ބެލާ ހަޑީޑް އިޒްރޭލު ސިއްސުވާލައިފި
ބެލާ ހަޑީޑް އިޒްރޭލު ސިއްސުވާލައިފި

އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާ މީހުން ގިނަވެ، އެންމެ ފަހުން އިޒުރޭލަށް މަޖުބޫރުވީ އެ މީހުންގެ އަޑު ކަނޑުވާލަން ފޭސްބުކާއި ޓުވީޓާ ވެސް ހިސޯރުކުރެވޭތޯ ބެލުމެވެ. އެކަމަކު އެ މަސައްކަތް ނާކާމިބުވެފައިވާކަން އެނގެނީ އިޒުރޭލުގެ ރަސްމީ ޓުވިޓާ ހޭންޑަލް އިން ކުރާ ޓުވީޓުތަކަށް އާންމުން ދޭ ރައްދުތަކުންނެވެ. -- އެގޮތުން މިފަހަރު އިޒުރޭލު ސިއްސުވާލީ އެމެރިކާގެ މަޝްހޫރު މޮޑެލް ބެލާ ހާޑީޑް އިންސްޓަގްރާމްގައި ކުރި ލައިވް ވީޑިއޯއެކެވެ.

ބެލާ ހަޑީޑް އިޒްރޭލު ސިއްސުވާލައިފި
ބެލާ ހަޑީޑް އިޒްރޭލު ސިއްސުވާލައިފި

ބެލާ މި ލައިވް ވީޑިއޯ ކޮށްފައިވަނީ އެމެރިކާގެ ނިއު ޔޯކް ސިޓީގައި އިޒުރޭލާ ދެކޮޅަށް މިއަދު ކުރި މުޒާހަރާގެ ތެރެއިންނެވެ. އެ ވީޑިއޯގައި އޭނާ އަޑުއަހަރުކޮށް، ފަލަސްތީނު މިނިވަންކުރަން ގޮވާ އަޑު ވެސް އިވެ އެވެ.

މާ ގިނައިރުތަކެއް ނުވަ އިޒުރޭލުގެ ރަސްމީ ޓުވިޓާ ހޭންޑަލް އިން މި ވީޑިއޯ ޓުވީޓްކުރި އެވެ. އަދި ބުނީ ބެލާ ކަހަލަ މަޝްހޫރު މީހުން ޔަހޫދީން "މޫދަށް އުކަން" ގޮވާލުމަކީ ޔަހޫދީ ދައުލަތެއް ނައްތާލަން ތާއީދުކުރުން ކަމަށެވެ. އަދި މިއީ އިޒުރޭލާއި ފަލަސްތީނާ ދެމެދު އޮތް މައްސަލައެއް ނޫން ކަމަށާއި މިއީ އިންސާނިއްޔަތުކަމާ ގުޅުން ހުރި މައްސަލައެއް ކަމަށް ބުނެފައިވެ އެވެ.

"ލަދު ގެންބަލަ،" ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ބެލާ އަށް ރައްދު ދެމުން އިޒުރޭލުގެ ޓްވީޓުގައި ބުނެފައިވެ އެވެ.

މިއާއެކު ބެލާ ސަޕޯޓަރުންނާއި އާންމުން ވެސް ވަނީ އިޒުރޭލަށް ރައްދު ދޭން ފަށައިފަ އެވެ.

"ހީވަނީ ބެލާ މުޅި އިޒްރޭލު ސިއްސުވާލިހެން. އަހަރެންގެ އިހުތިރާމް ބެލާ އަށް،" މިއަށް ރައްދުން ދިން މީހަކު ބުންޏެވެ.

ބެލާ ވަނީ މީގެ ކުރިން ވެސް އިޒްރޭލާ ދެކޮޅަށް ވަރަށް ގިނަ އިންސްޓަގްރާމް ޕޯސްޓުތައް ކޮށްފަ އެވެ. އަދި ބެލާ ވެގެން ގޮސްފައި ވަނީ މިހާތަނަށް އިޒްރޭލާ ދެކޮޅަށް އެންމެ ގިނައިން ފާޅުގައި އަޑުއުފުލި ވަރުގަދަ ސެލެބްރިޓީއަށެވެ.

އެމެރިކާއަށް އުފަންވި ނަމަވެސް، ބެލާ އަސްލު ނިސްބަތްވަނީ ފަލަސްތީނަށެވެ. އާންމު ނަމުގެ ގޮތުގައި ބެލާ ހަޑީޑް ބޭނުންކުރި ނަމަވެސް އޭނާގެ އަސްލު ނަމަކީ އިޒަބެއްލާ ޚައިރް ހަޑީޑް އެވެ.

ބެލާގެ ބައްޕަ، މުހައްމަދު ހަޑީޑް އަކީ ފަލަސްތީނު މީހެކެވެ. ރިއަލް އެސްޓޭޓްގެ ވިޔަފާރީވެރިއެއް ކަމަށްވާ މުހައްމަދު އޭނާގެ އާއިލާއާ އެކު ފަލަސްތީނު ދޫކޮށް ދިޔައީ 1948 ވަނަ އަހަރު ޔަހޫދީންނާ ދެކޮޅަށް އެ ކުރި ހަނގުރާމާގައި އެ މީހުންގެ ގެދޮރުން ނެރެލުމުންނެވެ.

"އަހަރެމެން ރެފިއުޖީންގެ ގޮތުގައި ސީރިއާގައި ތިބިން އަދި ސަފާދު [އިޒުރޭލުން ފޭރިގަނެފައިވާ ފަލަސްތީނުގެ ކުރީގެ ސިޓީއެއް] އަހަރެމެން އަހަރެމެން ނުކުންނަ ޖެހުނީ އަހަރެމެން ހިމާޔަތް ދިން ޔަހޫދީ އާއިލާއަކުން އަހަރެމެންގެ ގެދޮރު ފޭރިގަތުމުން... އެކަމަކު އެކަމާ ހިތްބުރަނުކޮށް އަހަރެމެންގެ އާއިލާއިން އަދިވެސް އެކަން ކުރަން ޖެހިއްޖެއްޔާ ކުރާނަން،" މުހައްމަދު 2015 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި އަޑު އުފުލަމުން ދަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.