތެވެ. އިތުރަށް މީހުން ހޯދުމަށް، ސަރުކާރުން މިހާރު އާދޭސް ކުރަނީ އެވެ.

ކޮވިޑްގެ ހުރިހާ ކަމެއް އަތުން ދޫވަނީ، މިއީ ކުރިން ވެސް ދިން އިންޒާރެއް!
ކޮވިޑްގެ ހުރިހާ ކަމެއް އަތުން ދޫވަނީ، މިއީ ކުރިން ވެސް ދިން އިންޒާރެއް!

މީގެ ތިން ހަފުތާ ކުރިއަށް ބަލާއިރު، ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 ގަ އެވެ. ހަފުތާއަކު 900 މީހުންނެވެ. އެކަމަކު ވޭތުވެ ދިޔަ ތިން ހަފުތާގެ ތެރޭގައި ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު 700 އަށް ވަނީ އިތުރުވެފަ އެވެ. ހަފުތާއަކު 5،000 މީހުންނަށް އަލަށް ބަލި އެބަ ޖެހެ އެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން، އަދި ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތަށް ބަލާއިރު ކަންބޮޑުވާން ޖެހޭ އަދަދުތަކެކެވެ.

ކޮވިޑްގެ ބަލީގައި މީހުން މަރުވާ ނިސްބަތް ވެސް މި ވަނީ އެތައް ގުނައަކަށް އިތުރުވެފަ އެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ފުރަތަމަ އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވީ، މަހަކު 12 މީހުންނެވެ. އެކަމަކު މި މަސް ދެބައިވީއިރު، އޭގެ ދެ ގުނައަށް، 25 މީހުން މިހާރު މަރުވެއްޖެ އެވެ.

ކޮވިޑްގެ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ވާހަކަ ދެއްކެވި ޑރ. އަހުމަދު ޝަހީދު ވެސް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭން މި ފެންނަނީ ކުރިން، ސިއްހީ ހިދުމަތްތެރިން ދެއްކެވި ވާހަކަތަކުގެ ނަތީޖާ އެވެ.

"މިއީ ކުރިން ވެސް އަޅުގަނޑުމެން ބުނަމުން ދިޔަ ވާހަކަ. އަދަދުތައް މައްޗަށް ދާވަރަކަށް، ގޮން ޖެހުންތައް ކުރިމަތިވާނެއޭ. ހެލްތު ކެއާ ކެޕޭސިޓީ އޯވަލޯޑް ވާނެއޭ،" އައިޖީއެމްއެޗުގެ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީހުން ނެތުމުގެ ސަބަބުން ކުރިން ހިދުމަތް ދެމުން އައި ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ކުރިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ، ޑޮކްޓަރުންގެ ޓީމަކާއި ކޮންޓެކްޓް ޓްރޭސިންގެ ޓީމަކުން، އެ މީހުންނާ ގުޅަ އެވެ. ހައި ރިސްކުގެ މީހުން ފާހަގަކޮށް، އެޑްމިޓްކުރެ އެވެ. ހައި ރިސްކުގެ ބައެއް މީހުން ފިޒިކަލް ޓްރަޔޭޖަކަށް ނުވަތަ ޑޮކްޓަރަށް ދައްކުވަ އެވެ. ނޫނީ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ން އެ މީހުންގެ ކައިރިއަށް ގޮސް ލޭގެ ހިނގުމާއި އޮކްސިޖަން ހުރި މިންވަރު ބަލަ އެވެ.

އެކަމަކު މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވުމާއި ހިދުމަތް ދޭން ތިބި މީހުން މަދުކަމުން، މި ހިދުމަތްތަކެއް މިހާރު އެންމެ ރަނގަޅަކަށް ނުދެވެ އެވެ. ބަލި ޖެހި، ޑޮކްޓަރަށް ދައްކަން ވިޔަސް އަވަހަކަށް ބަލައެއް ނުދެވެ އެވެ.

ޑރ. ޝަހީދު ވިދާޅުވީ، ކުއްލިއަކަށް ދިމާވާ ސިއްހީ އިމަޖެންސީއެއްގައި ހިދުމަތް ދޭން އޮންނަ މެޑިކަލް ރެންސްޕޮންސް ޓީމުން ވެސް ހިދުމަތް ދެވޭލެއް ލަސް ކަމަށެވެ. ރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވެސް އެ ޓީމަށް އެންމެ ރަނގަޅަކަށް، އެ ޒިންމާއެއް އަދައެއް ނުކުރެވެ އެވެ. ހުރިހާ ވެސް މައްސަލައަކީ ހިދުމަތް ދޭން ތިބޭ މީހުންގެ އަދަދު މަދުވުމެވެ.

ރާއްޖޭގައި މި ވަގުތު ކޮވިޑް ޖެހިފައިވާ 15،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ކޮވިޑް ފެސިލިޓީ އާއި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާއިރު، އައިސީޔޫގައި ވެންޓިލޭޓަރު ގައި ވެސް ބައެއް މީހުން އެބަތިއްބެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ އަދި ސަރުކާރު ސިއްހީ އިދާރާތަކުގެ މެޑިކަލް ގިނަ އޮފިސަރުން މިހާރު ތިބެނީ އެ ބަލި މީހުންނަށް ހާއްސަ ކޮށްފަ އެވެ. އެކި ޑިޕާޓްމެންޓުތަކުގެ 45 ޕަސެންޓް ނަރުހުންނާއި އޯޕީޑީގެ ސްޕެޝަލިސްޓުން ވެސް ކޮވިޑްގެ ބަލި މީހުންނަށް ހިދުމަތް ވަނީ ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗުގައި އިމަޖެންސީ އޮޕަރޭޝަންތަކެއް ނޫނީ ނުކުރެ އެވެ. އެހެން ބައެއް ހޮސްޕިޓަލްތަކުގެ އެކި ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ. އޭގެ މާނައަކީ، އެހެން ބަލިތަކަށް ވެސް އެކަށީގެންވާ ފަރުވާ މިހާރު ނުލިބުމެވެ.

"މީހުން ގިނަވާ ވަރަކަށް އަޅުގަނޑުމެން އެބަ އެނދުތައް އިތުރުކުރަން. އެކަމަކު އެ އިތުރު ކުރާވަރަށް އެ މީހުންނަށް ހިދުމަތް ކުރަން މީހުން ވެސް ބޭނުން ވާނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

"އެއީ މި ވަގުތު އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،"

ޑޮކްޓަރުންނާއި ނަރުހުން އެކަންޏެއް ނޫނެވެ. ލެބް ޓެކްނީޝަނުންނާއި ސިއްހީ ދާއިރާގެ އެހެން ހިދުމަތްތެރިންނަށް ވެސް މިހާރު ކަންކަން ކޮންޓްރޯލް ކުރަން އުނދަގުލެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ހާސް މީހުންގެ ސާމްޕަލް ނަގާއިރު، ބައެއް މީހުންގެ ނަތީޖާ 5-6 ދުވަސް ވާއިރު ވެސް ނުލިބެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހޮޓްލައިނަކުން ފޯނެއް ނުނަގަ އެވެ. އިދާރީ ގިނަ ކަންކަމުގައި ފެންނަނީ ބޮއްސުންލައިގެންދާ ތަނެވެ.

އެޗްއޯއީސީން ބުނީ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކަންކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ކްލިނިކެއް ހުޅުވާފައިވާއިރު، ޑޮކްޓަރެއްގެ ހިދުމަތް އެތަނުން ފަސޭހައިން ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ. އަދި ގެތަކަށް ގޮސް ހިދުމަތް ދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދަ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

އެކަމަކު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހާލަތު ބަދަލު ނުވާ ނަމަ، މިއަށް ވުރެ ބަނަ ދުވަސްތަކެއް އައުން އެކަށީގެންވެ އެވެ. އެންމެ ކުރިން ސިއްހީ އޮފިޝަލުން އިންޒާރުދިން ގޮތަށެވެ.