16 މެއި 2021 - 15:08

ލަންޑަން (16 މެއި) - ލެސްޓާ ސިޓީން ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަން ހޯދި މެޗަށް ފަހު ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗައުދަރީ އާއި ވެސްލީ ފޮފޮނާ ފަލަސްތީނުގެ ދިދަ ވިހުރުވައި، އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ދެކޮޅުކަން ހާމަކޮށްދީފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާ ހިސާރުކޮށް އަނިޔާވެރިމާ އެކު އާންމުންނަށް ހަމަލާ ދެމުން ގެންދާ ވަގުތެއްގައި އިނގިރޭސި ވިލާތުގެ އެންމެ ބޮޑު ސްޓޭޑިއަމް ލަންޑަން ވެމްބްލީގައި ހަމްޒާ އާއި ފޮފްނާ ފަލަސްތީނަށް ތާއީދުކޮށް ދިދައާ އެކު އުފާ ފާޅުކުރުމުން ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.
ބަންގުލަދޭޝްގެ ދަރިކޮޅަށް ނިސްބަތްވާ ހަމްޒާ ޗައުދަރީ، ޗެމްޕިއަން މެޑަލް ބަލައި ދިޔައީ ވެސް އޭނާގެ ކޮނޑުމަތީގައި ފަލަސްތީންގެ ދިދަ އަޅާލައިގެންނެވެ. ޗެމްޕިއަންކަން ލިބުމުން އުފާފާޅު ކުރުމުގައި ފްރާންސްގެ ޑިފެންޑަރު ފޮފްނާ ވަނީ ފަލަސްތީން ދިދަ ހާމަކުރުމުގައި އޭނާއާ ބައިވެރިވެފަ އެވެ.
އިޒްރޭލުން ފަލަސްތީނަށް މިހާރު ގެންދަމުންދާ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. ލަންޑަނާއި ބާލިން، ޕެރިސް އަދި މެޑްރިޑްގައިވެސް ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ އިޒްރޭލާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
ލެސްޓާ ސިޓީން ޗެމްޕިއަންކަން ހޯދީ މެޗުގެ ދެވަނަ ހާފުގައި ޔޫރީ ޓިއެލްސަމަންސް ކާމިޔާބުކުރި ލަނޑުންނެވެ. އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ އަތުން 1-0 އިން މޮޅުވެ، ލެސްޓާ ސިޓީ އެފްއޭ ކަޕްގެ ތަށި ހޯދި އިރު މިއީ އެ ކްލަބުން އެފްއޭ ކަޕްގެ ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.