ކީޕަރުންގެ ސިލެކްޝަނަށް ފުލް މާކްސް
ކީޕަރުންގެ ސިލެކްޝަނަށް ފުލް މާކްސް

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އެކުލަވާލާއިރު މީގެ ކުރިން އެންމެ ބޮޑަށް ސުވާލު އުފައްދަނީ ގޯލްކީޕަރުންގެ ސިލެކްޝަނާ މެދުގަ އެވެ. އަދި އެންމެ ބޮޑު ފާޑުކިއުމެއް އަންނަނީ ވެސް ކީޕަރުން އިހްތިޔާރުކުރާ ގޮތުގެ މައްޗަށެވެ.

ކީޕަރުންގެ ސިލެކްޝަނަށް ފުލް މާކްސް
ކީޕަރުންގެ ސިލެކްޝަނަށް ފުލް މާކްސް

ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗް އަސްލަމް އަބްދުއްރަހީމަށް ސީދާ ގޮތުން އެ ފާޑު ކިއުން ބަންޑުން ކޮށްލަ އެވެ. އޭނާގެ ވެސް ހިއްސާ އޮވެގެން ނަގާ ކީޕަރުންގެ ޓީމާ މެދު ސުވާލު އުފައްދައި އޭނާ ވެސް ހޫނު ފެނަށް ވައްޓައިލަ އެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަންގައި 2017 ގައި އެކުލަވާލި ގައުމީ ޓީމަށް، ކްލަބުތަކުގެ ބެންޗުގައި ތިބީ ކީޕަރުން ނެގުމުން އަސްލަމަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. ސަބަބަކީ އޭރު މެޗުތައް ކުޅުނު ބައެއް ކީޕަރުންނަށް ފުރުސަތު ނުލިބި ބެންޗުގައި ތިބި ކީޕަރުންނަށް ފުރުސަތު ދިނުމުންނެވެ.

ކީޕަރުންގެ ސިލެކްޝަނަށް ފުލް މާކްސް
ކީޕަރުންގެ ސިލެކްޝަނަށް ފުލް މާކްސް

ނަމަވެސް މިފަހަރު އެކުލަވާލި ގައުމީ ޓީމުގައި އެންމެ އެކިއުރޭޓް ހައްލެއް ހޯދި ޑިޕާޓްމެންޓަކީ، ގޯލްކީޕިން ޑިޕާޓެމެންޓެވެ. އިނީޝިއަލް ސްކޮޑްގައި ހިމެނި ފަސް ގޯލްކީޕަރުންނަކީ ވެސް ލީގުގައި ގިނަ އަދަދަކަށް މެޗު ކުޅުނު ކީޕަރުންނެވެ. ފާޑުކިޔުންތަކުން އަސްލަމާއި އޭނާގެ ގޯލްކީޕަރުން މިފަހަރު ސަލާމަތްވެއްޖެ އެވެ.

"މިއީ އަބަދުވެސް އަޅުގަނޑު ބުނާ ވާހަކަ ދިވެހި ކީޕަރުންނަށް ކްލަބުތަކުން ފުރުސަތު ދެންޏާ ކީޕަރުންގެ ސިލެކްޝަން ފުރިހަމަ ވާނެ،" އަސްލަމް "މިހާރު" އަށް ބުންޏެވެ. "ކްލަބުތަކުން ޖެހޭނީ ދިވެހި ކީޕަރުންނަށް އިތުބާރު ކުރަން. އެ ފުރުސަތު ދިނީމަ ދިވެހި ކީޕަރުން ތަފާތު އެބަ ދައްކާ މި ސީޒަންގައި އެކަން ފެނިގެން މިދަނީ."

މިފަހަރު އެ މަސައްކަތުގައި އަސްލަމަށް އެހީތެރިވާން ކުރީގެ ކީޕަރު އިމްރާން މުހައްމަދު ވެސް ގައުމީ ޓީމުގެ ކޯޗިން ޓީމުގައި އެބަހުއްޓެވެ. ކީޕަރުންގެ ޓީމަށް ލިބޭ ފުލް މާކްސްއާ އެކު ކޯޗިން ޓީމުގެ މަސައްކަތް ބުރަ ވެއްޖެ އެވެ. ފައިނަލު ސްކޮޑްގައި ހިމާނާ ތިން ކީޕަރުން ފައިނަލު ކުރުން މިފަހަރު ފަސޭހައެއް ނުވާނެކަން އަސްލަމް ގަބޫލު ކުރެ އެވެ.

"ޗެލެންޖު އޮތުމަކީ ކޯޗިންގެ ބިއުޓީ އަކީ،" އޭނާ ބުންޏެވެ. "މިފަހަރު އެއްވަރަކަށް ޕާފޯމް ކޮށްފައި ތިބި ގޯލްކީޕަރުން ތިބީމަ ކީޕަރުންގެ މެދުގައިވެސް ޗެލެންޖެއް އޮންނާނެ ފައިނަލް ސްކޮޑުގައި ހިމެނުމަށް. އެކަމަކު އެކަން ވާނީ ރަނގަޅު ޗެލެންޖަކަށް. އަދި ފައިނަލް ތިން ކީޕަރުން ނެގުމުގައި އަހަރެމެން ކޯޗިން ޓީމަށް ވެސް ޗެލެންޖު މިފަހަރު ބޮޑުވާނެ."

ގައުމީ ޓީމަށް ނެގި ފަސް ކީޕަރުންގެ ތެރެއިން، ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކީޕަރަކީ، ގްރާންޑޭ ސްޕޯޓްސް ކުލަބްގެ އިޔާން އަބްދުލް އަލީމް އެެވެ. ގައުމީ ޓީމުގައި ހިމެނުނު ކީޕަރުންގެ ތެރެއިން ލީގުގެ ހުރިހާ މެޗެއްގައި ކުޅުނު ހަމައެކަނި ކީޕަރަކީ އެއީ އެވެ. ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް ވެސް ލީގުގައި ކުޅެން ފެށީ ފުރަތަމަ ބުރުގެ ފަހުންކޮޅުން ފެށިގެންނެވެ. ސީޒަން ފެށިއިރު އަނިޔާގައި ހުރުމުންނާއި އެ ޓީމުގައި މުހައްމަދު ޝާފީއު (ޗެކް) ދެއްކި ކުޅުމާއެކު ފައިސަލްގެ މައްޗަށް ވެލެންސިއާއިން ފުރަތަމަ އިސްކުރީ ޗެކް އެވެ. މިފަހަރުގެ ސްކޮޑްގައި އޭނާވެސް ހިމެނުނެނެވެ.

ކުރިން ގައުމީ ޓީމުގެ ދެ ވަނަ ކީޕަރުގެ ގޮތުގައި ފައިނަލް ސްކޮޑުން ޖާގަ ލިބޭ، މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް ލީގުގައި ކުޅެން ފެށީ ދެ ވަނަ ބުރުގެ ކުރީކޮޅުން ފެށިގެންނެވެ. ސީނިއާ ޓީމުން އަލަށް ޖާގަ ހޯދި ކީޕަރު ޔުނައިޓެޑް ވިކްޓަރީ އަލީ ނާޖިހްއަކީ ލީގުގެ ދެ ވަނަ ބުރުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކީޕަރެވެ. މެޗަކަށް ފަހު މެޗަކުން ކުރިއެރުން ހޯދަމުން އައިސް ޔުނައިޓެޑް ވިކްޓަރީގެ ދާއީމީ ކީޕަރެއްގެ ގޮތުގައި ނާޖީ ހުރީ ހަމަޖެހިލައިގެންނެވެ. އަދި މިފަހަރު ސީޒަންގައި މޭންއޮފްދަ މެޗު ހޯދި ދިވެހި ހަމައެކަނި ކީޕަރަކީ ވެސް އޭނާ އެވެ.

ކީޕަރުންގެ ސިލެކްޝަން ވަރުގަދަ ވުމުން ކުރިން ފައިނަލް ސްކޮޑުން ޖާގަ ލިބޭ ކީޕަރުން މިފަހަރު ބާކީވުމަކީ ވެސް ވެދާނެ ކަމެކެވެ. ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ކީޕަރު ފައިސަލަށް ވެސް ފައިނަލު ސްކޮޑުގައި ހިމެނުނު މިފަހަރު ވަނީ ޗެލެންޖަކަށެވެ. ނިސްބަތުން ބިދޭސީ ކީޕަރުން ގިނަ މި ސީޒަންގައި ވެސް ދިވެހި ކީޕަރުން ތަފާތު ދައްކައިފި އެވެ. އޭގެ ނަތީޖާ ފެނުނީ ގައުމީ ސްކޮޑުންނެވެ.