19 ނޮވެމްބަރ 2016 - 12:07

ލަންޑަން (ނޮވެމްބަރު 19) - ޗެލްސީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު އެޑެން ހަޒާޑަކީ ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށާއި އެކަމަކު ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީގެ ފެންވަރަށް އޭނާ އަދި ނުދާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީން 2014-2015 ވަނަ އަހަރު ޕްރިމިއާ ލީގު ހޯދިއިރު އެ ފަހަރު ލީގުގެ މޮޅު ކުޅުންތެރިޔަކީ ހަޒާޑް އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ހަޒާޑްގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއިރު، ޗެލްސީ ލީގު ނިންމާލީ 10 ވަނައިގައި އޮވެ އެވެ.
މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ކޮންޓޭ ހަވާލުވި ފަހުން އުމުރުން 25 އަހަރުގެ ހަޒާޑް އަންނަނީ ކުރީގެ މޮޅު ކުޅުން ތަކުރާރު ކުރަމުންނެވެ. ކޮންޓޭ ބުނީ އަދިވެސް ހަޒާޑްގެ ކުޅުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"ހަޒާޑް އޭނާގެ މޮޅު ކުޅުން ދެއްކުމަކީ އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އޭނާ އަށް އަދިވެސް އިތުރަށް ރަނގަޅުކުރެވޭނެ ކަންތައްތަކެއް އެބަހުރި. މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން (މެސީ އާއި ރޮނާލްޑޯ) އާއި ހަޒާޑް އަޅާކިޔަން ރަނގަޅު ވަގުތެއް ނޫން،" ކުރިން ޔުވެންޓަސް އަށް ކޯޗުކޮށްދިން ކޮންޓޭ ބުންޏެވެ.
ހަޒާޑް ބުނީ މިދިޔަ ސީޒަނުގައި އޭނާގެ ކުޅުން ދަށްވި ނަމަވެސް ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
"ކުޅުން ދަށްވުމުން ކްލަބް ބަދަލުކުރަން ބޭނުމެއް ނުވި. ސީޒަން ފެށުމުގެ ކުރިން ކޮންޓޭއާ އެކު ބޭއްވި ވާހަކަތަކަށް ފަހު އަހަރެންނަށް އިތުބާރު ލިބުނު. އަހަރެން ޗެލްސީ ދޫކޮށްލާނީ ލީގެއް ހޯދައިދިނުމަށް ފަހު ނޫނީ ބޮޑު ކާމިޔާބެއް ހޯދައިދީފައި،" ހަޒާޑް ބުންޏެވެ.
ލީގުގައި ޗެލްސީ އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ރަށުން ބޭރުގައި ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.