އިންޓެލިޖެންސް އޮޑިޓްގެ އޮޑިޓްގެ މަސައްކަތް ފަށައިފި: މަބްރޫކް
އިންޓެލިޖެންސް އޮޑިޓްގެ އޮޑިޓްގެ މަސައްކަތް ފަށައިފި: މަބްރޫކް

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އެވަރުގެ ބޮޑު ހާދިސާއެއް ހިނގިއިރު އިންޓެލިޖެންސް ފެއިލްވި ސަބަބު ބަލަން ޖެހޭ ކަމަށާއި އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓެލިޖެންސްގެ އޮޑިޓް ހަދަނީ ރައީސް އޮފީހާއި އެޓާނީ ޖެނަރަލް އޮފީސް ގުޅިގެން އުފައްދާފައިވާ ޓީމަކުން ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިޓެލިޖެންސްގެ މަސައްކަތް ހުރި ގޮތުގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޓީމްގެ ހޯދުންތައް ރައީސް އާ ހިއްސާ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފްއަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އެ މައުލޫމާތު ލިބުމާއެކު ނަޝީދުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސަލާމަތީ ކަންކަން ހުރި ގޮތުންނާއި ނަޝީދުގެ ސަލާމަތަށް އެކަށީގެން ފިޔަވަޅެއް އެޅިފައި ނުވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންނަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް މި ތިން މީހުން ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.