ޕްރިމިއާ ލީގުގެ އެއްވެސް މެޗެއް ފަސޭހައެއް ނޫން: ގާޑިއޯލާ
ޕްރިމިއާ ލީގުގެ އެއްވެސް މެޗެއް ފަސޭހައެއް ނޫން: ގާޑިއޯލާ

ލަންޑަން (ނޮވެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅެން ޖެހެނީ ވަރަށް ސަމާލުވެގެން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނުކުންނައިރު، ސިޓީ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ޕެލަސް އޮތީ ލީގުގެ 16 ވަނައިގަ އެވެ. ގާޑިއޯލާ ބުނީ ލީގުގެ މަގާމަށް ބަލަައިގެން މެޗު ފަސޭހަކޮށްލުމަކީ ހެދޭނެ ގޯހެއް ކަމަށެވެ.

"ކުރިއަށް އޮތީ ލީގަށް ވާދަކުރާނަމަ އެކަން ސާބިތުކޮށްދޭން މޮޅުވާން ޖެހޭ މެޗުތައް. ޕެލަސް އޮތް މަގާމަށް ބަލައިގެން މި މެޗަށް ނުކުމެއްޖެނަމަ އަހަރެމެންނަށް ލަނޑު ލިބިދާނެ. އެއީ ޕްރިމިއާ ލީގުގެ އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ،" ކުރިން ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ގައުމީ ޓީމުގެ މެޗުތަކަށް ފަހު ކުޅުންތެރިންނަށް ވަނީ ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްވެފައި ކަމަށާއި އެހެން ކަމުން މި މެޗުގައި ބަދަލުތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ގާޑިއޯލާ ބުންޏެވެ.

"މިހާރު ފުޓްބޯޅަ ކުރިއަށްދާ ގޮތަށް ބަލާއިރު ވަރަށް އުނދަގޫ ޝެޑިއުލެއް މި އޮންްނަނީ. ދެކުނު އެމެރިކާ ކުޅުންތެރިން މި އަންނަން ޖެހެނީ މެޗުތައް ކުޅުމަށް ފަހު ރަނގަޅު ރެސްޓެއް ނުލިބި ފްލައިޓަށް އަރައިގެން އިންގްލެންޑަށް. އަރާމުނުކޮށް ދަތުރުކުރުމަކީ ކުޅުންތެރިންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ދަތިކަމެއް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ލީގަށް ވާދަކުރާ ޓީމުތައް ކަނޑައަޅަން އަދިވެސް އަވަސް ކަމަށާއި ލީގުގައި ކުރިއަށް ހުރި މެޗުތަކުން ގިނަ ކަންތައްތަކެއް ހިނގާނެ ކަމަށެވެ.

ޕެލަސްގެ ކޯޗު އެލަން ޕާޑިއު ބުނީ އޭނާގެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންޑަރުން ފަރުވާ ކުޑަކުރުން ކަމަށެވެ. އަދި ބައިކޮޅަށް ވަން ލަނޑު ގިނަ ވުމަކީ ބޮލު ރިހުމެއް ކަމަށް އޭނާ ބުންޏެވެ.

ސިޓީ އާއި ޕެލަސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު އެވެ.