16 މެއި 2021 - 23:31

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހޭ މީހުންގެ ނިސްބަތަށް ބަލާއިރު، މާލޭ ސަރައްދުގައި ކޮވިޑަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކަށް އެ ބަލި ޖެހޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެތަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގު) ގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ވޭތުވެ ދިޔަ ތިން ހަފުތާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އެތައް ގުނައަކަށް މަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ހަފުތާއެއްގެ ތެރޭގައި އާއްމުކޮށް ޕޮޒިޓިވްވަނީ 900 އެއްހާ މީހުންނެވެ. އެކަމަކު މިހާރު އެ އަދަދު 5،000 އަށް މަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. ހަފުތާއެއްގެ މައްޗަށް ބަލާއިރު، މާލޭގައި ކޮވިޑަށް ޓެސްޓު ކުރާ ކޮންމެ ތިން މީހަކުން އެކަކަށް ބަލި ޖެހިފައިވާ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ކޮވިޑްގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ޓެސްޓު ހަދަން ދާ މީހުންގެ ތެރެއިން ވެސް ޕޮޒިޓިވްވާ އަދަދު ވަނީ ފަސް ގުނައަށް އިތުރުވެފަ އެވެ. ބެކްލޮގާ ނުލައި މާލޭ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 700 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވާކަން ޑރ. ޝަހީދު ފާހަގަ ކުރެއްވި އެވެ.
ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް މީގެ ކުރިން ދުވަހަކު މައްޗަށް ނުދާ ވަރަށް މިހާރު ވަނީ މަތިވެފަ އެވެ.
ޑރ. ޝަހީދު ވިދާޅުވި ގޮތުގައި މީގެ ތިން ހަފުތާ ކުރިން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނީ 100 އެއްހާ މީހުންނަށް ނަމަވެސް، މިއަދާ ހަމައަށް އެ އަދަދު 262 އަށް ވަނީ އިތުރުވެފަ އެވެ.
"މީގެ ތެރެއިން 16 މީހުން އޮތީ އައިސީޔޫގައި. އަދި 10 މީހަކަށް ދަނީ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން،" ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑްގެ ހަތަރު ވަނަ ރާޅާއެކު، ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި މީހުންނަށް ފަރުވާ ދޭ ފެސިލިޓީތައް މިހާރު ވަނީ ފުރިފަައި ކަމަށެވެ. މިހާރު އެ ތަންތަނުގައި ފަރުވާ ދެނީ އިތުރަށް އެނދު ޖަހައިގެންނެވެ. އެގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އިތުރު އެނދު ޖަހާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގެ ބައެއް ވޯޑުތައް ވެސް މިހާރު ވަނީ ކޮވިޑްގެ ބަލި މީހުންނަށް ހާއްސަ ކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، އަދިވެސް ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހިދާނެ ކަމަށް ބަލައި، އިތުރު އެނދުތައް ޖަހަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އައިޖީއެމްއެޗުގެ ބައެއް ވޯޑުތައް ވެސް ކޮވިޑަށް ހާއްސަކޮށް، ހުޅުމާލޭ ހިޔާގެ ކެޕޭސިޓީ ވެސް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަހީދު ވިދާޅުވި އެވެ.
"އެކަމަކު މި ވަގުތު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާދޭން މީހުން ނެތުން،" އޭނާ ވިދާޅުވި އެވެ.