ޓްވީޓް "އަންޑޫ" ކުރެވޭ ފީޗާ އަކީ ޓްވިޓާ ބްލޫ، ފީ އަކީ މަހަކު 2.99 ޑޮލަރު
ޓްވީޓް "އަންޑޫ" ކުރެވޭ ފީޗާ އަކީ ޓްވިޓާ ބްލޫ، ފީ އަކީ މަހަކު 2.99 ޑޮލަރު

ޓްވިޓާ އިން ޓެސްޓްކުރަމުން އަންނަ، ޓްވީޓެއް ކުރުމަށް ފަހު ވަކި ވަގުތެއްގެ ތެރޭގައި އެ ޓްވީޓަކަށް ބަދަލު ގެނެވޭ ފީޗާގެ ނަމަކީ "ޓްވިޓާ ބްލޫ" ކަމަށް ބުނެފި އެވެ.

މި ވާހަކަ އާންމުކޮށްފައި ވަނީ ޓެކް ކުންފުނިތަކުން އެ މީހުންގެ އާ އުފެއްދުންތަކާއި ފީޗާތަކާ ބެހޭ މައުލޫމާތު ރަސްމީކޮށް އާންމުކުރުމުގެ ކުރިން އެތެރެއިން މައުލޫމާތު ހޯދައިގެން ހާމަކުރާ ރިސާޗަރު ޖޭން މަންޗުން ވޮންގް އެވެ. އޭނާގެ ކުރި ޓްވީޓެއްގައި ބުނި ގޮތުގައި "ޓްވިޓާ ބްލޫ" އަކީ މަހު ފީ އަށް 2.99 ޑޮލަރު (46ރ.) ދައްކަން ޖެހޭނެ ހިދުމަތެކެވެ.

މި ވާހަކަތައް ތިލަވި ނަމަވެސް ޖެކް ޑޯޒީގެ ޓްވިޓާ އިން އޮތީ އަދި އެކަމާ ބެހޭ އިތުރު ތަފުސީލެއް ދޭން ތައްޔާރަކަށް ނޫނެވެ. ޖޭން ބުނެފައިވާ ގޮތުގައި "އަންޑޫ" ފީޗާގެ އިތުރުން "ޓްވިޓާ ބްލޫ" އަށް "ބުކްމާކް ކަލެކްޝަން" ފީޗާ ވެސް އަންނާނެ އެވެ.

ޓެކް ޚަބަރުތައް ބުނާ ގޮތުން ޓްވިޓާގެ އަމާޒަކީ ފީ ދައްކައިގެން ލިބޭ ހިދުމަތެއްގެ ގޮތުގައި "ޓްވިޓާ ބްލޫ" ގެނެސްދީގެން މަތީ ފެންވަރުގެ ޕްރީމިއަމް ސާވިސްއެއް ދިނުމެވެ. ޓްވިޓާ އަކީ މިހާރު ވެސް އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން އެކައްޗެވެ.

މައިގަނޑު ގޮތެއްގައި އިޝްތިހާރުން އާމްދަނީ ހޯދާ ޓްވިޓާ މާލީ ގޮތުން ވަރުގަދަކުރުމުގެ މަސައްކަތުގެ ދަށުން، ފީ ދައްކައިގެން ބޭނުންކުރެވޭ ފީޗާތަކެއް ތައާރަފްކުރާނެކަން ކުރިން ވަނީ އިއުލާނުކޮށްފައިވެ އެވެ. އަދި އެކަމާ ގުޅުވައިގެން ޓްވިޓާ އިން ވަނީ "ސްކްރޯލް" ވެސް ގަނެފަ އެވެ.

ޓްވިޓާ އަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރޭގައި ފީ ދެއްކުމުން ނޫނީ ނުފެންނަ "ވޯލް" އެއް ތައާރަފްކުރުން ވެސް ހިމެނެ އެވެ. އޭރުން އެ ވޯލްގައި ހުންނަ ކޮންޓެންޓް ފެންނާނީ ފީ ދައްކާ މީހުންނަށް އެކަންޏެވެ.