16 މެއި 2021 - 16:20

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އެ ބޯޑަށް ކުރިމަތިލާން އެދޭ ފޯމު ބަލައިގަންނާތީ އަންނަ ހަފުތާގެ އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު ފަހު 12:30 އަށް ކަމަށެވެ. އެ ފޯމު www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރުކުރުމާ އެކު އާ ކައުންސިލަރުން އިންތިހާބު ހުވާކުރުމާ ހަމައަށް އަމަލުކުރާނެ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި އެވެ. އެ ގާނޫނު ދެމި އޮންނާނީ އާ ކައުންސިލަރުން ހުވާކުރުމާ ހަމައަށެވެ.
މިިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މާދަމާ ހުވާކުރާނެ އެވެ.
ވަގުތީ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަހަރު އެލްޖީއޭއަށް އާ މެމްބަރުން އައްޔަންކޮށްފަ އެވެ.
އެލްޖީއޭގެ ބޯޑުގައި ނުވަ މެމްބަރުން ތިއްބަވާނެ އެވެ. އެއީ، ރައީސް އައްޔަންކުރައްވާ ވަޒީރަކާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މަދަނީ ޖަމިއްޔާގެ މެންބަރަކާއި ސިޓީ ކައުންސިލަރުންގެ ތެރެއިން އައްޔަންކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެމްބަރަކާއި ފިނޭންސް މިނިސްޓްރީގެ މެމްބަރެއް އަދި ރައީސް އައްޔަންކުރައްވާ އެލްޖީއޭގެ ސީއީއޯ އެވެ.